އިތުބާރު ނެތްކަމުގެ މައްސަލައިގައި ދިފާއުގައި ވާހަކަ ދެއްކެވުމަށް ބަންޑާރަނައިބު އިބްރާހިމް ރިއްފަތު މަޖިލީހަށް ހާޒިރުވުމުގެ ބަދަލުގައި ލިޔުމުން ޖަވާބު ހުށަހަޅުއްވައިފިއެވެ.
ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައިވާއިރު، ރިޔާސަތުގައި އިންނެވި ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މި މައްސަލައިގައި 2 ގަޑިއިރު ބަހުސް ކުރާނެ ކަމަށެވެ. އަދި ބަންޑާރަނައިބަށް ޖަވާބު ދިނުމަށް ބަހުސްގެ ތެރެއިން އަދި ނިމުމުން 10 މިނެޓްގެ ފުރުސަތު ދިނުމަށް އާންމު ކޮމިޓީން ފާސްކޮށްފައިވާކަމަށެވެ.
އެހެންނަމަވެސް ދިފާއުގައި ވާހަކަ ދެއްކެވުމަށް ބަންޑާރަނައިބު ރިއްފަތު މަޖިލީހަށް ހާޒިރުނުވާކަމަށާއި އޭގެ ބަދަލުގައި ލިޔުމުން ޖަވާބު ދީފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ޖުމުލަ 13 މެންބަރުން ސޮއި ކޮށް އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ މި މަހުގެ 11 ވަނަ ދުވަހުއެވެ. ބަންޑާރަނައިބު އިބްރާހިމް ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ ރާއްޖޭގެ ދެކުނުގެ މަސްކަނޑުން ބައެއް ގެއްލުނު މައްސަލައިގައެވެ.
ވަޒީރެއްގެ އިތުބާރު ނެތްކަމަށް ފާސް ވާނީ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތު ލިބިގެންނެވެ. އެއީ މަޖިލީހުގެ 87 މެމްބަރުންގެ ތެރެއިން 43 މެމްބަރުންގެ ވޯޓުންނެވެ. މަޖިލީހުގައި މިވަގުތު ތިބީ އެމްޑީޕީގެ 55 މެންބަރުން، ވަކި ޕާޓީއަކަށް ނިސްބަތްނުވާ 17 މެންބަރުން، ޕީޕީއެމްގެ 5 މެންބަރުން، ޕީއެންސީގެ 3 މެންބަރުން، އެމްއެންޕީގެ 3 މެންބަރުން، ޖޭޕީގެ 2 މެންބަރުން އަދި އެމްޑީއޭގެ 2 މެންބަރުނެވެ.