އިންޑިއާ އާއި ޕާކިސްތާނު އަދި ބަންގްލަދޭޝްގައި "ރޫހު އަފްޒާ" ކިޔާ ބުއިމެއްގެ މަގުބޫލުކަން ވަރަށް ބޮޑެވެ. މި ބުއިން މަޝްހޫރުވެފައި ވަނީ އޭގެ ނަމުގެ މާނައިން ވެސް ދޭހަވާ ގޮތަށް ނަފުސަށް ތާޒާކަން ގެނުވައިދޭ އެއްޗެއްގެ ގޮތުގަ އެވެ. އެހެންވެ ވަކިން ހާއްސަކޮށް ރޯދަ މަހުގެ ރޯދަ ވީއްލާ ވަގުތަށް ޕާކިސްތާނާއި އިންޑިއާގައި "ރޫހު އަފްޒާ" އަކީ ވަރަށް މުހިއްމު، އެހާމެ ހާއްސަ ބުއިމެކެވެ.
އެއީ ދިވެހިންގެ ތެރޭގައި ކަރާފަންޏަށް ދެވިފައި އޮންނަ ކަހަލަ މަގާމެކެވެ.

"ރޫހު އަފްޒާ" އަކީ ދިވެހިންގެ ތެރޭގައި އެހާ އާންމު ބުއިމެއް ނޫނެވެ. އެކަމަކު ގަދަ ރަތް ކުލައިގެ މި ބުއިމަކީ އިންޑިއާ އާއި ޕާކިސްތާންގެ ޓީވީ ޗެނެލްތަކުން ދިވެހިންނަށް އާންމުކޮށް ފެންނާނެ އެއްޗެކެވެ. އެހެންވެ ކޮންމެވެސް ވަރަކަށް މީގެ ތެރެއަށް ވަދެލުން ކިހިނެއް ވާނެ ހެއްޔެވެ؟ ހާއްސަކޮށް "ރޫހް އަފްޒާ" ވުޖޫދަށް އައި ގޮތެވެ.
މި ބުއިމުގެ މޭސްތިރި އަކީ ހަކީމީ ބޭސްވެރިކަމުގެ ތަޖުރިބާކާރެއް ކަމަށްވާ 1883 ގައި އުފަންވި ހަކީމު އަބްދުލް ހާފީޒް މަޖީދެވެ. "ރޫހު އަފްޒާ" އުފަައްދާ ކުންފުނި ހަމްދަރުދު ވުޖޫދަށް ގެނައީ އޭނަ އެވެ. "ރޫހު އަފްޒާ އަކީ މި ހަކީމު 1906 ގައި ނިއު ދިއްލީގެ ހައުސް ގާޒީގައި ހުޅުވި ކުޑަ ފިހާރައެއް ފުޅާވެގެން އައި އިރު، އޭގެ ތެރެއިން އުފަންވި ބުއިމެކެވެ. އެ ފިހާރަ އަކީ ފަތްފިލާވެލީގެ އުފެއްދުންތަކަށް ހާއްސަ ތަނެކެވެ.

އެގޮތުން "ރޫހު އަފްޒާ" އަކީ ވެސް ހަކީމުގެ ހަކީމީ ބޭސްވެރިކަމުގެ ތެރެއިން ދިޔަފެލިގެން ނުކުތް ފަތްޕިލާވެލީގެ ބުއިިމެކެވެ. އޭރު ވެސް ހަކީމުގެ މައިގަނޑު މަގުދަސަކަށްވީ ހޫނު ގަދަ ދުވަސްވަރު ހަށިގަނޑާއި ނަފުސަށް ތާޒާކަން ގެނުވައިދޭ ރަހަމީރު އަދި ސިއްހަތަށް ވެސް ފައިދާ ހުރި ބުއިމެއް ގެނެސްދިނުމެވެ. "ރޫހު އަފްޒާ" ގެ ޓެގް ލައިނަކީ "ޑްރިންކް އޮފް ދި އީސްޓް" އެވެ.
މިއަށް އުރުދޫ ބަހުން "ރޫހު ހަފްޒާ" ގެ ނަން ދިނީ އެއީ ހަގީގަތުގައި ވެސް ތާޒާކަން ގެނުވައިދީ ކަރުހިއްކުން ފިލުވައިދޭ ބުއިމަކަށްވާތީ އެވެ. ހާއްސަކޮށް ފިނިކޮށް މި ބުއިމަކީ އެއާ ނުލައި އިންޑިއާ/ޕާކިސްތާން/ބަންގްލަދޭޝް މީހުންނަށް އުޅެން ދަތި ބުއިމެކެވެ. އިންޑިއާ އަށް މިނިވަންކަން ހޯދަން ކުރި މަސައްކަތުގެ ތެރޭގައި ޖޯޝާއި ފޯރި އާއި ހިތްވަރު އާލާކުރަން ވެސް "ރޫހު އަފްޒާ" އަކީ މުހިއްމު ދައުރެއް އަދާކުރި އެއްޗެއް ކަމަށްވެ އެވެ.
"ރޫހު އަފްޒާ" އަށް މިހާރު 117 އަހަރެވެ. އެކަމަކު މިއީ ދެގޮތެއް ނުވެ އަހަރެމެންގެ އެންމެ އަވައްޓެރި ތިން ގައުމެއްގެ ރައްޔިތުންގެ ކަރުހިއްކުން ފިލުވައިދޭ އެއް ވަނައިގެ ބުއިމެކެވެ. އަދި މިއީ މެދުއިރުމަތީގެ ބައެއް ގައުމުތަކުގައި ވެސް މަގުބޫލު ބުއިމެކެވެ.