އެމްޓީސީސީގެ 2022 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ އަންނަ ޖޫން މަހުގެ 15 ގައި ކުރުނބާ މޯލްޑިވްސްގައި ބާއްވަން ނިންމައިފި އެވެ.
އެމްޓީސީސީން ކުރި އިއުލާނެއްގައި ބުނީ، އަހަރީ އާންމު ޖަލްސާ އޮންނާނީ 15 ޖޫން ވާ ބުރާސްފަތި ދުވަހުގެ ރޭ 8:30 ގައި ކުރުނބާ މޯލްޑިވްސްގެ ބޯގަންވިލާ މާލަމުގައި ކަމަށެވެ.
މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީގެ އޮންލައިން ވެބް އެޕްލިކޭޝަން 'ފަހިވޯޓް' މެދުވެރިކޮށް ނުވަތަ ޖަލްސާއަށް ހާޒިރުވެ، ބައިވެރިވުމުގެ ފުރުސަތު ހިއްސާދާރުންނަށް ވަނީ ހުޅުވާލައިފަ އެވެ. ޖަލްސާގައި ބައިވެރިވެވޭނީ މިދިޔަ މަހު 12 ގެ ނިޔަލަށް އެމްޓީސީސީގެ ހިއްސާދާރުންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ މީހުންނަށް ކަމަށް އިއުލާނުގައިވެ އެވެ.
އެމްޓީސީސީން ބުނީ އަހަރީ އާންމު ޖަލްސާގައި ބައިވެރިވާން ބޭނުންވާ ހިއްސާދާރުން 13 ޖޫން ވަނަ ދުވަހުގެ 8:30 ގެ ކުރިން ރަޖިސްޓްރީކުރަން ޖެހޭނެ ކަމަށެވެ.
އެ ޖަލްސާގައި ވޯޓުލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ އިލެކްޓްރޯނިކް ވަސީލަތެއް މެދުވެރިކޮށް ކަމުގައިވާތީ، ޖަލްސާއަށް ހާޒިރުވެގެން ބައިވެރިވާ މީހުން ސްމާޓް ފޯނު/ޓެބްލެޓް ފަދަ، 'ފަހިވޯޓް' ބޭނުންކުރެވޭނެ ވަސީލަތަކާއެކު ޖަލްސާއަށް ދިއުމަށް އެމްޓީސީސީން ވަނީ އެދިފަ އެވެ.