ރާއްޖޭގައި މިހާރު އެންމެ ފާހަގަކޮށްލެވޭ އެއް ޑައިރެކްޓަރު ކަމަށްވާ އިލްޔާސް ވަހީދު (އިއްލެ) ގެ ފިލްމު "ނީނާ" މި އަހަރުގެ އޮގަސްޓް 6 ގައި ބެލުންތެރިންނަށް ގެނެސްދޭން ނިންމައިފި އެވެ.
ދެހާސް ވިހީގެ ކުރީކޮޅު ޝޫޓިން ނިންމި ފިލްމު، ކޮވިޑާ ހެދި ފަސްކުރަން ޖެހި، ބެލުންތެރިންނަށް ގެނެސްދިނުން ލަސްވި ނަމަވެސް އިއްލެ މިހާރު އަންނަނީ ފިލްމު ރިލީޒްކުރަން ވާން ޖެހޭ ގިނަ ތައްޔާރީތަކެއްވަމުންނެވެ. އެގޮތުން "ނީނާ" ޕޮލިޝްކުރުމުގެ މަސައްކަތް މިހާތަނަށް ވަރަޑް ބޮޑަށް ކޮށްފައިވެ އެވެ.
މި ކްރައިމް ތުރިލާގެ ޓައިޓްލް ރޯލު ކުޅެފައި ވަނީ އިއްލެގެ ފުރަތަމަ ފީޗާ ފިލްމު 2019 ގެ ސައިކޮލޮޖިކަލް ތުރިލާ "ބަވަތި" ގެ ވެސް ބަތަލާގެ ރޯލު ކުޅުނު ނުޒުހަތު ޝުއައިބް (ނުޒޫ) އެވެ. މި އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ނީނާ" ގެ ކާސްޓްގައި ޝަރަފު އަބްދުﷲ، މަރިޔަމް ޝަކީލާ، ހަމްދޫން ފާރޫގް، ޖުމައްޔިލް ނިމާލު (ޖުމަލް) ގެ އިތުރުން 1980 ގެ ތެރޭގައި ފިލްމީ ދާއިރާ އިން ވިދައިލި ބަތަލާ، މަރަދޫ މަރިޔަމް ރަޝީދާ ހިމެނެ އެވެ.
މި ފިލްމު އޮލިމްޕަހަށް ގެންނަން ތައްޔާރުވަމުން އަންނަ އިރު، އިއްލެ އަންނަނީ "ފްރީ ޑެލިވަރީ" ކިޔާ ފިލްމެއް ވެސް ހަދަމުންނެވެ.