އިތުބާރު ނެތްކަމުގެ މައްސަލައިގައި ބަންޑާރަނައިބު އިބްރާހިމް ރިއްފަތު ލިޔުމުން ޖަވާބު ދެއްވާފައިވުމުން އަމަލުކުރާނޭ ގޮތެއް ސާފުކުރުމަށް ސުޕްރީމް ކޯޓުގެ ލަފައެއް ހޯދުމަކީ އެދޭގޮތްކަމަށް މަޖިލީހުގެ ރައިސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ބަންޑާރަނައިބު އިބްރާހިމް ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ މިއަދުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައިވާއިރު ބަންޑާރަނައިބު ވަނީ މައްސަލައިގައި ދެއްވާ ޖަވާބު ލިޔުމުން ހުށަހަޅާފައެވެ. އިތުބާރުނެތްކަމުގެ މައްސަލައިގައި އާންމު ކޮމިޓީން ކަންކުރާނެ ގޮތް ނިންމާފައިވަނީ ބަންޑާރަނައިބު ހާޒިރުވާނެ ކަމަށް ބަލައިގެންކަމަށް ވުމުން ލިޔުމުން ޖަވާބުދާރީވާ ހާލަތުގައި އަމަލުކުރާނޭ ގޮތެއް އާންމު ކޮމިޓީން ނިންމާފައެއް ނުވެއެވެ.
އެހެންވުމުން މައްސަލަ ކުރިއަށް ގެންދާނެ ގޮތަކާމެދު މަޖިލީހުގެ ސިޔާސީ ޕާޓީތަކުގެ މެދުގައި ވަނީ މަޝްވަރާކުރުމަށް މަޖިލިސް މެދުކަނޑާލިއެވެ. އޭގެފަހުން މަޖިލީހުގެ ޖަލްސާ ފައްޓަވާ ރިޔާސަތުގައި އިންނެވި ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ މެދުގައި ކުރިއަށްދިޔަ މަޝްވަރާއިން "ނަތީޖާއެއް ނުލިބުނު" ކަމަށެވެ.
އެގޮތުން ޕީޕީއެމް، ޕީއެންސީ އަދި އެމްއެންޕީން ދެކޭގޮތުގައި ޤާނޫނުއަސާސީގައި ބަޔާންކުރަނީ ބަންޑާރަނައިބު ހާޒިރުވާންޖެހޭނެކަމަށް ކަމަށާއި، އާންމު ކޮމިޓީން އެގޮތަށް ނިންމާފައިވަނީ ޤާނޫނުއަސާސީން އެނޫން ގޮތަކަށް އަމަކުލުކުރަން ޖާގަ ނުދޭކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ އެ ޕާޓީތަކުން ދެކޭގޮތުގައި ޤާނޫނުއަސާސީ ގައި ލިބިދީފައިވާ ހައްޤަކީ ކިތާބީ ހެއްކާ އެކުގައި މިތަނުގައި ޖަވާބުދާރީ ވުން ކަމަށާއި ޖަވާބު ދާރީނުވެ މިކަން ކުރިއަށްދާގޮތަަށް ޤާނޫނުއަސާސީގައި އޮތްކަމަށް އެ ބޭފުޅުން ނުދެކޭކަމަށެވެ.
ރައިސް ނަޝީދު ވިދާޅުވީ މިހާރު އަމަލުކުރާ ޤާނޫނުއަސާސީއަށް އަމަލުކުރަން ފެށިގެން 2009 ވަނަ އަހަރު އޭރުގެ ފޮރިން މިނިސްޓަރުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހެޅުނު ކަމަށާއި އެފަހަރު ވަޒީރު މަޖިލީހަށް ހާޒިރުވެ ޖަވާބު ދެއްވިކަމަށެވެ. އޭގެފަހުން 2013 ވަނަ އަހަރު ބަންޑާރަނައިބު ކަމުގައި ހުންނެވި އައިޝަތު އާޒިމާ ޝުކޫރު އިތުބާރު ނެތްކަމުގެ މައްސަލައިގައި މަޖިލީހަށް ލިޔުމުންވެސް ޖަވާބެއް ނުދެއްވާކަމަށާއި އަދި ހާޒިރުވެސް ނުވާ ކަމަށާއި އެންމެ ފަހުވަގުތުގައި އެންގެވީ އާލާސްކަންފުޅާ އުޅުއްވާކަމަށެވެ. އަދި އޭގެފަހުން ނައިބުރައީސް ޑރ. މުހައްމަދު ޖަމީލްގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ސޮއި ކުރައްވާ ލިޔުމެއް މަޖިލީހަށް ނުފޮނުއްވާ ކަމަށާއި އެހެންނަމަވެސް މަޖިލީހަށް ލިޔުމެއް ފޮނުއްވިކަމަށެވެ.
ރައީސް ނަޝިދު ވިދާޅުވީ ޤާނޫނުއަސާސީގައި ބަންޑާރަނައިބަށާއި ވަޒީރުބޭފުޅުންނަށް ލިބިދީފައިވާ ހައްޤަކީ ކިތާބީ ހެއްކާއެކު މަޖިލީހުގައި އަނގަބަހުން ޖަވާބުދާރީވުންކަމަށް ޕީޕީއެމް، ޕީއެންސީ އަދި އެމްއެންޕީން ދެކޭކަމަށެވެ. ޖަވާބުދާރީ ނުވެ މި މައްސަލަ ކުރިއަށް ގެންދާގޮތަކަށް ޤާނޫނުއަސާސީގައި ބަޔާންކޮށްފައި އޮތްކަމަކަށް ޕީޕީއެމް، ޕީއެންސީ އަދި އެމްއެންޕީން ނުދެކޭކަމަށް ވެސް ވިދާޅުވިއެވެ.
"މިބާވަތުގެ ކަންކަމުގައި އަޅުގަނޑުޖެހެނީ އިސްތިޝާރީ ލަފައެއް ހޯދަން. ޤާނޫނުއަސާސީ އެކުލަވާލެވުނުއިރު އޮތްގޮތާ މިބާވަތުގެ ޤާނޫނީވާހަކަތައް އަޅުގަނޑު އެދޭގޮތަކީ ސުޕްރީމް ކޯޓުން ނިންމެވުން. އަޅުގަނޑު މިތާއިނދެ ޤާނޫނުއަސާސީއާ ހިލާފަށް ވަޒީރު ބޭފުޅަކު ވަކިކުރުމުގެ މަސައްކަތް، އިޖުރާއަތުތައް ހިންގުން އެއީ އަޅުގަނޑަށް ކުރެވެން އޮތް ކަމެއް ނޫން." ރައީސް ނަޝީދު ވިދާޅުވިއެވެ.
އެހެންނަމަވެސް ސުޕްރީމް ކޯޓުގެ ލަފައެއް ހޯދޭނީ މަޖިލީހުން އެގޮތަށް ފާސްކޮށްގެންކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
މިއަދުގެ ޖަލްސާގައި ރައީސް ނަޝީދު ވަނީ އިތުބާރު ނެތްކަމުގެ މައްސަލަ މަޑުޖައްސާލާ މަޖިލީހުގައި ދެން މިއަދު ކުރިއަށްގެންދާނީ އެޖެންޑާގައި ދެން އޮތް މަސައްކަތްތައްކަން ފާހަގަކުރައްވާފައެވެ.