ބޮލީވުޑްގެ މަޝްހޫރު ތަރި ރަންވީރު ސިންގް ވެސް ހޮލީވުޑްގެ ޓެލެންޓެ މެނޭޖްމަންޓް އެޖެންސިއަކާ އެކީ ސޮއިކޮށްފި އެވެ.
މީޑިއާތަކުން ބުނި ގޮތުގައި ހޮލީވުޑްގެ ފިލްމެއް ވެސް ކުޅެފައިވާ މަޝްހޫރު ބަތަލާ ދީޕިކާ ޕަދްކޯންގެ ފިރިމީހާ ސޮއިކުރީ ދާދި ފަހުން އިންޑިއާގެ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ ވެސް ގުޅުނު ނިއު ޔޯކްގެ ވިލިއަން މޮރިސް އެންޑެވާ (ޑަބްލިއުއެމްއީ) އާ އެކީގަ އެވެ. އެ އޭޖެންސީން މެނޭޖްކޮށްދޭ ހޮލީވުޑްގެ މަޝްހޫރު ތަރިންގެ ތެރޭގައި ބެން އެފްލެކް، ހިއު ޖެކްމަން، މެޓް ޑޭމަން، ކްރިސްޓިއަން ބޭލް، ޖެސިކާ އަލްބާ، ކޭޓް ބެކިންސޭލް އަދި މިޝެލް ވިލިއަމްސް ފަދަ ތަރިން ހިމެނެ އެވެ.
ހޮލީވުޑްގެ އެޖެންސީއަކާ ރަންވީރު ގުޅިފައިވާތީ ކުރިއަށް އޮތް ތަނުގައި އެ އިންޑަސްޓްރީން އޭނަ އަށް ފުރުސަތުތައް ހޯދައިދޭން މަސައްކަތް ކުރެވޭނެ އެވެ. ހާއްސަ މަޝްހޫރު ބޮޑެތި ސްޓޫޑިއޯތަކުގެ ޕްރޮޖެކްޓްތަކުންނެވެ.
Ranveer Singh, Indian Mega-Star Whose Credits Include Indian 'Gully Boy' & '83', Signs With WME https://t.co/o8MPcv8hVi pic.twitter.com/4qbHQxrl9S
— Deadline Hollywood (@DEADLINE) May 30, 2023
ބޮލީވުޑްގެ އެންމެ ބޮޑު ފިލްމު ކުންފުނި ޔާޝްރާޖް ފިލްމް (ވައިއާރްއެފް) 2010 ގެ "ބޭންޑް ބާޖާ ބާރާތު" އިން، ބޮލީވުޑަށް ނުކުތް ރަންވީރު ދާދި ފަހުން ވަނީ އެ ސްޓޫޑިއޯގެ ޓެލެންޓް ޔުނިޓާ ވަކިވެ، އޭނަގެ ކެރިއަރު ބައްޓަން ކުރަން އެހީވުމުގެ ގޮތުން އިންޑިއާގެ ޓެލެންޓް މެނޭޖްމަންޓް އެޖެންސީ، ކަލެކްޓިވް އާޓިސްޓްސް ނެޓްވޯކް (ސީއޭއެން) އާ ގުޅިފަ އެވެ.
ކާމިޔާބު ފިލްމުތަކެއް ކުޅެފައިވާ ރަންވީރުގެ ކުރިއަށް އޮތް ފިލްމަކީ ޖުލައި 28 އަށް ތާވަލުކޮށްފައި އޮތް "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އެވެ.
ހޮލީވުޑްގެ އެޖެންސީތަކާ އެކީ މި ފަހުން ސޮއިކުރި އިންޑިއާގެ ފަންނާނުންގެ ތެރޭގައި އާލިއާ ބަޓް، ޓައިގާ ޝްރޮފް، ރިތިކް ރޯޝަން، ވިދުޔަތު ޖަމްވަލް، ރާމް ޗަރަން، ޑައިރެކްޓަރު އެސްއެސް ރާޖަމޯލީ ފާހަގަކޮށްލެވެ އެވެ. އާލިއާ ކުޅުނު ފުރަތަމަ ހޮލީވުޑް ފިލްމު "ހާޓް އޮފް ސްޓޯން" މި އަހަރުގެ އޮގަސްޓްގައި ރިލީޒްކުރާނެ އެވެ.
ރަންވީރުގެ އަންހެނުން ދީޕިކާ ކުޅުނު ހޮލީވުޑްގެ ފިލްމަކީ 2017 ގެ "ޓްރިޕްކް އެކްސް: ރިޓާން އޮފް ޒެންޑަ ކޭޖް" އެވެ.