Last Updated: June 13, 20:58
Saturday, June 13, 2026
ޚަބަރު

ހިތުހުރި އެއްޗެއް ގޮވުމަކީ ޑިމޮކްރަސީއެއް ނޫން

ސާބިތު ނުހިފޭ ވާހަކަތައް ދައްކައި އެފަދަ ތުހުމަތުތައް މީހުންގެ ބޮލުގައި އަޅުވައި އަބުރަށް އަރައިގަނެ، ހިތުހުރި އެއްޗެއް ގޮވައި ދޮގު މަޢުލޫމާތު ފެތުރުމަކީ ޑިމޮކްރަސީ ދަންނަ ކަމެއް ނޫން ކަމަށް އެމްޑީޕީ ޕީޖީ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

ރައީސް އިބްރާހޯމް މުހައްމަދު ސޯލިހަށް ވަގަށް ގޮވައި ޗެނެލް 13 އިން ދައްކަމުން އައި ލަވަތަކެއ ބްރޯޑްކާސްޓްކުރަމުންދާތީ އެ މައްސަލާގައި އެ ޗެނަލަށް ފިޔަވަޅު އަޅަން ބްރޯކްކޮމުން ނިންމަވާފައިވާތީ މަޖިލީހުގެ މިއަދުހެ ޖަލްސާ ނައިފަރު ދާއިރާގެ މެމްބަރު އަޙުމަދު ޝިޔާމު ހުށަހެޅުއްވި ކުއްލި މައްސަލަ އަށް ބަހުސް ކުރަން ފާސް ނުވުމުން އިދިކޮޅު މެމްބަރުން ދެއްކެވި ވާހަތަކާއި، އަދި މިކަމާ ގުޅޭ ގޮތުން ދެކެވުނު ވާހަކަތަކަށް ރައްދު ދެއްވައި އަސްލަމް ވިދާޅުވީ ޑިމޮކްރަސީ އަކީ އެއްވެސް ޙާލެއްގައި މީހަކު ހިތުހުރި އެއްޗެއް ކިޔައި، ދޮގު މައުލޫމާތު ފެތުރުން ނޫން ކަމަށެވެ. އަދި އެމްޑީޕީ އަކީ ޑިމޮކްރަސީއަށް ތަބާވާ، ޑިމޮކްރަސީގެ ހަމަތަކުން މަސައްކަތްކުރާ ޕާޓީއެއް ކަމަށާއި، މީހުންގެ އަބުރު ނަގާލައި ދޮގު މައުލޫމާތު ފެތުރުމަކީ ޑިމޮކްރަސީ ދަންނަ އެއްޗެއް ނޫން ކަމަށް ވިދާޅުވި އެވެ.

"މިސްއިންފޮމޭޝަނާއި، ޑިސްއިންފޮމޭޝަން ފިތުނަ ފަސާދަ އުފެއްދުމަކީ. ޑިމޮކްރަސީ ދަންނަ އެއްޗެއް ނޫން މީހުންގެ އަބުރު ކަތިލުމަކީ. އެހެންކަމުން ޑިމޮކްރަޓިކް ވެއްޓެއްގައި އެމްޑީޕީ އަބަދުވެސް މަސައްކަތް ކުރާނީ ޑިމޮކްރަސީގެ ހަމަތަކުގައި." އަސްލަމް ވިދާޅުވި އެވެ.

ކުއްލި މައްސަލަ ބަލައި ނުގަތުމަށް ނިންމުމާ ގުޅޭ އޭނަ އަސްލަމް ވިދާޅުވީ އެ މައްސަލައަކީ މަޖިލީހަށް އެޖެންޑާ ވެސް ކުރެވެން ޖެހޭ މައްސަލައެއް ނޫން ކަމަށެވެ. އަދި މި ސަރުކާރަކީ ނޫސްވެރިކަމުގެ މިިނިވަންކަމަށް ހުރަސް އަޅައި، ނޫސްވެރިންނަށް ދެރަ ގޮތެއް ހަދާނެ ސަރުކާރެއް ނޫން ކަމަށް އަސްލަމް ވިދާޅުވި އެވެ.

"ނޫސްވެރިކަމުގެ މިނިވަންކަން ގެއްލިދާފަދަ އެއްވެސް ކަމަކީ އަޅުގަނޑުމެން ތަރުހީބު ދޭނެ ކަމެއް ނޫން. ހިތުހުރިހާ އެއްޗެއް ގޮވަންވީއެއް ނޫން،" އޭނަ ވިދާޅުވި އެވެ. "ކޮންމެ މީހެއްގެވެސް އަބުރަކާއި އިއްޒަތެއް އޮންނާނެ. އަދި އެއީ ސިޔާސީ އުކުޅެއްކަމުގައި އަޅުގަނޑު ނުދެކެން."