ހާލުގައި ޖެހިފައިވާ ގައުމުތަކާއި، ސަރަހައްދުތަކަށް އެހީތެރިވެދިނުމަށް އާބަންކޯއިން، އިންޓަނޭޝަނަލް އެއިޑް ކްމެޕޭން (އައިއޭސީ) އާ އެކު އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.
މި އެމްއޯޔޫގައި އާބަންކޯގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ އަހުމަދު އާތިފް އެވެ. އަދި އައިއޭސީގެ ފަރާތުން ސޮއިކުރެއްވީ ޗެއާމަން އަހުމަދު އިގްބާލް އެވެ.
އައިއޭސީ އަކީ ދުނިޔޭގެ އެކި ހިސާބުތަކުއި ހަނގުރާމަވެރި ސަރަހައްދުތަކާއި، މީހުން ހާލުގައި ޖެހިފައިވާ އަދި އެހީތެރިކަން ބޭނުންވާ ސަރަހައްދުތައް ފާހަގަކޮށް އެ ފަރާތްތަކަށް ބޭނުންވާ ފަންޑު ހޯދައި އެހީތެރިކަން ފޯރުކޮށްދޭ ދިވެހި ޖަމިއްޔާއެކެވެ. އެގޮތުން ސީރިޔާ ފަދަ ހަނގުރާމަވެރި ސަރަހައްދުތަކުގައި ހާލުގައި ޖެހިފައިވާ ކުޑަކުދިންނަށް ކާބޯތަކެއްޗާއި ފެނާއި، ގެދޮރު ބިނާކޮށްދިނުން އަދި އެ ނޫންވެސް ޒަރޫރީ ބޭނުންތަ ފުއްދުމަށް އައިއޭސީގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދެ އެވެ.
މި އެއްބަސްވުމުގެ ދަށުން އައިއޭސީގެ މައިގަނޑު ރޯލަކީ އެހީތެރިކަން ބޭނުންވާ ފަރާތްތައް އައިޑެންޓިފައިކޮށް އެތަންތަނަށް ބޭނުންވާ އެހީ އާބަންކޯގެ ފަރާތުން ފޯރުކޮށްދިނުމަށް އެހީތެރިވުމެވެ. އެގޮތުން ލޯކަލް ލީޑަރުންނާއި ސްޓޭކް ހޯލްޑަރުންނާ ގުޅިގެން މަސައްކަތްކޮށް މި މަސައްކަތް ކުރިއަށް ގެންދިއުމަށް ބޭނުންވާ ހުއްދަތައް ހޯދައި މި މަސައްކަތަށް ފެސިލިޓޭޓްކޮށްދޭނެ އެވެ.
މި އެމްއޯޔޫގެ ދަށުން އާބަންކޯއިން ކުރާ މަސައްކަތްތަކުގެ ތެރެއިން، އައިއޭސީއިން އައިޑެންޓިފައިކުރާ ސަރަހައްދުތަކަށް ބޭނުންވާ އެހީ ފޯރުކޮށްދިނުމަށް ސައިޓް ސްޕެސިފިކް ޕްލޭންތައް ފަރުމާކުރުމާއި، އެ ޕްލޭންތަކަކީ މުޖުތަމައުގެ ބޭނުންތައް އެންމެ އެކަށީގެންވާ ގޮތަކަށް ފުއްދައިދޭނެ ޕްލޭނަކަށް ވާނެ ކަން ޔަގީންކުރުމަށް އަރބަންކޯގެ އެކްސްޕާޓީސް ޓީމުން މަސައްކަތްކުރާނެ އެވެ. އެގޮތުން ވިލެޖް ނުވަތަ ނެއިބަރހުޑް މާސްޓަރޕްލޭންގެ ކޮންސެޕްޓްތައް ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްގެންދާނީ އަރބަންކޯގެ ދަށުންނެވެ.
މީގެ އިތުރަށް އަރބަންކޯގެ ޓީމުން ސައިޓް އެސެސްމަންޓާއި ފީސިބިލިޓީ ސްޓަޑީޒް އާއި އިންފްރާސްޓްރަކްޗާ ޕްލޭނިން އާއި އާކިޓެކްޗަރަލް ޑިޒައިން، ކޮންސްޓްރަކްޝަން މެނޭޖްމަންޓް އަދި ކޮލިޓީ ކޮންޓްރޯލް ފަދަ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދޭނެ އެވެ.
އައިއޭސީގެ އިސްނެގުމުގެ މަތިން ސޮއިކުރެވުނު މި އެމްއޯޔޫއަކީ އާބަންކޯގެ ފަރާތުން މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދީ އެންމެނަށް ވެސް ރައްކާތެރި އަމާން މާހައުލެއް ގާއިމްކޮށްދިނުމަށް ކުރާ މަސައްކަތްތަކުގެ ދަށުން ސޮއިކުރި އެމްޔޯޔޫއެކެވެ.