Last Updated: June 7, 18:41
Sunday, June 7, 2026
ޚަބަރު

ފުވައްމުލަކު މަގުތަކުގައި ތާރުއެޅުން ކުރިއަށްދަނީ

ފުވައްމުލަށްސިޓީ އެތެރޭގެ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް ކުރިއަށްދާކަމަށް އެމަސައްކަތް ކުރަމުން އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން ބުނެފައިވަނީ ފުވައްމުލަށްސިޓީ އެތެރޭގެ މަގުހެދުމުގެ މަޝްރޫއުގެ މަސައްކަތުގެ 86 އިންސައްތަ މިހާރު ފުރިހަމަކުރެވިފައިވާ ކަމަށެވެ. އެގޮތުން ސަބް ބޭސް އެޅުމުގެ މަސައްކަތް މިހާރު 92 އިންސައްތަ ނިމިފައިވާ ކަމަށާއި އަދި، ސަބް ގްރޭޑް އެޅުމުގެ މަސައްކަތް މިހާރު 66 އިންސައްތަ ނިމިފައިވާ ކަމަށެވެ. ސައިޓުގައި މިހާރު ކުރިއަށްދަނީ ތާރުއެޅުމާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތް ކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ.

މި މަޝްރޫއުގެ ދަށުން، 122,659 އަކަ މީޓަރުގެ ސަރަޙައްދެއްގައި ސަބްބޭސް އެޅުމާއި، 95,239 އަކަ މީޓަރުގެ ސަރަހައްދެއްގައި ތާރު އެޅުމާއި، 27,450 އަކަ މީޓަރުގެ ފުޓްޕާތް ހެދުމާއި، މަގުމަތީ ނިޝާން ހަރުކުރުމާއި، މަގުބައްތި ހަރުކުރުމާއި، 19,940 މީޓަރުގެ ފެންހިންދާ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް ހިމެނެއެވެ.

ފުވައްމުލަށްސިޓީ އެތެރޭގެ މަގުހެދުމުގެ މަޝްރޫއަކީ 302.72 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.