Last Updated: July 24, 15:14
Friday, July 24, 2026
ޚަބަރު

އެމްޓީސީސީގެ އޯޕަން ޑޭ މިއަދު ފޭދޫގައި

އެމްޓީސީސީގެ "ހުނަރު" ޕްރޮގްރާމްގެ ދަށުން މިއަދު އައްޑޫގައި އޯޕަން ޑޭއެއް ބާއްވަން ތައްޔާރުވެއްޖެ އެވެ.

އެ ކުންފުނިން ވެލްޑަރުން ތަމްރީނުކުރަން ހިންގަން ނިންމާފައިވާ ޕްރޮގްރާމަކަށް ބޭނުންވާ މީހުން ނަގަން ބާއްވާ މި އޯޕަން ޑޭ މިއަދު ކުރިއަށް ދާނީ ފޭދޫ ބޮޑުމަގުގައި ކުރިން ކުދިމާ ޕްރީ ސްކޫލް ހިންގި ތަނުގައި މެންދުރު ފަހު 3:00 އިން ހަވީރު 5:00 އަށެވެ.

އެމްޓީސީސީން ބުނީ ވެލްޑާސް ޑިވެލޮޕްމަންޓް ޕްރޮގްރާމަށް ނަގާ ބައިވެރިންނަށް އެޕްރެންޓިސް މުއްދަތުގެ ތެރޭގައި 5،000ރ. ގެ އެލަވަންސަކާއި އެކޮމަޑޭޝަނަށް 3،000ރ. ވެސް ލިބޭނެ ކަމަށެވެ. މި ޕްރޮގްރާމަށް ނަގަން ހަމަޖެހިފައި ވަނީ އޯ ލެވެލް އިން ތިން މާއްދާއިން ފާސްވެފައިވާ އަދި އުމުރުން 25 އަހަރުގެ ދަށުގެ ޒުވާނުންނެވެ.

އެމްޓީސީސީގެ ވެލްޑާސް ޑިވެލޮޕްމަންޓް ޕްރޮގްރާމަކޫ ރާއްޖޭގެ އެކި ހިސާބުތަކުން ޒުވާނުން ނަގައިގެން ހިންގަން ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ. އެގޮތުން މިހާތަނަށް ވަރަށް ގިނަ އަތޮޅުގައި ވަނީ އޯޕަން ޑޭ ބާއްވައިފަ އެވެ.

އެމްޓީސީސީ އަކީ އައްޑޫގެ ފެރީ އާއި ބަހުގެ ހިދުމަތް ދެމުން އަންނަ ކުންފުންޏެކެވެ.

މީގެ 42 އަހަރު ކުރިން އުފަންވި އެމްޓީސީސީ އަކީ އެކި ދާއިރާތަކުން މީހުން ބިނާކުރަން ވަރަށް ބޮޑު އިސްކަމެއް މި ފަހުން ދެމުން އަންނަ އަދި ޒުވާން ހުނަރުވެރިންނަށް ވަޒީފާގެ ފުރުސަތުތައް ވަރަށް ބޮޑަށް ފަހިކޮށްދެމުން އަންނަ ކުންފުންޏެކެވެ.