Last Updated: April 25, 09:40
Thursday, April 25, 2024
ޚަބަރު

ރާއްޖޭގައި ޑިޖިޓަލް ފައިސާ ތައާރަފު ކުރަނީ

ރާއްޖޭގައި ޑިޖިޓަލް ފައިސާ ތައާރަފުކުރަން މަޝްވަރާ ކުރަމުން އަންނަ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ.

އެ މަޝްވަރާތައް މިހާރު ކުރިއަށްދާކަން މަރުކަޒީ ބޭންކުން ހާމަކުރީ މާލީ ދާއިރާގެ އިސް ފަރާތްތަކަށް އަމާޒުކޮށްގެން ފެށި މި އަހަރުގެ ފިނޭންސް ފޯރަމްގެ މި އަހަރުގެ ފޯރަމްގަ އެވެ. އިއްޔެ ހެނދުނު ކުރުނބާ މޯލްޑިވްސްގައި ކުރިއަށް ދިޔަ ފޯރަމުގައި ޕެނަލިސްޓެއްގެ ގޮތުގައި ވާހަކަ ދައްކަވަމުން އެމްއެމްއޭގެ ޑެޕިއުޓީ ގަރަވަރުނަރު އަހުމަދު އިމާދު ވިދާޅުވީ އެތެރޭގެ ރީޓެއިލް ޕޭމަންޓް ސިސްޓަމްތަކަށް ހަލުވިކަން ގެނެވޭނެ ގޮތްތަކާ މެދު މަޝްވަރާތަކެއް ކުރަމުން އަންނަ ކަމަށެވެ.

އޭނަ ވިދާޅުވީ އެ މަޝްރޫއުގެ އެންމެ ފުޅާ ކޮންސެޕްޓަކީ އޯޕެން ފައިނޭންސިން ކަމަށާއި އެކަމާ ގުޅޭ ގޮތުން ބޭންކުތަކާ އެކު މަޝްވަރާ ކުރެވެމުން އަންނަ ކަމަށެވެ. އަދި ބޭންކިން މޮޑިއުލަށް ބުރުލެއް ނާރާ ގޮތަށް އެ މަސައްކަތް ކުރެވޭނެ ގޮތްތަކަކަށް މަޝްވަރާ ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

އިމާދު ވިދާޅުވީ މަޝްވަރާތަކުގެ ތެރޭގައި ޓޯކަނައިޒްކޮށް ފައިސާ ޓްރާންސްފާ ކުރެވޭނެ ގޮތެއް ބަލަމުން އަންނަ ކަމަށާއި ރާއްޖޭގައި ބޭނުންކުރާ ފައިސާގެ 94 ޕަސެންޓަކީ ޑިޖިޓަލްކޮށް ބޭނުންކުރާ ފައިސާ ކަމަށެވެ.

"މި މަޝްވަރާގެ ތެރެއިން އެންސީއައިޓީއާ އެކު ދެކެވުނު ވާހަކަތަކުގައި ވެސް ވަރަށް ބޮޑަށް ވާހަކަދެކެވިފައިވޭ ޑިޖިޓަލް ރުފިޔާ ތައާރަފުކުރަން،" އޭނަ ވިދާޅުވި އެވެ. "އެކަން ކުރެވޭނެ ގޮތަކާއި، އިޖާދީ އުފެއްދުންތަކުގައި އެ ޑިޖިޓަލް ރުފިޔާގެ ބޭނުންތެރިކަމާ ބެހޭ ގޮތުން މަޝްވަރާތައް ކުރެވެމުން އެބަދޭ."

އިމާދު ވިދާޅުވީ ރެގިއުލޭޓަރީ ސޭންޑްބޮކްސްތައް" ބިނާކުރަން، ސަރުކާރުން މިހާރު މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެ ނިޒާމު ގާއިމްކުރެވިގެން ދިއުމާ އެކު ޑިޖިޓަލް ރުފިޔާ އިޖާދުކުރުމުގެ މަސައްކަތް ފަސޭހަވާނެ ކަމަށެވެ.

ދުނިޔޭގައި މިހާރު އަންނަނީ ޑިޖިޓަލް ފައިސާގެ މަގުބޫލުކަން ބޮޑުވަމުންނެވެ. އެގޮތުން ކްރިޕްޓޯކަރަންސީ ތައާރަފުކުރާ ގައުމުތައް އަންނަނީ އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުންނެވެ.