Last Updated: March 28, 21:55
Thursday, March 28, 2024
ކުޅިވަރު

ސައުދީ ކްލަބަކުން ބެންޒެމާ އަށް ބޮޑު ހުށަހެޅުމެއް

ސައުދީ އަރަބިއްޔާގެ ކްލަބަކުން ރެއާލް މެޑްރިޑްގެ ފްރާންސް ފޯވާޑް ކަރީމް ބެންޒެމާ އަށް ބޮޑު ހުށަހެޅުމެއް ހުށަހަޅައިފި އެވެ.

ބެންޒެމާ ،35، ރެއާލްއާއެކު ހަދާފައިވާ ކޮންޓްރެކްޓްގައި ބާކީ އަދި އެއް އަހަރު އޮތްއިރު މީޑިއާ ރިޕޯޓުތައް ބުނާގޮތުން ބެންޒެމާ އަށް ސައުދީގެ ކްލަބަކުން މިހާރު ވަނީ 400 މިލިއަން ޑޮލަރުގެ ހުށަހެޅުމެއް ހުށަހަޅާފަ އެވެ. މި ހުށަހެޅުން ހުށަހެޅީ ސައުދީ ލީގުގެ ޗެމްޕިއަންކަން މިފަހަރު ހޯދި އަލް އިއްތިހާދުން ކަމަށް ރިޕޯޓުތައް ބުނެ އެވެ.

މި ހުށަހެޅުމާ މެދު ބެންޒެމާ ވިސްނަމުންދާ ކަމަށް ރިޕޯޓުތައް ބުނެ އެވެ. އަދި މި ހުށަހެޅުން ގަބޫލުކޮށް ރެއާލް ދޫކޮށްލަން ބެންޒެމާ ނިންމައިފި ނަމަ އެކަމަށް އެ ކްލަބުން ހުރަސް ނާޅާނެ ކަމަށްވެސް ރިޕޯޓުތައް ބުނެ އެވެ. ބެންޒެމާ ރެއާލް ދޫކޮށްލައިފި ނަމަ ޓޮޓެންހަމްގެ ފޯވާޑް ހެރީ ކޭން ހޯދުމުގެ ރޭހުގައި ރެއާލުން ބައިވެރިވުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް ރިޕޯޓުތައް ބުނެ އެވެ.

2009 ވަނަ އަހަރުން ފެށިގެން ރެއާލަށް ކުޅެމުން އަންނަ ބެންޒެމާ އަކީ އެ ކްލަބަށް ދެވަނަ އަށް އެންމެ ގިނަ ގޯލު ކާމިޔާބުކޮށްދިން ކުޅުންތެރިއާ އެވެ. ބެންޒެމާ ވަނީ ރެއާލަށް މިހާތަނަށް 354 ގޯލު ކާމިޔާބުކޮށްދީފަ އެވެ.

2022 ވަނަ އަހަރުގެ ބެލޮންޑިއޯ އެވޯޑު ކާމިޔާބު ކުރި ބެންޒެމާ ވަނީ ރެއާލަށް 647 މެޗު ކުޅެދީފަ އެވެ.