Last Updated: April 24, 11:29
Wednesday, April 24, 2024
ޚަބަރު

ހަންކެޑެ ޕްރޮޖެކްޓަށް މުވައްޒަފުން ހޯދަނީ

ހަންކެޑެ ތަރައްޤީކޮށްފައި އޮންނަ އިރު އޮންނާނެ ގޮތުގެ ކުރެހުން(2023) ---

ހަންކެޑެ އިންޓަގްރޭޓެޑް ޑިވެލޮޕްމެންޓް ޕްރޮޖެކްޓުގައި މޯލްޑިވްސް ފަންޑް މެނޭޖެމެންޓް ކޮމްޕެނީގެ ފަރާތުން މަސައްކަތް ކޮށްދޭނެ ފަރާތްތައް ވޯކް އިން އިންޓަވިއުތައް ބާއްވަން އިއުލާންކޮށްފިއެވެ.

މިމަޝްރޫޢުގެ ހިންގަނީ މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން ކޮމްޕެނީ (އެމްއެފްއެމްސީ) ގެ ދަށުންނެވެ. އެކުންފުނިން ކޮށްފައިވާ އިއުލާނުގައި އޮފިސަރ، އެކްޒެކެޓިވް، ސުޕަވައިޒަރުން އަދި ސަޕޯޓް ސްޓާފުން ހޯދުމަށް ވަނީ އިއުލާންކޮށްފައެވެ. ނަމަވެސް މިއިން ކޮންމެ ދައިރާއަކުން ނަގަނީ ކިތައް މުވައްޒަފުން ކަމެއް ހާމަކޮށްފައި ނުވެއެވެ.

މާދަމާ މެނދުރުފަހު 2 އިން 5 އަށް ވޯކް އިން އިންޓަވިއުތައް ކުރިއަށްދާއިރު، އިންޓަވިއު އޮންނާނީ ސ. މަރަދޫ އަރުމާނު ގައެވެ. މި އިންޓަވިއުއަށް އަންނަ ފަރާތްތަކުން އައިޑީ އާއި ސީވީ ގެނައުމުން ފުދޭނެ ކަމަށް އެކުންފުނިން ވަނީ ހާމަކޮށްފައެވެ.

މިމަޝްރޫޢު ހިންގުމަށް ހަމަޖެހިފައިވަނީ ބޭންކް އޮފް ޗައިނާއިން 145 މިލިއަން ޑޮލަރު (2.2 ބިލިއަން ރުފިޔާ) ގެ ލޯނެއް ނަގައިގެންނެވެ. އިންޓަގްރޭޓް ޓޫރިޒަމް ކޮންސެޕްޓުގެ ދަށުން ހަންކެޑެ ތަރައްޤީ ކުރުމަށް ހަވާލުކުރީ ޗައިނާގެ ނޭޝަނަލް އިލެކްޓްރިކަލް އިންޖިނިއަރިން (ސީއެންއީސީސީ) އެވެ.

ސަރުކާރުން ހިންގާ މިމަޝްރޫޢުގެ ދަށުން ހަންކެޑެގައި 2082 އެނދު ތަރައްޤީ ކުރާނެކަމަށް އެމްއެފްއެމްސީއިން ހާމަކުރެއެވެ. މިމަޝްރުޢޫގެ ތެރެއިން 14 ހޮޓަލް ޤާއިމް ކުރާނެއެވެ. އެއީ 2 ގްރޭންޑް ހޮޓަލާއި، 2 ޑިލަކްސް ހޮޓަލް އަދި 10 ބުޓީކް ހޮޓަލެވެ. މީގެ އިތުރުން 17 ބީޗް ވިލާ ތަރައްޤީކުރާނެއެވެ. އަދި 64 ސާވިސްޑް އެޕާޓްމެންޓުގެ އިތުރުން ޝޮޕިންގް އޭރިއާތައް މަޝްރޫޢުގެ ތެރެއިން ތަރައްޤީ ކުރާނެއެވެ.

މީގެ އިތުރުން ވޯޓަރ ޕާކަކާއި ކުޅިވަރު ކުޅުމާއި މުނިފޫހި ފިލުވުމަށް ތަފާތު ވަސީލަތްތައް ޤާއިމް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ޕްރޮޖެކްޓުގެ ތެރޭގައި ނޮލެޖް ސެންޓަރ، މިކްސްޑް ސްޕޯޓްސް ބިލްޑިންގް، އައުޓްޑޯ ބީޗް ސްޕޯޓްސް ކުޅޭނެ ވަސީލަތްތަކާއި، ތީއެޓަރ ފަދަ ރެކްރިއޭޝަނަލް ޚިދުމަތްތަކާއި، ފުޑް ކޯޓާއި ތަފާތު ރެސްޓޯރެންޓް އަދި ފިހާރަތަށް ހިމެނޭގޮތަށް މިމަޝްރޫޢު ވަނީ ފަރުމާކުރެވިފައެވެ.