Last Updated: June 7, 18:41
Sunday, June 7, 2026
ޚަބަރު

ޖޫން 2 ގައި ކުރަން އުޅެނީ ބަގާވާތެއް

މެންބަރު މުހައްމަދު ރާއީ- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ޖޫން 2 ވަނަ ދުވަހު "ބާނަ ބާނާ ތިއްބާ ތިޔަ ވިއްކާލީ ކަނޑު" ނަމުގައި ކުރިއަށް ގެންދަން އުޅޭ އެއްވުމަކީ ހިންގަންއުޅޭ ބަގާވާތެއް ކަމަށް މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ ތުހުމަތު ކުރައްވައިފިއެވެ.

ރާއްޖޭގެ ދެކުނުގެ މަސްކަނޑުން ބައެއް ގެއްލުނު މައްސަލައިގައި ކަނޑުވިއްކުމާ ދެކޮޅު އިއްތިހާދުން ތައްޔާރުވަމުން އަންނަ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ 2 ޖޫން 2023 ވާ ހުކުރު ދުވަހުގެރޭ 20:30ގައި ކާނިވާ ސަރައްހައްދުގައެވެ.

މި ޖަލްސާއަށް ތައްޔާރުވަމުން އަންނައިރު، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން މެންބަރު ރާއީ ވިދާޅުވީ 2 ޖޫން ގައި ކުރަން އުޅެނީ ބަގާވާތެއް ކަމަށެވެ.

"ޖޫން 2 ގައި ޗާގޯސް މައްސަލައިގައި ރާއްޖޭގަ ބޮޑު ބަގާވާތެއް ކުރަން އެބައުޅޭ. އެއީ ކަނޑައެޅިގެން ބަގާވާތެއް." ރާއީ ވިދާޅުވިއެވެ.

ރާއީ ވަނީ އެ ޖަލްސާގައި ރާއްޖޭގެ އެއްވެސް ރައްޔިތަކު ބައިވެރި ނުވުމަށް އެދިވަޑައިގެންފައެވެ. މީގެކުރިންވެސް ހިންގާފައިވާ މިފަދަ ކަންކަމުން ރާއްޖެއަށް ކުރިމަތިވި އުނދަގޫ ފެނިގެންގޮސްފައިވާ ކަމަށާއި، އެހެންކަމުން އެއްވެސް ރައްޔިތަކު އަމިއްލައަށް ކުށެއްގެ ތެރެއަށް ނުދިއުމަށް އެދޭކަމަށް ރާއީ ވިދާޅުވިއެވެ.

ރައީސްގެ ސިއްރުސިޓީއަކުން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ވިއްކާލުމުން އެކަމާއި ދެކޮޅުހެދުމަށް އިއްތިހާދުން 2 ޖޫންގައި ކުރިއަށްގެންދާ ހަރަކާތަށް ތައްޔާރުވުމުގެ ގޮތުން މާލޭގައި ބެނާ ހަރުކުރުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ.

މި އިއްތިހާދުގައި ސަރުކާރަށް ތާއިދުކުރާ ޕާޓީތައް ފިޔަވާ އެހެން ސިޔާސީ ޕާޓީތަކުގެ ފަރާތުން އަންނަނީ ބައިވެރިވަމުންނެވެ. އަދި މިކަމުގައި އުޅުއްވި ވަޒީރުން ޖަވާބުދާރީ ކުރުވުމަށްކަމަށް ބުނެ ބަންޑާރަނައިބު އިބްރާހިމް ރިއްފަތު އަދި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަވެސް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވެއެވެ.