ހއ. މުރައިދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތުގެ ބޮޑުބައެއް ނިމިއްޖެއެވެ.
އެ މަސައްކަތް ކުރަމުން އަންނަ އެމްޓީސީސީން ބުނެފައިވަނީ، ހއ. މުރައިދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 72 އިންސައްތަ މިހާރު ފުރިހަމަކުރެވިފައިވާ ކަމަށެވެ. އަދި މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ދެވަނަ ޝިޕްމެންޓް ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައިވާ ކަމަށާއި ބޭރު ތޮށީގެ ޕްރޮފައިލިން މަސައްކަތް މިހާރު 17 އިންސައްތަ ފުރިހަމަކުރެވިފައިވާ ކަމަށެވެ.
މި މަޝްރޫއުގެ ދަށުން، 32721 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ އައު ހާބަރ ބޭސިން ފުންކުރުމާއި، 3817 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގައި ނެރު ފުންކުރުމާއި، 232 މީޓަރުގެ ސަރަޙައްދެއްގެ އެއްގަމުތޮށި ލުމާއި، 395 މީޓަރުގެ ސަރަޙައްދެއްގެ ބޭރު ތޮށި ލުމާއި، 202 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 50 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމާއި، 1933 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، ރޭމްޕެއް ހެދުމާއި، ކޮންކްރީޓް ބްރިޖެއް ހެދުމާއި، ނެރު ބައްރި އާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.
ހއ. މުރައިދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއަކީ 34.28 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.