Last Updated: April 26, 23:59
Friday, April 26, 2024
ކުޅިވަރު

ދޯނީ އަދި އެއްކޮށް ރިޓަޔާއެއް ނުކުރާނެ

އިންޑިއާގައި އުފެދުނު އެންމެ މޮޅި ކްރިކެޓް ކުޅުންތެރިންގެ ތެރޭގައި ހިމެނޭ އެމްއެސް ދޯނީ އެ ކުޅިވަރުން އެއްކޮށް އަދިވެސް ރިޓަޔާކުރަން ތައްޔާރު ނޫން ކަމަށް ބުނެފި އެވެ.

ކްރިކެޓުން އިންޑިއާ އަށް ބޮޑެތި ކާމިޔާބީތަކެއް ހޯދައި ދީފައިވާ ކުރީގެ ގައުމީ ކެޕްޓަން ކުރިން ނިންމައިގެން ހުރީ ރޭ ނިންމައިލި މި އަހަރުގެ އިންޑިއަން ޕްރީމިއާ ލީގް (އައިޕީއެލް) އަށް ފަހު ޕްރޮފެޝަނަލްކޮށް ކްރިކެޓް ކުޅުން ހުއްޓައިލާށެވެ. ނަމަވެސް މުބާރާތުގައި އޭނަގެ ޓީމު، ޗެންނައި ސުޕަ ކިންގު (ސީއެސްކޭ) އަށް ޗެމްޕިއަންކަން ހޯދައި ފޭނުންނަށް ބޮޑު އުފާވެރި ކަމެއް ގެނެސް ދިނުމަށް ފަހު، އެއަށް ވުރެ ބޮޑު އުފާވެރި ކަމެއް ގެނެސް ދިނީ އަދި ރިޓަޔާކުރަން ބޭނުން ނޫން ކަމަށް އިއުލާންކުރަމުންނެވެ.

ބައިނަލްއަގުމާވީ ފެންވަރުގައި ދޯނީ، 41، ކްރިކެޓް ކުޅުން ހުއްޓާލީ އޮގަސްޓް 15، 2020 ގަ އެވެ. އެކަމަކު އޭގެ ފަހުން ވެސް އޭނަ އަންނަނީ އައިޕީލްއެގައި ކުޅެމުންނެވެ. އަދި މި ފަހަރު ސީއެސްކޭ މުބާރާތުގެ ތަށި އުފުލާލި އިރު، މިއީ ދޯނި މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި ފަސް ވަނަ ފަހަރެވެ.

މި ފަހަރުގެ ކާމިޔާބީއާ އެކީ އޭނަ ބުނީ ކްރިކެޓް ކުޅުމުގައި އަދި ދެމިހުންނަން ނިންމީ ފޭނުންނާއި ސަޕޯޓަރުންދޭ ދޭ ލޯތްބާއި ތާއީދަށްޓަކައި ކަމަށް ބުންޏެވެ.

"ހަގީގަތުގައި މިއީ އަހަރެން މިހާރު އެއްކޮށް ރިޓަޔާކުރަންވީ ވަގުތު. އެކަމަކު ފޭނުން ދޭ ލޯތްބާއި ސަޕޯޓާ ހެދި މިހާރު އަހަރެން ގަބޫލު ކުރަނީ ކުރިމަތީގައި އަދި އައިޕީއެލްގެ އިތުރު ސީޒަނެއް އޮތް ކަމަށް،" ދޯނީ ބުންޏެވެ. "އެހެންވެ އަދި އެއް ފަހަރު މުބާރާތް ކާމިޔާބުކޮށްގެން ފޭނުންނަށް ހަދިޔާއެއް ދޭން ބޭނުންވޭ."

ދޯނީ އަކީ ކްރިކެޓަށް ލޯބިކުރާ އިންޑިއާގެ ވަރަށް ގިބަ ޒުވާނުން ނަމޫނާއަކަށް ބަލާ އަދި މިހާރުގެ ނަން މަޝްހޫރު ބައެއް ކުޅުންތެރިން ވެސް ރޯލު މޑެލްއެއްގެ ގޮތުގައި ދެކޭ ކްރިކެޓްގެ ވަރުގަދަ ޝަހުސިއްޔަތެކެވެ.

ދޯނީ އަށް ބިނާކޮށް ބޮލީވުޑުން ބައޮގްރަފިކަލް ޑްރާމާއެއް ވެސް ހަދާފައިވެ އެވެ. އެއީ 2016 ގެ "އެމްއެސް ދޯނީ: ދި އަންޓޯލްޑް ސްޓޯރީ" އެވެ. އޭގައި ދޯނީގެ ރޯލު ކުޅުނީ 2020 ގައި ދަންޖެހިގެން މަރުވި ސުޝާންތު ސިންގް ރާޖްޕޫތެވެ.