Last Updated: July 21, 18:02
Tuesday, July 21, 2026
ދުނިޔެ

އިމަޖެންސީ ދޮރުތަކާ ދިމާލުން ޓިކެޓް ނުވިއްކާނެ

ދެކުނު ކޮރެއާގެ އޭޝިއާނާ އެއާލައިންސްގެ އެއާބަސް އޭ321 ގެ މަރުކާރުގެ ބޯޓްތަކުން ކުރާ ދަތުރުތަކުގައި ޕެސެންޖަރުންނަށް ބޯޓްގެ އިމަޖެންސީ ދޮރުތަކާ ދިމާލުން ޓިކެޓް ނުވިއްކަން ނިންމައިފި އެވެ.

އެގޮތަށް ނިންމީ މީގެ މިދިޔަ ހުކުރު ދުވަހު އެ އާލައިންގެ ބޯޓެއް ވައިގެ ތެރޭގައި އުޅެނިކޮށް ޕެސެންޖަރަކު ދޮރު ހުޅުވި މައްސަލަ ފެންމަތިވެފައި ވަނިކޮށެވެ. އެ ހާދިސާއާ ގުޅިގެން ބޯޓް ދަތުރުކުރި އެތައް ބަޔަކަށް ބިރުގަނެ، އެކި ވަރުގެ ގެއްލުންތައް ލިބިގެން ހޮސްޕުޓަލްގައި ފަރުވާ ވެސް ދޭން ޖެހުނެވެ. ބޯޓްގެ އިމަޖެންސީ ދޮރު ހުޅުވި މީހާ މިހާރު ހުރީ ހައްޔަރުކޮށްފަ އެވެ.

އޭޝިއާނާ އެއާލައިންސުން ބުނީ އެ އާލައިންގެ އެއާބަސް އޭ321 މަރުކާގެ ބޯޓްތަކުގެ އިމަޖެންސީ ދޮރާ ދިމާލުގައި ހުންނަ ސީޓްތަކަށް ޓިކެޓް ނުވިއްކަން ނިންމީ އެއާލައިނުން ދަތުރުކުރާ މީހުންގެ ސަލާމަތާއި ރައްކާތެރި ކަމަށް އެޅި ފިޔަވަޅެއްގެ ގޮތުން ކަމަށެވެ. އަދި އަބަދު ވެސް އެއާލައިންނަކީ ދަތުރުވެރިންގެ ރައްކާތެރި ކަމަށް ވަރަށް ބޮޑު އިސްކަމެއްދޭ އެއާލައިނެއް ކަމަށް ބުންޏެވެ.

މީގެ 34 އަހަރު ކުރިން ހިދުމަތަށް ނުކުތް އޭޝިއާނާ އެއާލައިންސަކީ ފްލީޓްފައި 77 ބޯޓް އޮންނަ އަދި ދުނިޔޭގެ 90 މަންޒިކަލަށް އުދުހޭ އެއާލައިނެނެވެ.