Last Updated: July 25, 18:05
Sunday, July 26, 2026
މުނިފޫހިފިލުވުން

މަސް ދުވަހަށް ވަރޫން ސާބިއާ އަށް

ބޮލީވުޑްގެ ތަރި ވަރޫން ދަވަންގެ ފުރަތަމަ ވެބް ސީރީޒް "ސިޓަޑެލް އިންޑިއާ" ގެ ޝޫޓިން އަށް މަސް ދުހަހަށް ސާބިއާ އަށް ދާން ތައްޔާރުވެއްޖެ އެވެ.

ޕްރެސް ޓްރަސްޓް އޮފް އިންޑިއާ (ޕީޓީއައި) އަށް ދިން އިންޓަވިއުއެއްގައި އޭނަ ބުނީ އެ ގައުމުގައި ސީރީޒްގެ ވަރަށް ވަރުގަދަ އެކްޝަން މަންޒަރުތަކެއް ޝޫޓްކުރާނެ ކަމަށާއި މި ސީރީޒްގެ މަސައްކަތް ކުރިއަށްދާ ގޮތާ ދޭތެރޭ ވަރަށް ހިތްހަމަޖެހިފައި ހުރި ކަމަށެވެ. އަދި މީގެ ކުރިން ނުކުރާ ކަހަލަ މަސައްކަތްތަކެއް ކުރަން ލިބުމުން ވަކިން ބޮޑު އުފަލެއް ލިބިފައިވާ ކަމަށް ބުންޏެވެ.

"މީގެ ކުރިން އިންޑިއާގެ އުފެއްދުމަކުން ނުފެންނަ ޒާތުގެ އެކްޝަން މަންޒަރުތަކެއް ސިޓަޑެލް އިންޑިއާ އިން ފެންނާނެ. އަދި މިއީ ވަރަށް ވަރުގަދަ ބޮޑު މަސައްކަތަކަށް ވާނެ." މަޝްހޫރު ޑައިރެކްޓަރު ޑޭވިޑް ދަވަންގެ ދަރިފުޅު ބުންޏެވެ.

މިދިޔަ އަހަރުގެ ފަހުކޮޅު ޝޫޓިން ފެށި މި ސީރީޒަކީ މިދިޔަ މަހު އެމެޒޯން ޕްރައިމް ވީޑިއޯ އިން ޕްރީމިއާކުރުި ޕްރިޔަންކާ ޗޯޕްޅާ އާއި ރިޗަޑް މެޑެންގެ ސީރީޒް "ސިޓަޑެލް" ގެ ސްޕިން އޮފެކެވެ. "އެވެންޖާސް: އެންޑްގޭމް" ގެނެސްދިން ޑައިރެކްޓަރުން ކަމަށްވާ އެންތަނީ އާއި ޖޯ ރުސޯގެ އެ ސީރީޒްގައި ވަރުންގެ ހާއްސަ ފެނިލުމެއް ވެސް ހިމެނެ އެވެ.

"ސިޓަޑެލް" ގެ ބޮޑު ކާމިޔާބީއާ ގުޅިގެން އޭގެ ދެވަނަ ސީޒަނެއް ވެސް ހަދަން މިހާރު އޮތީ ނިންމައިފަ އެވެ.

އޭގެ އިންޑިއާ ވާޝަން ޑައިރެކްޓްކުރަނީ މި އަހަރުގެ ފެބްރުއަރީގައި އެމެޒޯނަށް ގެނައި ޝާހިދު ކަޕޫރްގެ ސީރީޒް "ފަރުޒީ" ގެ ޑައިރެކްޓަރުން ކަމަށްވާ ރާޖް އެންޑް ޑީކޭ އެވެ. އަދި އެ މީހުންގެ ސީރީޒްގައި ވަރުންއާ އެކީ ބަތަލާގެ ރޯލުން ފެންނާނީ މަޝްހޫރު ތެލެގޫ ބަތަލާ ސަމަންތާ ރޫތު ޕްރަބޫ އެވެ.

އަލަތު ވެބް ސީރީޒްގެ މަސައްކަތުގައި ވަރޫން ބިޒީކޮށް އުޅެމުން އަންނަ އިރު، އޭނަގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ ނޮވެމްބަރު ރިލީޒްކުރި "ބީޅިޔާ" އެވެ. އަދި ކުރިއަށް އޮތް ފިލްމަކީ އޮކްޓޯބަރުގައި ގެނެސްދޭ "ބަވާލް" އެވެ.