ކުޑަގިރި ދިވެހިންގެ އިތުރުން ފަތުރުވެރިންގެ މެދުގައިވެސް މަޤުބޫލު ކަމަށް ކުޑަގިރި ބަލަހައްޓަމުންދާ އާބަންކޯއިން ބުނެފިއެވެ.
ކުޑަގިރި ޙިދުމަތް ދޭން ފެށީ، މާލެ ސަރަހައްދުގައި ދަތުރުގޮސް އުޅޭނެ ތަނެއްގެ ގޮތުގައެވެ. އެގޮތުން ތަނުގައި ގިނަ ވަސީލަތްތައް ޤާއިމްކޮށް ގިނަ ޙިދުމަތްތަކެއް އާބަންކޯއިން ދަނީ ފޯރުކޮށްދެމުންނެވެ. މިފަދަ ހިދުމަތްތައް ކުޑަ ގިރީގައި ޤާއިމު ކުރުމުގެ އެއްމެ ބޮޑު ބޭނުމަކީ ދިވެހިންނަށާއި، ހަފުތާ ބަންދު ނޫން ދުވަސްތަކުގައި ރަށަށް ޒިޔާރަތް ކުރާ ފަތުރުވެރިންނަށް ވެސް ހެޔޮ އަގެއްގައި ރާއްޖޭގެ ހިތްފަސޭހަ ކަމާއި ގުދުރަތީ ރީތިކަން ފަސޭހައިން ތަޖުރިބާ ކޮށްލެއްވޭނެ ގޮތެއް ފަހި ކޮށްދިނުން ކަމުގައި އާބަންކޯއިން ބުނެއެވެ.
އަދި މާލެ ސަރައްދުގެ ގިނަ ރަށްތަކެއްގައި މިހާރު ގެސްޓް ހައުސްތައް އެކި ފެންވަރުގައި ހިންގަމުން ދާއިރު، ކުޑަގިރި ވެފައި ވަނީ ގިނަ ވަސީލަތްތަކާއި އެކު މި ވިޔަފާރިތަކަށް ބޮޑު އެހީ އަކަށް ކަމަށް އާބަންކޯއިން ބުނެއެވެ. މިގޮތުން، މިހާރުވެސް މާލެ ސަރަހައްދުގެ ގިނަ ގެސްޓް ހައުސްތަކުން ފަތުރުވެރިން ކުޑަގިރިއަށް ޑޭ ޓްރިޕްގައި ގެންދާ ކަމަށާއި، އެރަށަށް ޝެޑިއުލްކޮށް ކޮންމެ ދުވަހަކު ފެރީ އޮންނަކަން އެކުންފުނިން ފާހަގަ ކުރެއެވެ.
މިކަމުގެ ސަބަބުން މިފަދަ ގެސްޓް ހައުސްތަކުން ހިދުމަތް ދިނުމަށް ބޭނުންވާ ގިނަ ވަސީލަތްތަކެއް ހެޔޮ އަގެއްގައި އެއްތަނަކުން ލިބި، ފަތުރުވެރިންނަށް ވެސް އައު މާހައުލެއްގައި ގިނަ ހަރަކާތްތަކެއްގައި ބައިވެރި ވުމުގެ ފުރުޞަތު ލިބިގެންދާކަމަށް އެކުންފުނިން ފާހަގަ ކުރެއެވެ.

ހަފްތާ ބަނދުގައި ގިނަ ދިވެހިން ކުޑަގިރިއަށްދާއިރު ހަފްތާ ދުވަސްތަކުގައި ގިނައިން ކުޑަގިރިއަށް ދަނީ ފަތުރުވެރިން ކަމަށް އާބަންކޯއިން ފާހަގަ ކުރެއެވެ. ޒަމާނީ ވަސީލަތްކާއި، ދަތުރު ގޮސް ކުރާނެ ގިނަ ކަންތައްތަކެއް މި ރަށުގައި މިހާރުވެސް ހުރެއެވެ. މިގޮތުން، ކެފޭ ރެސްޓޯރަންޓް، މޫދުގެ އެކި ކުޅިވަރުތަކާއި، ބީޗް ކުޅިވަރުތައް އަދި ޑައިވިންގ ސްކޫލް މިރަށުގައި ވަނީ ޤާއިމް ކޮށްފައެވެ.
ކުޑަގިރިއަށް ދިވެހިންނަށް ހިލޭ ދެވޭއިރު، ބިދޭސީންނަށް ކުޑަ އަގެއްގައި އެރަށަށް ދެވޭ ގޮތް ވަނީ ހަދާފައެވެ. މިރަށަށް ދިއުމާއި ގުޅޭ އެންމެހައި ކަންކަން ކުޑަގިރި އެޕްލިކޭޝަން މެދުވެރިކޮށް ހަމަޖައްސާލެވޭނެއެވެ.