ރާއްޖޭގެ ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަބްދުލް ހަންނާނު މޫސާ ދީދީގެ ލަވަ ސެޓެއް ފޭނުންނަށް ދޫކޮށްލައިފި އެވެ.
ޔޫޓިއުން ވެސް ބަލާލެވޭ ގޮތަށް ދޫކޮށްލި މި ލަވަ ސެޓުން ހަންނާނު ވަނީ އޭނަ ކުރިން ކިޔާފައިވާ ލަވަތަކެއްގެ ހަނދާން އާކޮށް ދީފަ އެވެ. މި ލަވަ ސެޓުން ހަންނާނުގެ ލަވަކިޔުމުގެ ހުނަރާއި ވައްޓަފާޅި އަށް މާ ބޮޑު ބަދަލެއް އައިސްފައި ނެތްކަން ހާމަކޮށްދަ އެވެ. ކުރިއެކޭ އެއްގޮތަށް މިހާރު ވެސް ހަމަ އަޑު އަހާލަން ފަސޭހަ، ރީތި އަދި ސާފު އަޑެކެވެ.
ސްރީ ލަންކާގައި ދިރިއުޅޭ ހަންނާނަކީ މިހާތަނަށް އެތައް ލަވައެއް ކިޔާފައިވާ ފަންނާނެކެވެ. އުމުރުން މިހާރު 63 އަހަރުގެ ހަންނާނަކީ އަށްޑިހައގެ ތެރޭގައި ދިވެހިންގެ ތެރޭގައި މަޝްހޫރުކަން ހޯދި އަޑެކެވެ. އޭގެ ފަހުން ދިވެހި ސިނަމާ އަށް އައި އެތައް ފިލްމަކަށް ވެސް ހަންނާނު ލަވަ ކިޔާފައިވެ އެވެ.
އޭގެ ތެރެއިން އެންމެ ފަހުގެ ފިލްމަކީ މި މަހުގެ 3 އިން ފެށިގެން އޮލިމްޕަހުގައި ދައްކަމުން އަންނަ "ލޯބިވެވިއްޖެ" އެވެ. އެ ފިލްމުގައި ހިމެނޭ "މިސްވެވޭ" އަކީ ހަންނާނު މިއުޒިކް ހަދައި، ކިޔާފައިވާ ލަވައެކެވެ. އޭނަ ލަވަ ކިޔައިދިން މަޝްހޫރު ބައެއް ފިލްމުތަކުގެ ތެރޭގައި "ފަތިސްހަނދުވަރު"، "ނުފޮޅޭމޭ"، "ކަރުނައިގެ އަގު"، "ލޯބީގެ އަނިޔާ"، "ލައިލާ"، "އެ ތޫފާނީ ރޭ"، "ހިތް އެދެނީ"، "ޒަލްޒަލާ" އަދި "އެދިއެދި ހޯދީމޭ" ހިމެނެ އެވެ.
ހަންނާނު ކިޔާފައިވާ ވަރަށް ގިނަ ލަވަތަކެއް ވީޑިއޯ ލަވަތަކުގެ ގޮތުގައި ވެސް ގެނެސްދީފައިވެ އެވެ. އެފަދަ ލަވަތައް 90 ގެ ތެރޭގައި ވަރަށް މަޝްހޫރުވި އެވެ.