Last Updated: April 26, 23:59
Saturday, April 27, 2024
ޚަބަރު

ހުތުރު ލަގަބުތަކުން ގޮވުމަކީ ނަހީއެއް: މައުމޫން

ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް - ރައީސް އޮފީސް

މުއުމިނުން އެއް ބަޔަކު އަނެއް ބަޔަކަށް ހުތުރު ލަޤަބު ތަކުން ގޮވުން މާތްﷲ ނަހީކުރައްވާފައިވާ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

މައުމޫން މިހެން ވިދާޅުވެފައިމިވަނީ ރާއްޖޭގެ ވެރިންނަށް ނިސްބަތްކޮށް ވަނަން ކިޔުމަށް ހިތްވަރު ދެއްވައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވާހަކަދައްކަވާފައިވާ ދަނޑިވަޅެއްގަ އެވެ.

މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މުއުމިނުން އެއް ބަޔަކު އަނެއް ބަޔަކަށް ހުތުރު ލަޤަބު ތަކުން ގޮވުން މާތްﷲ ނަހީކުރައްވާފައިވާ ކަމަށާއި އަލް ހުޖުރާތު ސޫރަތުގެ 11 ވަނަ އާޔަތް ބެލުމުން އެކަން އެނގޭނެ ކަމަށެވެ.

މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ނަޝީދު ވަނީ ވެރިންނަށް ކިޔާފައިވާ ވަނަންތަކުގެ ލިސްޓު ހާމަކުރައްވާފަ އެވެ. އެ ލިސްޓް ހާމަކުރެއްވުމަށް ފަހު ނަޝީދު ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ނިސްބަތްކޮށް އިދިކޮޅުން ބޭނުންކުރާ ވަނަން "ޗޯރު އިބުރޭ" ކިޔުމުން ހަމައިން ނައްޓައިގެން ދާ ވަރަށް ކަންބޮޑުވުމަކީ ފަހަތަށް އެޅޭ ފިޔަވަޅެއް ކަމަށް ވިދާޅުވެފައ ެވެ.

"މިއަދު ޗޯރު އިބުރޭ ކީމާ އެކަމާ އަޅުގަނޑުމެން ހަމައިން ނައްޓައިގެން ދާ މިންވަރަށް ކަންބޮޑުވުން އިތުރުކޮށްފި ނަމަ އެއީ އަޅުގަނޑު ދަންނަވާނީ ޑިމޮކްރަސީގެ ރޫހުގައި ފަހަތަށް އެޅޭ ފިޔަވަޅެކޭ." ނަޝީދު ވިދާޅުވި އެވެ.

މަޖިލީހުގެ ރިޔާސަތުގައި އިންނަވައިގެން މިފަދަ ވާހަކައެއް ދެއްކެވުމުން ގިނަ ބައެއްގެ ނުރުހުން އެމަނިކުފާނަށް ވަނީ އަމާޒުވެފަ އެވެ.