ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެޑިއުކޭޝަން މިނިސްޓްރީން ސްކޫލްތަކުގައި ކުރިއަށް ގެންދިޔަ "ދަސްވާރު" ޕްރޮގްރާމް ހިންގީ އުސޫލުތަކާ ހިލާފަށް ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެޑިއެކޭޝަން މިނިސްޓަރާ ސުވާލު ކުރުމަށް ލިބުނު ފުރުސުގައި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވަނީ "ދަސްވާރު" ޕްރޮގްރާމަކީ އެޑިއުކޭޝަން މިނިސްޓްރީން ކުރިން ކުރިއަށްގެންދިޔަ ޕްރޮގްރާމެއްކަން ފާހަގަކޮށް އެ ޕްރޮގްރާމް ހުއްޓާލަން ނިންމީ ކީއްވެތޯ ސުވާލު ކޮށްފައެވެ. އަދި ވޮކޭޝަނަލް ޕްރޮގްރާމެއް އޮތުން މުހިންމު ކަމަށް މިހާރުފެނި، "ދަސްވާރު" ކަހަލަ ޕްރޮގްރާމެއް ފެއްޓުމަށް ވިސްނަވަނީ ކީއްވެތޯ ސުވާލު ކޮށްފައިވއެވެ.
އެ ސުވާލުތަކަށް ޖަވާބު ދެއްވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވި މިސަރުކާރު ވެރިކަމާ ހަވާލުވިއިރު "ދަސްވާރު" ޕްރޮގްރާމުގެ ސެޓްފިކެޓް ހަދާނިންމާފައި ތިބި ކުދިންނަށް އެއްވެސް ގޮތަކަށް ސެޓްފިކެޓް ދޭން ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން އެއްބަސްނުވި ކަމަށެވެ.
"އެއީ އުސޫލުތަކާ ހިލާފަށް އެކަން ގެންގޮސްފަ އޮތީމަ." މިނިސްޓަރު ވިދާޅުވިއެވެ.
ޑރ. އައިޝަތު އަލީ ވިދާޅުވީ "ދަސްވާރު" ކިޔަވައިދޭ އިންސްޓްރަކްޓާ ވާންޖެހޭނީ ވަކިވަރެއްގެ ކޮލިފިކޭޝަން ހުންނަ ބޭފުޅަކަށް ކަމަށެވެ. ކަމަކަށް ކަމެއް ކުރާގޮތަށް ހަމަކޮންމެ މީހަކު ލައްވާ ކިޔަވާދިނެއް ކަމަކު ސެޓްފިކެޓް ދެވޭނެ އުސޫލެއް ނޯންނަކަމަށް ވިދާޅުވިއެވެ. އެ ޕްރޮގްރާމް ހުއްޓާލީ އެގޮތަށް އެކަން ކުރިއަށް ނުގެންދެވޭނެތީ ކަމަށްވެސް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ކުދިން ބާކީކުރުމުގެ ގޮތުން މިފަދަ ޕްރޮގްރާމްތައް ކުރިއަށް ނުގެންދެވޭނެކަމަށް ތައުލީމީ ދާއިރާގެ ޓެކްނިކަލް ބޭފުޅުން ވިދާޅުވާ ކަމަށެވެ. އަދި ވިދާޅުވީ މިސަރުކާރުން ބަލަނީ ފާސްވާ ޕަސެންޓޭޖް ނޫން ކަމަށާއި، އޭގެބަދަލުގައި ބަލަނީ ދަރިވަރަށް ފޯރުކޮށްދެވޭ ތައުލީމަށް ކަމަށެވެ.
"އަޅުގަނޑުމެން "ދަސްވާރު" ކަހަލަ ޕްރޮގްރާމެއް ނޫން މިހާރުމި ކުރިއަށް ގެންދަނީ. ކުދިން ބާކީކޮށްގެން ގްރޭޑް 8 ނިމޭއިރަކަށް ނުބުނަން، މީނައަކަށް ނުކިޔެވޭނެއެކޭ، ވޮކޭޝަނަލް ކޯހަކަށް ދާށެކޭ. މިހާރު މި ކަންތައް ކުރާގޮތަކީ ހުރިހާ ކުދިންނަށް ފައުންޑޭޝަން ސްޓޭޖުން ފެށިގެން 10 އަކާ ހަމައަށް ދަންދެން މަސައްކަތްތެރިކަމުގެ ކޯހެއް ކިޔަވާނެ." މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މިހާރުގެ ޕްރޮގްރާމުން އެ ކުއްޖާ ސްކޫލުން ނިކުންނައިރު އެކެޑެމިކް ކޮލިފިކޭޝަންގެ ގޮތުގައި ފަސް މާއްދާ އަދި ކޮންމެވެސް ކަހަލަ މަސައްކަތެއް ދަސްވިކަމުގެ ސަނަދެއް އެ ކުއްޖާގެ އަތުގައި އޮންނާނެ ކަމަށެވެ.