ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރަށް ވަގުތު ނުވެގެން ސުވާލަށް ޖަވާބުދިނުމަށް ރައްޔިތުންގެ މަޖިލީހަށް ހާޒިރުނުވާކަމަށް ބުނުމުން ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީއާ ސުވާލު ކުރުން ކުރިއަށްދިޔައިރު މެންބަރު ރިޔާޒް ނިޒާމީ ނުކުތާއެއް ނަންގަވާ ވިދާޅުވީ މަޖިލީހުގެ ގަވައިދުގެ ރޫހަކީ މިނިސްޓަރުންނަށް ސުވާލު ކުރުމުން 14 ދުވަހުގެ ތެރޭގައި ޖަވާބު ދެއްވުންކަމަށެވެ. އެހެންނަމަވެސް މިހާރު ސުވާލުތަކަށް ޖަވާބު ލިބެނީ ތިން މަސްފަހުން ކަމަށް ވިދާޅުވިއެވެ.
ހުށަހަޅާފައިވާ ސުވާލަކަށް ޖަވާބު ނުލިބިގެން އެކަން މަޖިލީހުގެ އިދާރާއިން ސާފުކުރިކަން ފާހަގަކޮށް ރިޔާޒް ވިދާޅުވީ މިނިސްޓަރަށް ވަގުތު ނުވެގެން ޖަވާބު ނުދެއްވަނީކަމަށް މަޖިލީހުގެ އިދާރާއިން ބުނިކަމަށެވެ.
ރިޔާޒްގެ ނިޒާމީ ނުކުތާއާ ގުޅިގެން ރިޔާސަތުގައި އިންނަވާ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މަޖިލީހުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުނުވެ މި އުނދަގުލުގައި ތިބޭހާ ދުވަހަކު ހިނގަމުންދާނީ އެގޮތަށް ކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ ދުވާލަކު 10 ވަޒީރުންނާ ސުވާލު ކުރިނަމަވެސް ބެކްލޮގް ސާފު ނުކުރެވޭނެ ކަމަށާއިި، އެހެންނަމަވެސް 14 ދުވަހުގެ ތެރޭގައި ޖަވާބު ނުލިބޭނަމަ އެއީ ލިބޭ ގެއްލުމެއް ކަމަށެވެ.
ރައީސް ނަޝީދުގެ ވާހަކައާ ގުޅިގެން އިތުރު ނިޒާމީ ނުކުތާއެއް ނަންގަވާ ރިޔާޒް ވިދާޅުވީ ސުވާލު ހުށަހަޅާފައިވަނީ ފިނޭންސް މިނިސްޓަރަށް ކަމަށާއި އެހެންނަމަވެސް އެ ވަޒީރަށް ވަގުތު ނުވާކަމަށްބުނެ މަޖިލީހަށް ހާޒިރު ނުކުރެވޭތީ އެކަންބޮޑުވުން ފާޅުކުރާ ކަމަށެވެ.
"އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ، މި ގަވައިދުގަ މި ބުނަނީ ވަޒީރުންނަށް ވަގުތުވީމާ ޖަވާބުދޭ އުސޫލެއް ކަމަކަށް މަޖިލީހަށް. އެހެންވީމަ އެ މައްސަލަ އަޅުގަނޑު މި ހުށަހެޅީ." ރިޔާޒް ވިދާޅުވިއެވެ.
އެ ވާހަކައާ ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ ރިޔާޒް ގެ ނިޒާމީ ނުކުތާ ބަލައިގަންނަކަމަށާއި އަދި އެއީ މައްސަލައެއް ކަމަށެވެ. އަދި މަޖިލީހަށް ހާޒިރުވުމަށް ވަޒީރުންނަށް ދެންނެވުމުން ހާޒިރުވާންޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ. އަދި ފިނޭންސް މިނިސްޓަރު މަޖިލީހަށް ހާޒިރުނުވެ އުޅޭ ސަބަބަކީ މަގުބޫލު ސަބަބެއްތޯ ސާފުކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ވަޒީރުންނާ ސުވާލު ކުރުމުގެ ގިނަ މައްސަލަތަކެއް މަޖިލީހަށް މެންބަރުން ހުށަހަޅާފައިވާއިރު އޭގެތެރޭގައި ލިޔުމުން ޖަވާބު ހޯދުމަށް ހުށަހަޅާފައިވާ ހުށަހެޅުންތަކާއި ވަޒީރުން ހާޒިރުކޮށްގެން ޖަވާބު ހޯދުމަށް ހުށަހަޅާ ހުށަހެޅުންތައް ހިމެނެއެވެ.