Last Updated: June 7, 18:41
Sunday, June 7, 2026
ޚަބަރު

ރިއްފަތު ހާޒިރުނުވުމުން އަމަލުކުރާނެ ގޮތަކާމެދު މަޝްވަރާ ކުރަނީ

ރައްޔިތުންގެ މަޖިލީހުގެ ތަޅުން-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އިތުބާރު ނެތްކަމުގެ މައްސަލައިގައި ބަންޑާރަނައިބު އިބްރާހިމް ރިއްފަތު މަޖިލީހަށް ހާޒިރުވެ ޖަވާބު ދިނުމުގެ ބަދަލުގައި ލިޔުމުން ޖަވާބު ދިނުމުން ދެން މައްސަލައިގައި އަމަލުކުރާނޭ ގޮތަކާމެދު މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ މެދުގައި މަޝްވަރާކުރުމަށް މަޖިލީހުގެ ޖަލްސާ މެދުކަނޑާލައިފިއެވެ.

އިތުބާރު ނެތްކަމުގެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީން ނިންމާފައިވަނީ މައްސަލައަށް ބަހުސް ކުރުމަށް ޖުމުލަ 2 ގަޑިއިރު، އެގޮތުން ބަހުސްގެ ތެރެއިން ޖަވާބު ދާރީވުމަށް ބަންޑާރަނައިބަށް 10 މިނެޓް އަދި ބަހުސް ނިމުމުން އިތުރު 10 މިނެޓް ދިނުމަށެވެ. އެހެންނަމަވެސް ލިޔުމުން ޖަވާބުދާރީވާ ހާލަތުގައި އަމަލުކުރާނޭ ގޮތެއް އާންމު ކޮމިޓީން ނިންމާފައެއް ނުވެއެވެ.

އިތުބާރުނެތްކަމުގެ މައްސަލައިގައި އާންމު ކޮމިޓީން ކަންކުރާނެ ގޮތް ނިންމާފައިވަނީ ބަންޑާރަނައިބު ހާޒިރުވާނެ ކަމަށް ބަލައިގެންކަން ފާހަގަކޮށް ރައީސް ނަޝީދު ވަނީ ބަންޑާރަނައިބު ހާޒިރުނުވެ ލިޔުމުން ޖަވާބު ދާރީވާ ހާލަތުގައި އަމަލުކުރާނޭ ގޮތެއް އާންމު ކޮމިޓީން ނިންމާފައިނުވާކަމަށެވެ. އެހެންކަމުން އެކަމުގައި "އިދާރީ މައްސަލައެއް" ނިކުތުމަކީ އެކަށީގެންވާ ކަމެއްކަމަށް ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.

ބަންޑާރަނައިބު ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ މެންބަރު އާދަމް ޝަރީފް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުށަހެޅުމުން މެންބަރު ހަސަން ލަތީފް ވަނީ ނިޒާމީ ނުކުތާ ނަގާ، ލިޔުމުން ޖަވާބުދޭ ހާލަތުގައި އަމަލުކުރާނޭގޮތެއް އާންމު ކޮމިޓީން ކަނޑައަޅާފައި ނެތްކަން ފާހަގަކުރައްވާފައެވެ. އެކަމުގައި ގިނަ މެންބަރުންތަކެއް ނިޒާމީ ނުކުތާ ނަގާ ވާހަކަ ދައްކާފައިވާއިރު ސަރުކާރަށް ތާއީދުކުރާ މެންބަރުން ބުނަމުން ގޮސްފައިވަނީ ލިޔުމުން ޖަވާބު ދެއްވިނަމަވެސް މައްސަލަ ކުރިއަށް ގެންދެވޭނެކަމަށެވެ.

މިކަމާ ގުޅިގެން ރިޔާސަތުގައި އިންނެވި ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެއްވެސް ހާލެއްގައި ވަޒީރަށް ލިބިވަޑައިގަންނަވާ ފުރުސަތުތައް ހަނިވާގޮތަކަށް އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ މިކަމުގައި ޤާނޫނުއަސާސީއަށް އަކުރުން އަކުރަށް ތަބާވާނެ ކަމަށާއި، އަދި އޭގެފަހުން މަޖިލީހުގެ ގަވައިދު، މީގެކުރިން މަޖިލީހުގައި ކަންކޮށްފައިވާގޮތް އަދި ޑިމޮކްރެޓިކް ގައުމުތަކުގައި އަމަލުކުރާގޮތަށް ބަލާނެ ކަމަށެވެ. މީގެއިތުރުން ވިދާޅުވީ ލިޔުމުން ވަޒިރު ޖަވާބުދޭ ހާލަތުގައި އަމަލުކުރާނެގޮތެއް އާންމު ކޮމިޓީން ނިންމާފައިނެތް ވާހަކަ، އެންމެ ކުޑަމިނުން ވަޒީރު އަރިހުގައި ދަންނަވަން ޖެހޭނެ ކަމަށެވެ.

މެންބަރުންގެ ނިޒާމީ ނުކުތާތަކާ ގުޅިގެން ރައީސް ނަޝީދު އިތުރަށް ވިދާޅުވީ ލިޔުމުން ޖަވާބު ދިނުމުގެ ފުރިހަމަ އިހްތިޔާރު ވަޒީރަށް ޤާނޫނުއަސާސީން ލިބިގެންވާ ކަމަށެވެ. އެހެންކަމުން އާންމު ކޮމިޓީން މިހާރު ނިންމަވާފައި އޮތް ނިންމެވުމަކީ ވަޒީރަށް ލިބިވަޑައިގަންނަވާ ފުރިހަމަ ދިފާއެއްތޯ ނުވަތަ ނޫންތޯ އޮޅުން ފިލުވަންޖެހޭ ކަމަށެވެ.

މައްސަލައިގައި ނިޒާމީ ނުކުތާ ގިނަވާން ފެށުމުން އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ވަނީ ނިޒާމީ ނުކުތާ ނަންގަވާ މަޖިލީހުގެ މެޖޯރިޓީ އަދި މައިނޯރިޓީ ލީޑަރު މަޝްވަރާ ކޮށްގެން އަވަހަށް ގޮތެއް ނިންމެވުމަށް އެދިފައެވެ. އެހެންކަމުން ރިޔާސަތުގައި އިންނެވި ރައީސް މުހައްމަދު ނަޝީދު ވަނީ މަޝްވަރާ ކުރުމަށް މަޖިލީހުގެ ޖަލްސާ ކުޑަ ވަގުތުކޮޅަކަށް މެދުކަނޑާލާފައެވެ.

ޖުމުލަ 13 މެންބަރުން ސޮއި ކޮށް އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ މި މަހުގެ 11 ވަނަ ދުވަހުއެވެ. ބަންޑާރަނައިބު އިބްރާހިމް ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ ރާއްޖޭގެ ދެކުނުގެ މަސްކަނޑުން ބައެއް ގެއްލުނު މައްސަލައިގައެވެ.