Last Updated: June 7, 22:00
Sunday, June 7, 2026
ޚަބަރު

ރިޔާދު ޓްރެވެލް ފެއާގައި ރާއްޖެ ބައިވެރިވެއްޖެ

ރިޔާދު ޓްރެވެލް ފެއަރ 2023 ގައި ރާއްޖެއިން ބައިވެރިވަނީ / ފޮޓޯ: އެމްއެމްޕީއާރްސީ

ސައުދީ އަރަބީއްޔާ މާކެޓުގައި ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓް ކުރުމަށް، 15 ކުންފުންޏަކާއި އެކު ރިޔާދު ޓްރެވެލް ފެއަރގައި ރާއްޖެއިން ބައިވެރިވެއްޖެއެވެ.

މިމަހުގެ 22 އިން 24 އަށް ސައުދި އަރަބީއްޔާގެ ރިޔާދުގައި ކުރިއަށް ގެންދިޔަ ފެއަރގައި، އެމްއެމްޕީއްރާސީއާއި އެކު 15 ކުންފުންޏަކުން 26 ފަރާތެއް ވަނީ ބައިވެރިވެފައެވެ. އެމްއެމްޕީއާރްސީން ބުނީ، ރިޔާދު ޓްރެވެލް ފެއަރގައި ބައިވެރިވުމުގެ އެންމެ ބޮޑު ބޭނުމަކީ، ސައުދީ މާކެޓުގައި ރާއްޖޭގެ މަޤްބޫލުކަން އިތުރުކޮށް ހަލާލް ޓުއަރިޒަމް ޕްރޮމޯޓް ކުރުމާއި، މެދު އިރުމަތީގައި ރާއްޖޭގެ ލަގްޒަރީ ސެގްމެންޓަށް ތަރުހީބު އިތުރު ކުރުން ކަމަށެވެ.

ފެއަރގެ ތެރޭގައި ރާއްޖެއިން ބެހެއްޓި ސްޓޭންޑުން ރާއްޖޭގެ ފަތުރެވެރިކަމުގެ މުހިންމު ކަންކަން ވަނީ ގެނެސްދީފައެވެ. މީގެ ތެރޭގައި ލަގްޒަރީ ޓްރެވެލް، ހަލާލް ޓުއަރިޒަމް، ފެމިލީ ހޮލިޑޭ އަދި ސަޤާފީ ބައެއް މާކެޓާއި ގުޅޭނެ މުހިންމު ކަންކަން ވަނީ ގެނެސްދީފައެވެ. މީގެ އިތުރުން ދިވެހި ކެލިގްރަފީ ކޯނާއަކާއި ކާބޯތަކެތި ރަހަ ބެލުމަށް ހާއްސަ ތަންކޮޅަކާއި ކަލްޗަރަލް ކުއިޒް އަދި ބައިވެރިންގެ މެދުގައި ގުރުއަތުލުން ކުރިއަށް ގެންދިޔައެވެ.

ރިޔާދު ޓްރެވެލް ފެއަރ އަކީ ކޮންމެ އަހަރަކުވެސް މި ސަރަހައްދުގެ ގިނަ އެގްޒިބިޓަރުން ބައިވެރިވާ މުހިންމު ޓްރެވެލް ފެއަރއެކެވެ. މި ފެއަރގައި ތެރެއިން މުހިންމު ފަތުރުވެރިކަމުގެ ޕްރޮޑަކްޓުތަކާއި ޙިދުމަތްތައް އަދި އިންވެސްޓްމެންޓުތައް ދުނިޔޭގެ މި ދައިރާގެ މަޤްބޫލު ކުންފުނިތަކުން ތަޢާރަފް ކުރެއެވެ. މި ހަރަކާތުގައި ޓުއަރ އޮޕަރޭޓަރުންނާއި، ޓްރެވެލް އޭޖެންޓުން އަދި ކުންފުނިތަކުގެ އިސްވެރިންނާއި ސިނާޢަތުގެ ގޮތް ކިޔާ މުހިންމު މީހުން ބައިވެރިވާކަން އެމްއެމްޕީއާރްސީން ފާހަގަ ކުރެއެވެ.

ރިޔާދު ޓްރެވެލް ފެއަރ 2023 ގައި ރާއްޖެއިން ބައިވެރިވަނީ / ފޮޓޯ: އެމްއެމްޕީއާރްސީ

ފެއަރގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓުކޮށް ފަތުރުވެރިންގެ އަދަދު އިތުރުކުރުމުގެ އިތުރުން، ރާއްޖޭގެ ގެސްޓް ހައުސް، ހޮޓާ، ރިސޯޓް އަދި ލިވަބޯޑްތައް ޕްރޮމޯޓް ކުރުމުގެ ފުރުސަތު ލިބިގެން ދިޔައެވެ. މީގެ އިތުރުން ގުޅުން ބަދަހިކޮށް އެކުގައި ދިޔަ ކުންފުނިތަކަށް އައު ގުޅުންތައް މިމާކެޓުގައި އުފެއްދުމުގެ ފުރުސަތު ވަނީ ލިބިގެން ގޮސްފައި ކަމަށް އެމްއެމްޕީއާރްސީން ބުނެއެވެ.

މެދު އިރުމަތީ މާކެޓުގައި ރާއްޖެ ޕްރޮމޯޓް ކުރުމަށް މަސައްކަތް ކުރަމުންދާއިރު، މިއަހަރުގެ އެޕްރީލްގެ ނިޔަލަށް މިމާކެޓުން ރާއްޖެއަށް 23453 ފަތުރުވެރިން އައިސްފައިވާ ކަމަށް އެމްއެމްޕީއާރްސީން ބުނެއެވެ. މިއާއެކު އިތުރު މާކެޓިން ހަރަކާތްތައް ހިންގުމަށް ރޭވިފައިވާ ކަމަށް އެކުންފުނިން ބުނެއެވެ.