Last Updated: July 25, 18:05
Sunday, July 26, 2026
މުނިފޫހިފިލުވުން

ސޯނޫ އިންޓަނޭޝަނަލް ސްކޫލެއް ހުޅުވަނީ

މާލީ ދަތިކަން ކުޑަ އާއިލާތަކުގެ ކުދިންނަށް ރަނގަޅު ފެންވަރުގެ ތައުލީމީ ފުރުސަތު ފަހިކޮށް ދިނުމުގެ ގޮތުން އިންޑިއާގެ އެކްޓަރު ސޯނޫ ސޫދު ބިހާރުގައި އިންޓަނޭޝަނަލް ސްކޫލެއް ހުޅުވަން ތައްޔާރުވާން ފަށައިފި އެވެ.

މީޑިއާތަކުން ބުނީ އެ ސްކޫލް އިމާރާތްކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށާއި މާ ލަސްތަކެއް ނުވެ ސްކޫލް ރަސްމީކޮށް ހުޅުވާނެ ކަމަށެވެ. މި ސްކޫލަކީ ބިހާރުގެ 27 އަހަރުގެ އިންޖިނިއަރެއް ކަމަށްވާ ބުރެންދުރަ ކުމާރު މަހާޓޯ ކިޔާ ޒުވާނަކު އޭނަ އަދާކުރަމުން އައި ވަޒީފާ ހުއްޓާލައި ޔަތީމު ކުދިންނަށް ވަރަށް އާދައިގެ ގޮތަކަށް ސްކޫލެއް ހުޅުވައި އެތަނަށް ސޯނޫގެ ނަން ދީފައިވާތީ އެތަން ޒަމާނީ ފެންވަރަށް ތަރައްގީކޮށް، ހަގީގީ އިންޓަނޭޝަނަލް ސްކޫލަކަށް ބަދަލުކުރަން ފެށި މަސައްކަތެކެވެ.

ސޯނޫ ވަނީ މަހާޓޯގެ ސްކޫލަށް ޒިޔާރަތްކޮށް އެތަނުގެ ދަރިވަރުންނާ އެކީ ވަގުތު ވެސް ހޭދަކޮށްފައިވެ އެވެ. އަދި ސްކޫލްގެ ވާހަކަ އޭނަ ސޯޝަލް މީޑިއާގައި ވެސް ހިއްސާކޮށްފައިވެ އެވެ.

މިކަމާ ބެހޭ ގޮތުން ސޯނޫ ބުނީ ފަގީރުކަން ނައްތައިލަން ތައުލީމަކީ ވަރަށް މުހިއްމު އެއްޗެއް ކަމަށާއި އަމާޒަކީ ވީހާ ވެސް ގިނަ ކުދިންނަށް މަތީ ތައުލީމުގެ ފުރުސަތު ވެސް ހޯދައި ދިނުން ކަމަށެވެ. އަދި އޭނަ ބިހާރުގައި ހުޅުވާ ސްކޫލަކީ އެތަނުގެ ދަރިވަރުންގެ ހެދިބޮޑުވުމަށް ވަރަށް ބޮޑު އިސްކަމެއް ދޭނެ ތަނެއް ކަމަށާއި ދަރިވަރުންނަށް، ހިލޭ ސިއްހަތަށް ފައިދާ ހުރި ކާނާ ވެސް ހިލޭ ފޯރުކޮށް ދޭނެ ކަމަށް ބުންޏެވެ.

ސޯނޫ ސްކޫލެއް ހުޅުވާ އިރު، މީގެ ދެ އަހަރު ކުރިން އޭނަގެ މަންމަ އަދި މަރުވެފައިވާ ކުރީގެ ޕްރޮފެސަރު ސަރޯޖް ސޫދުގެ ނަމުގައި ހިލޭ ސްކޮލަޝިޕްތަކެއް ވެސް ތައާރަފުކޮށްފައިވެ އެވެ.

ސޯނޫ، 49، އަކީ ކޮވިޑްގެ ތެރޭގައި އިންސާނިއްޔަތަށް ހިދުމަތްކޮށްގެން އާންމުންގެ ތެރޭގައި ވަރަށް ބޮޑު މަގުބޫލުކަމާއި ލޯތްބެއް ހޯދާފައިވާ އެކްޓަރެކެވެ.