Last Updated: March 28, 16:38
Thursday, March 28, 2024
ޚަބަރު

އިދިކޮޅުގެ އެއްވުމުގައި ބައިވެރިނުވާން ގާސިމް އެދިވަޑައިގެންފި

ދިވެހި ކަނޑު ވިއްކާލުމާއި ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ބާއްވާ އެއްވުމުގައި ބައިވެރި ނުވާން ޖުމްހޫރީ ޕާޓީގެ މެމްބަރުންނަށް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ގޮވާލައްވައިފި އެވެ.

ޖުމްހޫރީ ޕާޓީގެ ކައުންސިލް މެންބަރުން ހިމެނޭ ވަޓްސްއެޕް ގުރޫޕަށް ގާސިމް މިއަދު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ އަންނަ ހުކުރު ދުވަހުގެ މުޒާހަރާގައި ޕާޓީގެ ލީޑަޝިޕާއި އާންމު މެންބަރުން ބައިވެރި ނުވުމަކީ އޭނާގެ ނަސޭހަތާއި އިލްތިމާސެއް ކަމަށެވެ.

ހުކުރު ދުވަހުގެ އެއްވުމުގެ މިސްރާބާއި ނަތީޖާ ޖުމްހޫރީ ޕާޓީގެ ލީޑަޝިޕުގެ ގިނަ މެންބަރުންނަށް އޮޅިފައި ނޯންނާނެ ކަމަށާއި އެންމެ ފަހުން ބޭއްވި އެ ޕާޓީގެ ކައުންސިލްގެ ބައްދަލުވުމުގައި ނިންމި ގޮތަށް ގައުމުގެ އަމަންއަމާންކަމާއި ސުލްހަ މަސަލަސްކަން އިސް ކުރުމަށް ގާސިމް ވަނީ ގޮވާލާފަ އެވެ.

""އެހެންކަމުން 2 ޖޫންގެ މުޒާހަރާގައި ޕާޓީގެ ލީޑަޝިޕާއި އާންމު މެންބަރުން ބައިވެރިވެވަޑައިނުގަތުމަކީ އަޅުގަނޑުގެ އިޚްލާސްތެރި ނަސޭހަތާއި އަދި އިލްތިމާސް އެކެވެ." ގާސިމް ވިދާޅުވި އެވެ.

ގާސިމް މިހެން ވިދާޅުވި އިރު ކަނޑު ވިއްކާލުމާ ދެކޮޅަށް އުފައްދާފައިވާ ކޯލިޝަނުގައި ޖުމްހޫރީ ޕާޓީ ވެސް ތަމްސީލުކުރެ އެވެ. އެގޮތުން އެ ކޯލިޝަނުގައި ޖޭޕީ ތަމްސީލުކުރައްވަނީ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން އެވެ.

ކަނޑު ވިއްކާލުމާ ދެކޮޅަށް އުފައްދާފައިވާ ކޯލިޝަނުގައި ހިމެނެނީ އިދިކޮޅު ޕީޕީއެމް-ޕީއެންސީ އާއީ، ޖުމްހޫރީ ޕާޓީ، "ދަ ޑިމޮކްރެޓްސް" އަދި އެމްއެންޕީ އާއި ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރާއި ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝަކޫރު އާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރެވެ.