Last Updated: July 25, 18:05
Sunday, July 26, 2026
މުނިފޫހިފިލުވުން

ސަލްމާން ނޫނެކޭ ބުނި ފިލްމު ރަންބީރަށް

ސަލްމާން ޚާނަށް އާމިރު ޚާން ހުށަހެޅި ފިލްމު އޭނަ ގަބޫލު ނުކުރުމުން ރަންބީރް ކަޕޫރަށް ހުށަހަޅާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މި ފިލްމަކީ ސްޕެއިންގެ ފިލްމެއް ކަމަށްވާ "ޗެމްޕިއަންސް" ގެ ހިންދީ ރިމޭކެވެ. މިއީ އާމިރު ޕްރޮޑިއުސްކޮށް، ކުޅެން ކުރިން ހަމަޖެހުނު ފިލްމެކެވެ. އެކަމަކު މިދިޔަ އަހަރު ރިލީޒްކުރި އޭނަގެ "ލާލް ސިންގް ޗައްޑާ" ފްލޮޕްވުމުން އެކްޓިން އިން ދޮޅު އަހަރުގެ ބްރޭކެއް ނަގައި، "ޗެމްޕިއަންސް" ނުކުޅެން ނިންމައި، ސަލްމާނަށް ފިލްމު ހުށަހެޅި އެވެ.

މީޑިއާތަކުން ބުނީ ސަލްމާން ފިލްމަށް އެއްބަސްވާނެކަމުގެ އިޝާރާތެއް ކުރިން ދިން ނަމަވެސް މިހާރު "ޗެމްޕިއަންސް" ގެ ރިމޭކްގެ ޝޫޓިން ތާވަލުކުރާ ދަނޑިވަޅަށް އޭނަ އަށް ވަގުތު ދެވެން ނެތުމުން ފިލްމު ނުކުޅެން ނިންމީ ކަމަށެވެ.

ރަންބީރަށް ފިލްމު އޮފާކޮށް، މިހާރު މަޝްވަރާތައް ކުރިއަށްދާ ކަމަށް ބޮލީވުޑް ހަންގާމާއިން ބުންޏެވެ. އެހެންވެ އާމިރު މިހާރު އިންތިޒާރު ކުރަނީ ރަންބީރު ނިންމާނެ ނިންމުމަކަށެވެ. ބަތަލާ އާލިއާ ބަޓްގެ ފިރިމީހާގެ ކުރިއަށް އޮތް ފިލްމަކީ އޮގަސްޓްގައި ރިލީޒްކުރަން ތާވަލުކޮށްފައި އޮތް "އެނިމަލް" އެވެ.

ކޮމެޑީ ޑްރާމާއެއްގެ ގޮތުގައި 2018 ގައި ގެނެސްދިން ކެމްޕިއަންސް (ކެމްޕިއޯނެސް) އަކީ ނުކުޅެދޭ ބާސްކެޓް ކުޅުންތެރިންތަކެއް ގޮވައިގެން ކޯޗަކު ހޯދާ ކާމިޔާބީ ދައްކުވައިދިން ވަރަށް މަގުބޫލު ފިލްމެކެވެ. އޭގެ ޑައިރެކްޓަރަކީ ޒޭވިއާ ފެޒާ އެވެ.

މީގެ ހިންދީ ފިލްމު ޑައިރެކްޓްކުރާނީ 2017 ގެ "ޝުބް މަންގަލް ސާވްދާން" ޑައިރެކްޓްކުރި އާރްއެސް ޕްރައްސަނާ އެވެ.