Last Updated: April 24, 23:11
Wednesday, April 24, 2024
ރިޕޯޓް

ހުޅުދޫގެ މިސްކިތްތަކުން ސާފުކަމާއި ނަލަކަން!

ހުރިހާ ރަށެއްގައި ވެސް މިސްކިތްތަކަކީ އާންމުކޮށް އެތަންތަން ބަލަހައްޓަން ހާއްސަ ސަމާލުކަމެއް ދެވޭ ތަނެކެވެ. އައްޑޫގެ އެކި އަވަށްތަކުގައު ވެސް ގިނަ އަދަދެއްގެ މިސްކިތްތަކެއް އެބަހުއްޓެވެ.

އެކަމަކު މި ފަހަރު ދައްކަން އޮތީ ވަކިން ހާއްސަކޮށް ހުޅުދޫގެ މިސްކިތްތަކުގަ ވާހަކަ އެވެ. އެ އަވަށުގައި 8 މިސްކިތެއް އެބަހުއްޓެވެ. މިއީ މުޅިން ވެސް އަމިއްލަ ފަރާތްތަކުން ބިނާކޮށްފައިވާ މިސްކިތްތަކެވެ. މިސްކިތްތައް ބަލަހައްޓަމުން އަންނަކީ އަވަށު އޮފީހުންނެވެ.

ހުޅުދޫގެ މިސްކިތްތަކުން އެންމެ ބޮޑަށް ފާހަގަކޮށްލެވޭ ކަމަކީ މިސްކިތްތަކުގެ ސާފު ތާހިރުކަމާއި ނަލަކަމާއި ޒީނަތްތެރިކަމެވެ. އެ އަވަށު މިސްކިތްތަކުގެ ގޯތިތެރެއިން ފެންނަނީ ފެހިކަމާއި ތާޒާއިކަމާއި މާމެލާމެލީގެ ގަސްތަކުގެ ހިތްގައިމުކަމެވެ. މިސްކިތްތައް ބަލަހައްޓަން ކުރާ މަސައްކަޔުގެ ތެރެއިން މިސްކިތްތަކުގެ ގޯތިތެރޭގައި ބަގީޗާ ގަސްތައް ހައްދައި، ނަލަ ކުރުމަކީ ހުޅުދޫ އަވަށު އޮފީހުގެ ފަރާތުން އެ މަސައްކަތްކުރާ މުނިސިޕަލް މުވައްޒަފުން ވަރަށް ލޯބިން އަދި އެހާމެ ޝައުގުވެރިކަމާ އެކީ ކުރަމުން އަންނަ މަސައްކަތެވެ.

އެހެންވެ ހުޅުދޫގެ ކޮންމެ މިސްކިތަކުން ވެސް ފެންނަނީ ހިތަށް ފިނިކަން ގެނުވައިދޭ ކަހަލަ މަންޒަރުތަކެކެވެ. މި ވާހަކަ ބައެއް މީހުން ސޯޝަލް މީޑިއާގައި ވެސް ފާހަގަކުރަމުން އަންނަ އިރު، ހުޅުދޫ ކައުންސިލަރު ހުސައިޒް ފައިޒް ވެސް ހުންނެވީ މިކަމާ ވަރަށް އުފަލުންނެވެ.

"އައްޑޫ ލައިވް" އަށް މިއަދު އޭނަ ވިދާޅުވީ މިސްކިތްތަކަށް ހާއްސަ ސަމާލުކަމެއް ދީގެން އަވަށު އޮފީހުން ވަރަށް ރަނގަޅަށް ބަލަހައްޓަމުިން އަންނަ ކަމަށެވެ. އޭގެ ނަތީޖާ ހަމަ ޔަގީނުން ވެސް ހުޅުދޫ މިސްކިތްތަކުން އެހެރީ ފެންނާށެވެ.

"ތާވަލެއްގެ ދަށުން ގަވައިދުން މިސްކިތްތައް ސާފުކުރުމާއި މިސްކިތްތަކުގައި ކުރަން ހުންނަ ކަންކަން އަބަދު ވެސް ކުރެވެމުން މި އަންނަނީ." އޭނަ ވިދާޅުވި އެވެ.

ހުޅުދޫގެ މިސްކިތްތައް ބެލެހެއްޓުމުގެ މަސައްކަތްތަކުގައި 11 މުވައްޒަފުން އުޅެ އެވެ. ފައިޒް ވިދާޅުވި ގޮތުގައި މި ޓީމަކީ ވަރަށް މުރާލި، ހީވާގި އަދި މަސައްކަތްތަކަށް ވަރަށް ފަރުވާ ބަހައްޓާ ޓީމެކެވެ.

"މި ކަހަލަ ޓީމެއް ލބިފައި އޮތުމަކީ ވަރަށް ބޮޑު ނަސީބެކޭ އަޅުގަނޑު ދަންނަވަނާނީ. މިސްކިތްތަކުން އެ ފެންނަ ސާފު ތާހިރުކަމާއި ޗާލު ކަމަކީ އެ މީހުންގެ ބުރަ މަސައްކަތް،" އޭނަ ވިދާޅުވި އެވެ. "އެކަމަށްޓަކައި އަބަދު ވެސް މުވައްޒަފުންނަށް ހާއްސަ ޝުކުރެއް އޮންނާނެ."

ފައިޒް ފާހަގަކުރެއްވި ގޮތުގައި މިސްކިތްތައް ބަލަހައްޓާ މުވައްޒަފުންގެ އިތުރަށް އެ އަވަށުގެ މުނިސިކަޕް މަސައްކަތްކުރާ އެންމެންނަކީ ވެސް އެއް ރޫހެއްގައި މަސައްކަތް ކުރާ ބައެކެވެ. އެހެންވެ މުޅި ރަށުތެރެއަށް ބަލާލިޔަސް މިހާރު އެކަން ފާހަގަކުރެވޭނެ ކަމަށް އޭނަ ވިދާޅުވި އެވެ.

"ވަކިން ހާއްސަކޮށް މިސްކިތްތަކުގެ މަސައްކަތަށް ބަލާ ނަމަ މި މަސައްކަތުގައި އުޅޭ އެންމެންނަކީ ވެސް ވަޒީފާއަކަށް ވުރެ ބޮޑަށް އެ މީހުންގެ އަމިއްލަ ކަމެއް ކަމަށް ދެކިގެން މިސްކިތްތައް ބަލަހައްޓާ މީހުން. އެހެންވެ މިހާރު އެއް މިސްކިތަށް ވުރެ އަނެއް މިސްކިތު ނަލަކުރަން ކުރާ މަސައްކަތުގައި ވާފަވެރިކަމުގެ ރޫހެއް ވެސް އެބައޮތް." ފައިޒު ވިދާޅުވި އެވެ. "ދެން އަޅުގަނޑުމެންގެ ފަރާތުން މުވައްޒަފުންނަށް ދޭން ޖެހޭ އެއްބާރުލުމާއި އެހީތެރިކަން އަބަދު ވެސް ފޯރުކޮށް ދެމުން މި އަންނަނީ. އެހެންވެ ހުޅުދޫގެ މިސްކިތްތައް ވަރަށް ރަނގަޅަށް ބެލެހެއްޓަމުން އަންނަނީ. މިކަމަށް އާންމުންނާއި ހެޔޮއެދޭ ފަރާތްތަކުގެ އެހީތެރިކަން ވެސް ވަރަށް ލިބޭ."

އޭނަ ވިދާޅުވި ގޮތުގައި މިސްކިތްތައް އެހާ ރަނގަޅަށް ބަލަހައްޓައި ބަގީޗާ ހައްދައި ރީނަތްތެރި ކުރަމުން އަންނަ އިރު، އާންމުންގެ ފަރާތުން ވެސް މިކަމަށް ވަރަށް ބޮޑު އެހީތެރިކަމަމާއި އެއްބާރުލުމއް ލިބެ އެވެ.

"އެހެންވެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ އަޅުގަނޑުމެންގެ މުވައްޒަފުންނަށް މިކަން ސަސްޓެއިންކުރެވެނީ،" ފައިޒް ވިދާޅުވި އެވެ. "މިސްކިތްތައް ހަޑިކުރުމާއި ގެއްލުން ދިނުން ފަދަ ކަންކަމެއް ނެތް."

ހުޅުދޫ ކައުންސިލަރު ފައިޒު.

އޭނަ ވިދާޅުވީ މިސްކިތް ބަލައްޓާ މުވައްޒަފުންގެ ތެރޭގައި ވަޒީފާ ދާއިމީ ނުވެ ތިބި މުވައްޒަފުންތަކެއް ތިބުމާ އެކީ އެ މީހުން ދާއިމީކޮށް ދޭން ވެސް ކައުންސިލުން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އަދި މިހާރު ހުޅުދޫގައި މިސްކިތް ބަލަހައްޓާ 11 މުވައްޒަފުންގެ ޓީމަކީ ނަމޫނާ މަސައްކަތެއް ކުރާ ބައެއް ކަމަށް ފައިޒް ވިދާޅުވި އެވެ.

"އެ މަސައްކަތުގެ އަގު އަބަދު ވެސް އަޅުގަނޑުމެން ވަޒަން ކުރާނަން. އަޅުގަނޑު ބުނާ ހިތްވަނީ މިފަދަ ޓީމެއް އޮތުމަކީ ހުޅުދު އަށް ލިބުނު ވަރަށް ބޮޑު ނަސީބެކޭ." އޭނަ ވިދާޅުވި އެވެ.

ހުޅުދޫގެ 8 މިސްކިތުގެ ތެރެއިން ހަތް މިސްކިތަކީ އޭސީކޮށް ކާޕެޓް ވެސް އަޅާފައިވާ މިސްކިތްތަކެވެ. އެ އަވަށުގައި ހުކުރު ކުރަނީ ދެ މިސްކިތެއްގަ އެވެ. ހުޅުދޫހައި ސަރުކާރުން މިސްކިތެއް ބިނާކުރަން ނިންމާފައިވާ އިރު، އެ އަވަށުގައި އަމިއްލަ ފަރާތުން ވެސް މިސްކިތެއް ބިނާކުރަން ހަމަޖެހިފައިވެ އެވެ.