Last Updated: June 7, 18:41
Sunday, June 7, 2026
ޚަބަރު

ލޯފަން މީހުންނަށް އަމިއްލަ އަށް ވޯޓުލެވޭ އިސްލާހު ކޮމިޓީއަށް

ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ލޯފަން މީހުންނަށް އެހެން މީހުންގެ އެހީތެރިކަމާ ނުލާ ވޯޓު ކަރުދާހުގައި އަމިއްލައަށް ފާހަގަޖެހުމުގެ ފުރުސަތު ހަމަޖައްސައި ދިނުމަށްޓަކައި އިންތިހާބުތަކާބެހޭ އާންމު ޤާނޫނަށް ހުށަހަޅައިފައިވާ އިސްލާހު މަޖިލީހަށް ބަލައިގަނެ މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވައިފިއެވެ.

ސަރުކާރުގެ ފަރާތުން މި ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހްމޫދެވެ. މި އިސްލާހު މަޖިލީހުން ބަލައިގަނެފައިވަނީ 51 މެންބަރުންގެ ވޯޓުންނެވެ. މި އިސްލާހުގެ މަސައްކަތް މުޅި މަޖިލީހުގެ ކޮމިޓީއަށް ކުރުމަށް ފާސްކޮށްފައިވަނީ ވެސް 51 މެންބަރުންގެ ވޯޓުންނެވެ.

މި އިސްލާހު ހުށަހަޅާ ސަބަބެއްގެ ގޮތުން ބުނެފައިވަނީ، ލޯފަން މީހުން ވޯޓުލާއިރު އެކަމަށް ހާއްސަ ކޮށްފައިވާ ޕްލާސްޓިކް ޓެމްޕްލޭޓެއް މެދުވެރިކޮށް ވޯޓުކަރުދާހުގައި ފާހަގަޖެހޭނެ އިންތިޒާމު، އެފަދަ ފަރާތްތަކުގެ ވޯޓުގެ ސިއްރުކަން ކަށަވަރުކުރެވޭނެ އުސޫލަކުން ހަމަޖައްސައިދިނުން ކަމަށެވެ.

އެގޮތުން އިންތިހާބުތަކާބެހޭ އާންމު ޤާނޫނުގެ 45 ވަނަ މާއްދާގެ ނ އަށް ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައިވަނީ، ވޯޓުކަރުދާހުގައި އަމިއްލައަށް ފާހަގަޖެހުމަށް ޖިސްމާނީގޮތުން ނުކުޅެދިގެންވާ މީހުންގެ ތެރެއިން ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުން، އެހެން މީހެއްގެ އެހީތެރިކަމާ ނުލައި ވޯޓުކަރުދާހުގައި އަމިއްލައަށް ފާހަގަ ޖެހުމަށް އެދޭނަމަ، ޤާނޫނުގައި ބަޔާންކުރާ ޓެމްޕްލޭޓް ބޭނުންކޮށްގެން ވޯޓުކަރުދާހުގައި ފާހަގަ ޖެހިދާނެ ކަމަށެވެ.

އިސްލާހުގައި ބުނެފައިވަނީ ވޯޓުކަރުދާސް ޓެމްޕްލޭޓް ބޭނުންކޮށްގެން ވޯޓުލާން އެދޭ ފަރާތްތަކަށް އެ ފުރުސަތު ދިނުމަށްޓަކައި ހަމަޖައްސަންޖެހޭ އިންތިޒާމުތައް މި ޤާނޫނާއި ޤާނޫނުގެ ދަށުން ހަދާ ގަވައިދުގައިވާ ގޮތުގެމަތިން ވޯޓުލާ ކޮންމެ މަރުކަޒެއްގައި އިލެކްޝަންސް ކޮމިޝަނުން ހަމަޖައްސައިދޭންވާނެ ކަމަށެވެ.