Last Updated: June 7, 22:00
Sunday, June 7, 2026
ޚަބަރު

ވީއައިއޭގައި ޑިޖިޓަލް އައިޑީ ބަލައިގަންނަން ފަށައިފި

ވެލާނާ އެއާޕޯޓުން ޑިޖިޓަލް އައިޑީ ބަލައިގަންނަ ފަށައިފި / ފޮޓޯ: އެމްއޭސީއެލް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އެތެރޭގެ އުދުހުންތަކުގައި ޑިޖިޓަލް އައިޑީ ބަލައިގަންނަން ފަށާފައިވާ ކަމަށް އެ އެއާޕޯޓް ހިންގާ މޯލްޑިވް އެއާޕޯޓްސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް، އެމްއޭސީއެލްއިން ހާމަކޮށްފިއެވެ.

އެމްއޭސީއެލް އިން މިކަމާއި ގުޅިގެން ނެރެފައިވާ ނޫސް ބަޔާނުގައި ބުނީ، އެންސީއައިޓީން ޑިޖިޓަލް އައިޑީގެ ނިޒާމުގެ ޤާއިމް ކުރުމާއި ގުޅިގެން ވެލާނާ އެއާޕޯޓަށް އެތެރޭގެ އުދުހުންތަކަށް ފުރަން އަންނަ ފަރާތްތަކައް ޑިޖިޓަލް އައިޑީ ޗެކްއިން ވުމުގައި ބަލައިގަންނަން ނިންމާފައިވާ ކަމަށެވެ. އެގޮތުން، އެއަރލައިން ޓިކެޓް ގަތުމަށާއި، އެއަރލައިން ޗެކިން ކުރުމަށާއި، އަދި ސެކިއުރިޓީ ޗެކް ޕޮއިންޓްތަކުން، ކާކުކަން ދެނެގަތުމަށްޓަކައި ޑިޖިޓަލް އައިޑެންޓިޓީ ބަލައިގަތުމަށް ވަނީ ނިންމާފައެވެ.

އެމްއޭސީއެލް އިން ބުނިގޮތުގައި މިކަމާއި ގުޅިގެން މިނިސްޓްރީ އޮފް ޑިފެންސް އިން ނެރުއްވާފައިވާ ސަރކިއުލަރގައިވާ ގޮތަށް، އެތެރޭގެ އުދުހުންތަކުގައިވެސް ފުރަން އަންނަ ފަސިންޖަރުން ޗެކިންގ ވުމަށް ޑައިރެކްޓަރޭޓް އޮފް އޭވިއޭޝަން އެޑްމިނިސްޓްރޭޝަން (ދާސާ) އިން ބަލައިގަންނަ ލިޔެކިޔުންތައް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓްގެ ޗެކިން ކައުންޓަރުތަކުންވެސް ބަލައިގަންނާނެއެވެ. އޭގެ ތެރޭގައި

• ޕާސްޕޯޓް
• ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު / ޑިޖިޓަލް އައިޑެންޓިޓީ ކާޑު
• ވޯކް ވިސާ ކާޑު / ޑިޖިޓަލް ވޯކް ވިސާ ކާޑު
• ލައިސަންސް ކާޑު / ޑިޖިޓަލް ލައިސަންސް ކާޑު
• އެއަރޕޯޓް ސެކިއުރިޓީ ފާސް
• ސަރުކާރުގެ އިދާރާއަކުން ދޫކޮށްފައިވާ ފޮޓޯ އަދި އައިޑީ ކާޑު ނަންބަރު ޖެހި ރަސްމީ ލިޔުމެއް

ޑިޖިޓަލް އައިޑެންޓިޓީ ކާޑް ބޭނުންކުރަން ފެށުމަކީ ޑިޖިޓަލައިޒްޑް ނިޒާމެއްގެ ދަށުން ރައްޔިތުންނަށް ޙިދުމަތް ދިނުމަށް ކުރަމުންދާ މަސައްކަތަށް ލިބިގެންދިޔަ އިތުރުކުރިއެރުމެއް ކަމަށް އެމްއޭސީއެލް އިން ބުނެއެވެ. އަދި ސަރުކާރުން ގާއިމްކުރާ މިފަދަ ނިޒާމްތަކުގެ އިތުރުން ދަތުރުވެރިންނަށް ފަސޭހަކާމާއި އެކު ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް އެކުންފުނިން ދަނީ ތަރައްޤީގެ ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށްވެސް އެކުންފުނިން ވަނީ ބުނެފައެވެ.