Last Updated: April 23, 16:44
Tuesday, April 23, 2024
ޚަބަރު

ދަރިމައިވުމުގެ ފަރުވާއާ ގުޅޭ ގައުމީ ޕްރޮގްރާމެއް ފަށަނީ

ދަރިމައިވުމާ ގުޅޭ ގައުމީ ޕްރޮގްރާމެއް ފަށަން ތައްޔާރުވަމުން އަންނަ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ހުޅުމާލޭގައި ހިންގާ ޕްރައިވެޓް ހޮސްޕިޓަލް، ޓްރީ ޓޮޕްގެ ފާޓިލިޓީ ސެންޓަރު ހުޅުވަން ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ނެޝަނަލް ފާޓިލިޓީ ކެއާ ޕްރޮގްރާމެއް ތަޢާރަފުރުމަށްޓަކައި ވާން ޖެހޭ ތައްޔާރީތައް ސަރުކާރުން ވަމުން އަންނަ ކަމަށެވެ. އެ މަނިކުފާނު ވިދާޅުވީ ޓްރީޓޮޕް ހޮސްޕިޓަލުގައި ހުޅުވި ދަރިމައިވުމުގެ ފަރުވާއާ ބެހޭ ޚާއްޞަ ކްލިނިކަކީ ރާއްޖޭގައި މުޅިން އަލަށް ފަށާ ފަރުވާއަކަށް ވިޔަސް، މިއީ ރާއްޖެއަށް ވަރަށް ބޭނުންތެރި ފަރުވާއެއް ކަމަށެެވެ.

އެގޮތުން އެ ހިދުމަތުން ޙާޞިލުވާނެ އެންމެ ރަނގަޅު ނަތީޖާ އަކީ، ރާއްޖެއިން ބޭރަށް ނުގޮސް، ވަޒީފާއިން ވަކިނުވެ ނުވަތަ ނޯޕޭލީވް ނުނަގައި، އަދި ޢާއިލާގެ ކައިރީގައި ހުރެގެން، ފަރުވާ ހޯދުމުގެ ފުރުޞަތު ލިބުން ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ޚިދުމަތް ފުޅާކުރުމަށް ޓްރީޓޮޕް ހޮސްޕިޓަލުން ކުރަމުން އަންނަ މަސައްކަތަށް، ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށެވެ.

ސަރުކާރުން ތަޢާރަފު ކުރައްވަން ތައްޔާރަވަމުން އަންނަ ނެޝަނަލް ފާޓިލިޓީ ކެއާ ޕްރޮގްރާމާ ބެހޭގޮތުން ރައީސް ވިދާޅުވީ މިފަދަ ޕްރޮގްރާމެއް ތަޢާރަފުކުރުމަށްޓަކައި، ރާއްޖެ އިން ބޭރުގައި ޢަމަލުކުރާ އުޞޫލުތަކަށް ރިޢާޔަތްކޮށް، އެކަމަށް އެންމެ ބޭނުން ޖެހިފައިވާ މީހުންނަށް ބޭނުންތެރި ނިޒާމެއް ޤާއިމު ކުރުމަކީ މުހިއްމު ކަމެއް ކަމަށެވެ.

އެގޮތުން އެފަަދަ ޕްރޮގްރާމަކަށް ޝަރުތު ފުރިހަމަވާނެ މީހުން ކަނޑައެޅުމާއި، ދަރިމައިވުމުގެ ޞިއްޙަތާ ގުޅޭ މަޢުލޫމާތު ފުޅާ ދާއިރާއެއްގައި ފޯރުކޮށްދި ނުމުގެ މަސައްކަތް ސަރުކާރުން މިހާރު ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ. އަދި ރާއްޖޭގައި މިފަދަ ޚިދުމަތްތައް ދޭން ފެށުމުން، ރާއްޖޭން ބޭރުން މިފަދަ ފަރުވާތަކަށް ކުރާ އެތައް ޚަރަދެއް ވެސް ސަލާމަތް ކުރެވި އޭގެ ފައިދާ ރާއްޖޭގެ އިގުތިޞާދަށް ވެސް ކުރާނެކަން ރައީސް ވިދާޅުވި އެވެ.

ޓްރީޓޮޕް ހޮސްޕިޓަލުގެ ފާޓިލިޓީ ސެންޓަރު ހުޅުވައި ދެއްވުމަށްފަހު ރައީސްގެ ދެކަނބަލުން ވަނީ އެ ސެންޓަރު ބައްލަވާލެއްވި އެވެ.

މި ސެންޓަރު ހުޅުވުމުގެ ބޭނުމަކީ ރާއްޖޭގައި ތިބި ދަރިމައިނުވުމުގެ މައްސަލަތައް ހުންނަ މީހުންނަށް ބޭނުންވާ ފަރުވާތައް ލިބޭނެ ފަސޭހަ އިންތިޒާމެއް ހަމަޖެއްސުމެވެ.