ސަރުކާރުގެ ސިޓީ ބަދަލު ކުރާ ނިޒާމު ގަވަމެންޓް އީ ލެޓަރ މެނޭޖްމެންޓް ސިސްޓަމް އަޕްގްރޭޑްކޮށް އޭގެ ބަދަލުގައި ޖެމްސް ވޯކް ސްޕޭސް ބޭނުން ކުރަން ފަށައިފިއެވެ.
މިނިޒާމު ބޭނުންކުރަން ފެށުމުގެ ގޮތުން، އިފްތިތާޙްކޮށްދެއްވީ ރައިސުލްޖުމުހޫއްރީއްޔާގެ ނައިބް ފައިސަލް ނަސީމްއެވެ. މިރަސްމީއްޔާތުގައި ޓެކްނޮލޮޖީ މިނިސްޓަރ އާމިނަތު ޝައުނާވެސް ބައިވެރިވެވަޑައިގެންނެވިއެވެ. ޖެމްސް ވޯކް ސްޕޭސް ތަޢާރަފް ކުރުމަށް ބޭއްވި ރަސްމީއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ޝައުނާ ވިދާޅުވީ، ނިޒާމު ބޭނުން ކުރަން ފަށަނީ ދައުލަތުގެ 4 އިދާރާއަކާއި އެކުގައި ކަމަށެވެ.
އެގޮތުން ފުރަތަމަ ބޭނުން ކުރަން ފަށާ 4 އިދާރާއަކީ، ރައީސް އޮފީސް، ހަޔަރ އެޑިއުކޭޝަން މިނިސްޓްރީ، މިނިސްޓްރީ އޮފް ހޯމް އެފެއާޒް އަދި މިނިސްޓްރީ އޮފް އެޑިއުކޭޝަނެވެ.
އަލަށް ތަޢާރަފް ކުރެވޭ ނިޒާމާއިއެކު ސަރުކާރުގެ މަސައްކަތް ހަލުވިވެ، ހިންގުން އެތަށް ގުނައެއް ހަރުދަނާ ވެގެން ދާނެ ކަމަށް އަޅުގަނޑު ޤަބޫލު ކުރާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
" މިފަދަ ނިޒާމެއް އައުމުން އޮފީސްތަކުން އެކިއެކި ސޮފްޓްވެއަރ ތަކަށް ކުރަމުންދާ ޙަރަދުތަކާއި، އެހެން ކަންކަމަށް މިފަދަ ބޭނުންތަކަށް ކުރެވެމުން އަންނަ ޙަރަދުތައް ކުޑަ ކުރެވި، އެއް ނިޒާމަކުން ހުރިހާ ކަމެއް ކުރުމުގެ ފަސޭހަކަން ލިބުމުގެ އިތުރުން، މިނިޒާމަކީ އިލެކްޓްރޯނިކްކޮށް ކަންކަންކޮށް ކަރުދާސް ބޭނުން ކުރުން އެތައް ގުނައަކުން މަދުކޮށްދޭނެ ތިމާވެއްޓާވެސް ރަށްޓެހި ނިޒާމެއް " ނިޒާމު ފަސޭހަތައް ހާމަކޮށްދެމުން މިނިސްޓަރ ޝައުނާ ވިދާޅުވިއެވެ.
މިނިޒާމު މެދުވެރިކޮށް އޮފީހުން ބޭރުގައިވެސް މުވައްޒަފުންނަށް މަސައްކަތް ކުރުމުގެ ފަސޭހަކަން ލިބިގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ. އަދި މީގެ ސަބަބުން ސަރުކާރަށް ފޮނުވާ ސިޓީތަކުގެ ޖަވާބު ދިނުމުގައި އަވަސްވެގެން ދާނެ ކަމަށް ސަރުކާރުން ބުނެއެވެ.
މި ނިޒާމުގެ އެންމެ ބޮޑު އަމާޒަކީ ރައްޔިތުންނަށް ޖަވާބު އަވަހަށް ދީ، މުވައްޒަފުންނާއި ގުޅުންހުރި ހުރިހާ މަސައްކަތްތަކެއް އެއް ދިމާލަކުން ކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުން ކަމަށް ސަރުކާރުން ބުނެއެވެ. މިގޮތުން ކުރިއަށް 3 މަސް ދުވަހުގެ ތެރޭގައި 450 އިދާރާއަކަށް ނިޒާމު ތަޢާރަފް ކުރެވޭނެ ކަމަށް ސަރުކާރުން ބުނެއެވެ.