އިންޑިއާގެ ކުރީގެ ކްރިކެޓް ތަރި ސޯރަވް ގަންގޫލީގެ ވާހަކަ ކިޔައިދޭ ބައޮގްރަފިކަލް ޑްރާމާ އަޔޫޝްމަން ކްރާނާ އަށް ހުށަހަޅާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ޕީޕިންމޫން އިން ބުނި ގޮތުގައި މިދިޔަ މާޗް މަހު "ތޫ ޖޫޓީ، މޭ މައްކާރް" ގެނެސްދިން ޑައިރެކްޓަރު ލަވް ރަންޖަންގެ ފިލްމު ކުންފުނި، ލަވް ފިލްމްސް އިން ހަދަން ނިންމާފައިވާ ފިލްމުގައި ގަންގޫލީގެ ރޯލު ކުޅެން އަޔޫޝްމަނަށް ހުށަހަޅައި އެކަމުގެ މަޝްވަރާތައް މިހާރު އަންނަނީ ކުރެވެމުންނެވެ. އަދި މި ފިލްމު ޑައިރެކްޓްކޮށް ދޭން މަޝްހޫރު އެކްޓަރު ރަޖްނީކާންތުގެ ދަރިފުޅު އައިޝްވާރިއާ ރަޖްނީކާންތު ގެންނަން އަންނަނީ މަސައްކަތް ކުރަމުންނެވެ.
އެކްޓަރު ދަނޫޝްގެ ކުރީގެ އަންހެނުން ކުރިން ވެސް ފިލްމުތަކެއް ޑައިރެކްޓްކޮށްފައިވެ އެވެ. އޭގެ ތެރޭގައި 2012 ގެ "3" އާއި 2015 ގެ "ވައީ ރާޖު ވައީ" ހިމެނެ އެވެ. އައިޝްވާރިއާ މިހާރު އަންނަނީ ބައްޕަ ރަޖްނީކާންތާ އެކީ "ލާލު ސަލާމް" ކިޔާ ފިލްމެއް ޑައިރެކްޓް ކުރަމުންނެވެ.
ގަންގޫލީގެ ބައޯޕިކަށް އަޔޫޝްމަން ގެންނަން މަސައްކަތްކުރާ އިރު، އެންމެ ފުރަތަމަ މި ފިލްމު ކުޅޭނެ ކަމަށް އަޑުއެރީ ރިތިކް ރޯޝަނެވެ. އޭގެ ފަހުން ރަންބީރް ކަޕޫރަށް ފިލްމު ހުށަހެޅިކަމުގެ އަޑުތަކެއް ވެސް ދާދި ފަހުން އެރި އެވެ.
މިހާތަނަށް ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ އަޔޫޝްމަންގެ ކުރިއަށް އޮތް ފިލްމަކީ އޮގަސްޓަށް ތާވަލުކޮށްފައި އޮތް "ޑްރީމް ގާލް 2" އެވެ.