Last Updated: April 26, 11:19
Friday, April 26, 2024
ދުނިޔެ

"ބްލޫސްކައި" އަށް ބީޓާގައި ބޮޑު ތަރުހީބެއް

ޓްވިޓާ އުފެއްދުމުގައި އިސްކޮށް އުޅުއްވި އަދި އެ ކުންފުނީގެ ކުރީގެ ސީއީއޯގެ މަގާމު ވެސް ގިނަ ދުވަސްތަކެއް ވަންދެން އަދާކުރެއްވި ޖެކް ޑޯޒީގެ އާ ސޯޝަލް މީޑިއާ އެޕް، "ބްލޫސްކައި ސޯޝަލް" އަދި ބީޓާ ޓެސްޓިން މަރުހަލާގައި އޮތަސް، އެއަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އެއާ ބެހޭ އެންމެ ފަހުގެ ތަފާސްހިސާތަކުގައިވާ ގޮތުން "ބްލޫސްކައި" ބީޓާ މަރުހަލާގައި ބޭނުންކުރާ މީހުންގެ އަދަދު މިހާރު ވަނީ 100،000 އަށް އަރައިފަ އެވެ. އަދި މިހާތަނަށް އޭގައި ތިން މިލިއަނަށް ވުރެ ގިނަ ޕޯސްޓް ހިމެނެ އެވެ. އެއީ މި މަހުގެ 1 ގައި ރަސްމީކޮށް އޭގެ ޑޭޓާ އެއްކުރަން ފެށި ފަހުން ކޮންމެ އެކައުންޓަކުން އެވްރެޖްކޮށް 55 ޕޯސްޓް ކަމަށް ވެސް ބުނެފައިވެ އެވެ.

"ބްލޫސްކައި" އުފެއްދީ 2021 ގަ އެވެ. އެކަމަކު އަދި އާންމުކޮށް އެ އެޕް ދޫކޮށްލާނެ އިރެއް ހާމައެއް ނުކުރެ އެވެ. މި އެޕްގެ އައިއޯއެސް ވާޝަން ލޯންޗްކުރީ މިދިޔަ ފެބްރުއަރީގަ އެވެ. އަދި އެންޑްރޮއިޑް ވާޝަން ލޯންޗްކުރީ މިދިޔަ މަހުގެ ފަހުކޮޅު އެވެ.

"ބްލޫސްކައި" އުފެއްދިީ ޖެކް އާއި ޖޭ ގްރޭބާ ގުޅިގެންނެވެ. ކުންްފުނީގެ ސީއީއޯގެ މަގާމުގައި ޖޭ ހުންނެވި އިރު، ޑޯޒީ އަކީ ބޯޑު މެމްބަރެކެވެ. އޭނަ ޓްވިޓާގެ ސީއީއޯގެ މަގާމުން ވަކިވެވަޑައިގެންނެވީ 2021 ގެ ފަހުކޮޅު އެވެ.

މިދިޔަ އަހަރު މަހުޖަނު އީލޮން މަސްކް 44 ބިލިއަނަށް ޑޮލަރަށް ބައްލަވައިގަތް ޓްވިޓާ އަކީ ޖެކް އާއި ނޯއާ ގްލާސް އާއި ބިޒް ސްޓޯންގެ އިތުރުން އިވަން ވިލިއަމްސް އުފެއްދި އެއްޗެކެވެ.

މި މަހުގެ 26 ގައި ޖެކް ކުރެއްވި ޓްވީޓެއްގައި "އެމެރިކާގައި މައްސަލަތަކެއް އެބަހުރި" ކަމަށް ވިދާޅުވުމުން ނުސީދާކޮށް "ބްލޫސްކައި" އަށް އިޝާރާތްކޮށް "މައްސަލަ އަކީ ސޯޝަލް މީޑިއާ ކުންފުނިތައް މިހާރު މާ ގިނަވުންތޯ" އައްސަވައި އީލޮން އެ ޓްވީޓަށް ރައްދެއް ދެއްވާފައިވެ އެވެ.