Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު

މުޖުތަބާ ވެސް މަގާމުން ވަކިކޮށްފި

އަލަށް އުފައްދާ ޕާޓީ "ދަ ޑިމޮކްރެކްޓްސް" އަށް ސޮއިކުރެއްވި އެންވަޔަރްމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު މުޖުތަބާ މަގާމުން ވަކިކޮށްފި އެވެ.

ރައީސް އޮފީހުން އޭނައަށް އިއްޔެ ފޮނުވި ސިޓީއެއްގައި ބުނީ މަގާމުން ވަކިކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވާފައިވާ ކަމަށެވެ. ސްޓޭޓް މިނިސްޓަރަކަށް މުޖުތަބާ އައްޔަކުރެއްވީ ނޮވެމްބަރު 29، 2018 ގަ އެވެ.

މުޖުބަތާ އަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ސަރުކާރުގެ އިސް މަގާމުތަކެއް އަދާކުރެއްވި ބޭފުޅެކެވެ.

އެމްޑީޕީގެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދުގެ "ފިކުރެއްގެ ދިރުން" ފެކްޝަންގެ "ދަ ޑިމޮކްރެޓްސް" ގެ ނަމުގައި ސިޔާސީ ޕާޓީއެއްގެ ރަޖިސްޓްރީކުރަން ހުށަހަޅާފައިވާ އިރު، އެއަށް ސޮއިކުރި އެހެން ބައެއް ބޭފުޅުން ވެސް ވަނީ ސިޔާސީ މަގާމުތަކުން ވަކިކޮށްފަ އެވެ.

އެގޮތުން ޓޫރިޒަމް މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވްގެ މަގާމުގައި ހުންނެވި އެމްޑީޕީގެ އެކްޓިވިސްޓް، އަލީ ހާޝިމް (ސްމިތު) ވެސް އިއްޔެ މަގާމުން ވަކިކޮށްފައިވެ އެވެ. އަދި އާދީއްތަ ދުވަހު ވެސް ސިޔާސީ މަގާމުތަކުގައި ތިބި ބަޔަކު ވަކިކޮށްފައިވެ އެވެ.