އައްޑޫ ބިން ހިއްކުމަށް ޖައްރާފު އައްޑޫއަށް ބަނދަރުކުރިތާ އެއް ދުވަސް ތެރޭ އައްޑޫ ބިން ހިއްކުމުގެ މަސައްކަތް ފަށައިފިއެވެ. މިމަސައްކަތުގެ ދަށުން ފުރަތަމަ ފަށާފައިވަނީ ޓްރައިލް ޑެރެޖިންގް މަސައްކަތްތަކެެވެ.
މިއަދު ހެނދު ޓްރެއިލް ޑްރެޖިން މަސައްކަތް ރަސްމީކޮށް ފަށާފައިވަނީ، ހިތަދޫ ޒޯން 2 އިން ގަނކެނޑި ބްރިޖް ސަރަހައްދުގައެވެ. މިމަސައްކަތާއި ގުޅޭގޮތުން ޕްލޭނިންގް މިނިސްޓްރީން ވިދާޅުވީ، ކުރިއަށް އޮތް ދެތިން ދުވަހަށް ޓްރައިލް ޑްރެޖިން މަސައްކަތް ކުރއިަށް ދާނެ ކަމަށާއި، އޭގެ ފަހުން ރަސްމީކޮށް ހިއްކަން އޮތް ސަރަހައްދުތަކުގެ މަސައްކަތް ފަށާނެއެވެ. މިމަސައްކަތައް އެންމެ ގިނަވެސްގެންވެ ނަގާނީ 2 މަސް ދުވަސްކަމަށް ސަރުކާރުން ހާމަކުރެއެވެ.
ބިން ހިއްކުމުގެ ރަސްމީ މަސައްކަތްތައް ފެށިފައިވާއިރު ޖުމްލަ 194 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. މިމަޝްރުޢޫގެ ދަށުން ހިތަދޫ ދެ ޒޯނަކަށް ބަހާލައިގެން ހިއްކަން ހަމަޖެހިފައިވާއިރު ޒޯން 1 އިން ހިއްކަން ކަނޑައަޅާފައިވަނީ 50 ހެކްޓަރުގެ ބިމެވެ. އަދި ޒޯން 2 އިން ހިއްކަން ކަނޑައަޅާފައިވަނީ 40 ހެކްޓަރުގެ ބިމެވެ. މީގެ އިތުރުން 11 ކިލޯމީޓަރުގެ ގޮނޑުދޮށް ހިއްކައި ހިމާޔަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ. ހިތަދޫގެ އިތުރުން މަރަދޫ އަދި މަރަދޫ-ފޭދޫއިން 76 ހެކްޓަރު ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން އައްޑޫ ފަޅު ތެރެއިން ރިސޯޓު ހެދުމަށް 8.3 ހެކްޓަރު 3 ރަށެއް ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރެއިން 2 ރަށް ހިތަދޫ ކައިރީ އޮންނައިރު އަނެއް ރަށް އޮތީ މީދޫ ކައިރީގައެވެ. މި ރަށްތަކުގެ އިތުރުން 3.3 ހެކްޓަރު ލިންކްރޯޑް ކަނެކްޓްވިޓީ ޕްރޮޖެކްޓުގެ ބޭނުމަށް ހިއްކުމަށް ވަނީ ހަމަޖެހިފައެވެ.

ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ ޓްރެއިލިންގް ސަކްޝަން ހޮޕަރ ޑްރެޖަރ އެޗް.އޭ.އެމް 318 އިންނެވެ. މި މަސައްކަތް ކުރިއަށްދާއިރު ހިއްކަން ބޭނުންވާ ވެލި ނަގާ ސަރަހައްދަށް ގޮސް ވެލި ބަރުކުރާނެއެވެ. އަދި ވެލި ބަރުކޮށްގެން އައިސް އެ ސަރަހައްދަށް ވެލި އެޅުމުގެ މަސައްކަތް ކުރާނެއެވެ. ހިއްކުމުގެ އޮޕަރޭޝަން ސައިކަލް ކުރިއަށްދާނީ މިގޮތަށެވެ.
އައްޑޫ ބިން ހިއްކުމުގެ މަސައްކަތް ފެށުމުގެ ކުރީން ހިއްކާ ސަރަހައްދުތަކުގައި ބަނޑްވޯލް ޖަހައި ކިސަޑު ގަނޑު ފެތުރުގިން ދިއުން ހުއްޓުވަން ގިނަ ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ. މީގެ އިތުރުން އޮއިވަރަށް އަންނަ ބަދަލުތަކާއި އަދި އެހެނިހެންވެސް ތިމާވެއްޓަށް އަންނަ ބަދަލުތައް ހިއްކާ ކުންފުނި ވެން އޫޑުން ދަނީ މޮނީޓަރކޮށް ބަލަހައްޓަމުންނެވެ.