ހިތަދޫ ގޭދޮށު މަސް ޕްލާންޓުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދަނީ ކޯޓު މަރުލަހާގައި މައްސަލަ އޮތުމުގެ ސަބަބުން ކަމަށް އައްޑޫސިޓީ ކައުންސިލުން ހާމަކޮށްފިއެވެ.
އައްޑޫގައި އިންޑިއާ ސަރުކާރުގެ އެހީގައި ގޭދޮށު މަސް ޕްލާންޓްތައް ތަރައްޤީ ކުރުމުގެ މަސައްކަތް 3 ރަށެއްގައި ފެށިއެވެ. އެގޮތުން ހުޅުދޫ އަދި މަރަދޫގައި މަސައްކަތް ކުރިއަށްގޮސް މިއަހަރު ތެރޭ އެ ދެތަން ވެސް އޮޕަރޭޝަނަށް ގެނެވޭނެ ކަމަށް ކައުންސިލުން މީގެ ކުރީން ވަނީ ހާމަކޮށްފައެވެ. ނަމަވެސް އެއްވެސް ވަރަކަށް މަސައްކަތެއް ކުރިއަށް ނުގޮސް އޮތީ ހިތަދޫ ގޭދޮށު މަސް ޕްލާންޓުގެ މަސައްކަތެވެ.
މައްސަލައިގެ ފަސްފަހަތް
މިމަސައްކަތް ފުރަތަމަ ހަވާލު ކުރީ އެލްނާތު ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކާއިއެވެ. މިމަސައްކަތް 2020 ވަނަ އަހަރު މޭއި މަހު އެލްނާތު ކުންފުންޏާއި ހަވާލު ކުރީ 280 ދުވަހުގެ ތެރޭ ނިންމުމަށެވެ. ނަމަވެސް މަސައްކަތް އެކަށީގެންވާ ގޮތަކަށް ކުރިއަށް ނުދިޔައެވެ. އޭރު ކައުންސިލުން ބުނެފައިވަނީ މަސައްކަތުގެ ކޮންސަލްޓެންޓުގެ ފަރާތުން އެލްނާތުގެ މަސައްކަތާއި މެދު ކަންބޮޑުވުން ހުރި ކަމަށެވެ. އަދި އެއްބަސްވުމާއި އެއްގޮތަށް މަސައްކަތް ކުރިއަށް ނުދާތީ ކޮންސަލްޓެންޓް ރިޔަން ޕްރައިވެޓް ލިމިޓެޑުން އެއްބަސްވުން އުވާލުމަށް ސިޓީ ކައުންސިލަށް ލަފާ ދީފައިވާ ކަމަށް އައްޑޫސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.
އޭރު މިމަސައްކަތައް އައްޑޫ ޓްރަސްޓް ފަންޑުން 900،000ރ. އެލްނާތަށް ކައުންސިލުން ވަނީ ހާވާލުކޮށްފައެވެ. މަސައްކަތުގެ އެއްބަސްވުން ބާތިލް ކުރިއިރު މިފައިސާ ހޯދުމަށް ނިންމާފައިވީ ނަމަވެސް އެ ފައިސާ ހޯދާފައިއެއް ނުވެއެވެ.
ކައުންސިލުން 2021 ވަނަ އަހަރު ފަހުކޮޅު އެއްބަސްވުން ބާތިލްކޮށް، 2022 ވަނަ އަހަރުގެ ޖެނުއަރީ މަހުން އަލުން އެހެން ކުންފުންޏަކާއި މިމަސައްކަތް ހަވާލުކުރިއެވެ. މި މަސައްކަތް އަލުން ހަވާލުކޮށްފައި ވަނީ ސީބޮޓްސް ޕްރައިވެޓް ލިމިޓެޑާއެވެ. އަލުން އެކުލަވާލި އެއްބަސްވުމުގެ ދަށުން 6 މަސްދުވަހުގެ ތެރޭގައި މަސައްކަތް ނިންމަންޖެހެއެވެ. މިމަޝްރޫގެ ޖުމްލަ އަގަކީ 14.4 މިލިއަން ރުފިއެވެ. އޭގެތެރެއިން 5.8 މިލިއަން ރުފިޔާ ޙަރަދުކުރާނީ އިންޑިއާ ސަރުކާރުންނެވެ. އަދި ސީބޮޓްސް ކުންފުނިން މިމަޝްރޫޢަށް 8.7 މިލިއަން ރުފިޔާ އިންވެސްޓު ކުރާނެ ކަމަށް އައްޑޫސިޓީ ކައުންސިލުން ވަނީ ހާމަކޮށްފައެވެ.
އެ މަސައްކަތް ކައުންސިލުން އަލުން ދެވަނަ ބަޔަކާ ހަވާލުކުރީ މަސައްތަ ބަޔަކާ ހަވާލުކުރުމުގައި ކައުންސިލުން ނުފޫޒު ބޭނުންކުރާ ކަމަށް ބުނެ އެކަމަށް ކުރިމަތިލި ކުންފުންޏަކުން 2021 ޑިސެމްބަރު މަހު އޭސީސީ އަށް މައްސަލަ ހުށަހެޅިއެވެ. އަދި އެކަމާ ގުޅިގެން ހިތަދޫ ގޭދޮށު މަސް ޕްލާންޓަށް ކުރިމަތިލި ސުވާދިވް މާކެޓިން ޕްރައިވެޓް ލިމިޓެޑުން އެ މައްސަލަ ފިނޭންސް މިނިސްޓްރީ އަށް ވެސް ހުށަހެޅި އެވެ. އެގޮތުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޒާހިރު ހުށަހެޅި މައްސަލައާ ގުޅިގެން ފިނޭންސުން ބުނީ މަސް ޕްލާންޓް ހަވާލުކުރުމުގައި ކައުންސިލުން މާލީއްޔަތު ގަވައިދާ ހިލާފަށް އަމަލުކޮށްފައިވާކަން ފާހަގަވެފައިވާ ކަމަށެވެ.
އެއްވެސް ކޮޅެއްގައި ނުޖެހި މަސައްކަތް ހުއްޓިފައި
މިހައި ހިސާބުން އިތުރު ބަޔަކާ ހަަވާލުކުރަން ކައުންސިލަށް ހުޅުވައެއް ނުލެވެއެވެ. މިއަހަރު ކުރީކޮޅު އައްޑޫސިޓީ ކައުންސިލުގެ މޭޔަރ އައްޑޫލައިވްއާއި ވާހަކަ ދައްކަވަމުން ވިދާޅުވީ، ކައުންސިލުގެ ވިސްނުން ހުރީ، ކައުންސިލުގެ ލޯކަލް އޮތޯރިޓީ ކޮމްޕެނީ މެދުވެރިވެގެން އެތަން ހިންގުމަށެވެ. ނަމަވެސް އޭގެ ފަހުން 6 މަސް ދުވަސްވާއިރު، އިތުރު އެއްވެސް މަސައްކަތެއް އެކަމާއި ގުޅިގެން މިހާތަނަށް ކުރެވިފައި ނުވެއެވެ. އަދި ކުރެވިފަިއވާ މަސައްކަތެއް ކައުންސިލުން ހާމަވެސް ކޮށްފައި ނުވެއެވެ.
މިމަސް ޕްލާންޓުގެ ތަކުގެ މަސައްކަތް މިހާރު ކުރިއަށްދާ ގޮތާއި ގުޅޭގޮތުން އައްޑޫލައިވް އަށް މޭޔަރ ނިޒާރު ވިދާޅުވީ، މިމަސައްކަތް ކުރިއަށް ނުގޮސް ވަނީ ކޯޓުގައި މައްސަލަ އޮތުމުން ކަމަށެވެ.
" ފަހުން އެއްބަސްވުން ފިނޭންސުން ބާތިލް ކުރުމުން، އެމައްސަލަ [ސީބޮޓު ކުންފުނިން ވައްދައިގެން] ކޯޓުގައި އޮތުމުން ގޮތެއް ނުނިމިގެން މިތިބީ. ކޯޓުގައި މައްސަލަ އޮއްވާ އިތުރަށް އިއުލާނެއްވެސް ނުކުރެވޭނެ. " ނިޒާރު ވިދާޅުވިއެވެ.
މީގެ އިތުރުން އައްޑޫ ޓްރަސްޓް ފަންޑުން އެލްނާތަށް ދިން ރުފިޔާވެސް އަނބުރާ ދެއްކުމަށް އެނގުމުންވެސް ދައްކާފައި ނުވާތީ އެ މައްސަލަވެސް އޮތީ ކޯޓުގައި ކަމަށް ނިޒާރު ވިދާޅުވިއެވެ.
އައްޑޫ ގޭދޮށު މަސް ޕްލާންޓުތަކުގެ މަސައްކަތް ކުންފުނިތަކާއި ހަވާލުކޮށްފައިވަނީ 2020 ވަނަ އަހަރުއެވެ. މަސައްކަތް ކޯވިޑާއި ގުޅިގެން ލަސްވެގެން ދިޔަ ނަމަވެސް 3 އަހަރު ވެގެން ދިޔަ އިރު އެއްވެސް މަސައްކަތެއް ނިމިފައި ނުވާތީ އެކަމާއި ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.