ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ދެ ބިލެއް ފާސްނުކޮށް އޮތުމުން އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ފައްޔާޒް ކަންބޮޑުވުން ފާޅުކުރެއްވީ އިންޑަސްޓްރިއަލް ރިލޭޝަންސް އަދި އޮކިއުޕޭޝަނަލް ސޭފްޓީ ބިލް އެޖެންޑާ ނުކޮށް އޮތުމުންނެވެ.
އެގޮތުން ފައްޔާޒް ވިދާޅުވީ އިންޑަސްޓްރިއަލް ރިލޭޝަންސް އަދި އޮކިއުޕޭޝަނަލް ސޭފްޓީ ބިލްއަކީ މަސައްކަތްތެރިންގެ ހައްގުތައް ހިމާޔައްކުރުމަށް އަދި އިގްތިސޯދަށް ވަރައް މުހިއްމު ދެ ބިލު ކަމަށެވެ. ފައްޔާޒް ވިދާޅުވީ މަޖިލީހަށް ހުށަހެޅޭ ޤަރާރުތަކެކޭ އެއްފަދައިން މި ބިލުތައް އެޖެންޑާކޮއް ބަހުސްކޮއް ފާސްކުރުން އެއީ ކޮންމެހެން ކުރަންޖެހޭ މުހިންމު ކަމެއް ކަމަށެވެ.
އިންޑަސްޓްރިއަލް ރިލޭޝަންސް އަދި އޮކިއުޕޭޝަނަލް ސޭފްޓީ ބިލްއަކީ މަސައްކަތްތެރިންގެ ހައްގުތައް ހިމާޔައްކުރުމަށް އަދި އިގްތިސޯދަށް ވަރައް މުހިއްމު ދެ ބިލް. މި އެޖެންޑާކޮއް ބަހުސްކޮއް ފާސްކުރުން އެއީ ކޮންމެހެން ކުރަންޖެހޭ ކަމެއް. ޤަރާރުތަކެކޭ އެއްފަދައިން މުހިއްމު @MohamedNasheed
— Fayyaz Ismail (@faya_i) May 30, 2023
ސަރުކާރުގެ ފަރާތުން މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމުގެ ބިލު ހުށަހަޅުއްވާފައިވަނީ ބާރަށު ދާއިރާގެ މެންބަރު އަހުމަދު ޢަބްދުاللهއެވެ. އިންޑަސްޓްރިއަލް ރިލޭޝަންސްއާބެހޭ ބިލު ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވަނީ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފްއެވެ.
އިންޑަސްޓްރިއަލް ރިލޭޝަންސްއާބެހޭ ބިލުގެ ފުރަތަމަ ކިޔުން އިއްވާ މިހާރު އޮތީ އިބްތިދާއީ ބަހުސްގެ މަރުހަލާގައެވެ. މި ބިލު މަޖިލީހަށް ހުށަހަޅާފައިވަނީ މާޗް 20 ވަނަ ދުވަހުއެވެ. މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމުގެ ބިލު އޮތީ އިބްތިދާއީ ބަހުސްގެ މަރުހަލާ ނިންމާ ކޮމިޓީ މަރުހަލާގައެވެ.
މަޖިލީހަށް ކޮންމެ ދުވަހަކު ކުއްލި މައްސަލައެއް ނުވަތަ ޤަރާރެއް ހުށަހަޅާ އެޖެންޑާކޮށް އެކަންކަމަށް ބަހުސްކުރާތީ ސަރުކާރަށް ތާއީދުކުރާ މެންބަރުންގެ ފާޑުކިޔުން އަމާޒުވެފައިވެއެވެ. މަޖިލީހުގެ ޖަލްސާތަކަށް މައްސަލަތައް އެޖެންޑާ ކުރަނީ މަޖިލީހުގެ ރައީސްއެވެ.