Last Updated: June 7, 18:41
Sunday, June 7, 2026
ޚަބަރު

ރިއްފަތު ދިފާއު ކުރާނަން، އިތުބާރު އެބައޮތް

މެންބަރު އަބްދުލްޣަފޫރު މޫސާ- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުން މިސަރުކާރުގެ ބަންޑާރަނައިބު އިބްރާހިމް ރިއްފަތު ދިފާއު ކުރާނެ ކަމަށް ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ބަންޑާރަނައިބު ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާކުރިއިރު، ރިއްފަތު މަޖިލީހަށް ހާޒިރުނުވެ ލިޔުމުން ޖަވާބު ދެއްވުމުން އެ މައްސަލަ ކުރިއަށް ނުގެންދެވި ވަނީ ހުއްޓިފައެވެ. އަދި އެ މައްސަލައިގައި އަމަލުކުރާނޭގޮތެއް ސާފުކުރުމަށް ރިޔާސަތުގައި އިންނެވި ރައިސް މުހައްމަދު ނަޝީދު ހުށަހެޅުއްވީ ސުޕްރީމް ކޯޓުގެ ލަފައެއް ހޯދުމަށެވެ. އެހެންނަމަވެސް ލަފައަކަށް އެދެވޭނީ މަޖިލީހުން ފާސްކޮށްގެނެވެ.

އިތުބާރުނެތްކަމުގެ މައްސަލަ މަޑުޖައްސާލާ ދެން އެޖެންޑާގައި ހުރި މަސައްކަތްތައް މަޖިލީހުގެ ޖަލްސާގައި ކުރިއަށްގެންދާއިރު، މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މެންބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވީ އެޖެންޑާކޮށް ވޯޓަށް ނޭހިއޮތް އިތުބާރު ނެތްކަމުގެ މައްސަލައަކީ ސާފު މައްސަލައެއް ކަމަށެވެ. މެންބަރު ގަފޫރު ވިދާޅުވީ ބަންޑާރަނައިބު އެމަނިކުފާނަށް ލިބިފައިވާ ހައްގެއްގެ ބޭނުން ނުކުރުމަކީ މި މަޖިލީހުގައި އެކަމުގެ ވޯޓަށް ނޭހޭނެ ސަބަބެއް ކަމަށް ގަބޫލުނުކުރެވޭ ކަމަށެވެ.

ގަފޫރު ވިދާޅުވީ ރައްޔިތުންނަށް އޮޅުވާލަންވެގެން "ގައުމު ވިއްކާލި" ކަމަށް މަޖިލީހުގައި ބުނެ ވާހަކަ ދެއްކުމަކީ އެއްވެސް މާނައެއް ހުރިކަމެއް ނޫން ކަމަށާއި ރާއްޖޭގެ ކަނޑު ބަޔަކަށް ވިއްކާލައިގެން ނޫޅޭ ކަމަަށެވެ. އަދި ރައްޔިތުންނަށް އޮޅުވާލައިގެން ވޯޓުހޯދުމަށް ދައްކާވާހަކަތައް ރައްޔިތުން މިއަދު ގަބޫލު ނުކުރާނެ ކަމަށްވެސް ވިދާޅުވިއެވެ. މިސަރުކާރުން ރައްޔިތުންނަށް ގެއްލުންވާނޭ އެއްވެސް ކަމެއް ނުކުރާނޭކަމަށާއި އެކަމުގެ ޔަގީންކަން އޮބައޮތްކަމަށް ވިދާޅުވިއެވެ. އަދި ފުރިހަމަ އިތުބާރު ބަންޑާރަނައިބަށް އޮތްކަމަށްވެސް ގަފޫރު ވިދާޅުވިއެވެ.

"މިމަޖިލީހުން މި ގައުމުގެ އެޓާނީ ޖެނެރަލް ދިފާއު ކުރާނަން. އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގާ އެމަނިކުފާނު އެ މަގާމުން ބޭރެއް ނުކުރެވޭނެ." ގަފޫރު ވިދާޅުވިއެވެ.

ގަފޫރު ވިދާޅުވީ ބަންޑާރަނައިބު ރިއްފަތު ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ހޯދުމަށް ކުރި މަސައްކަތުން ލިބުނު އެއްޗެއް ކުޑަ ނޫންކަމަށެވެ. އަދި ރާއްޖޭގައި އެއްވެސް ސިޔާސީ ލީޑަރަކު ޗާގޯސް ހޯދުމަށް ކުރި އެއްވެސް މަސައްކަތެއް ނެތްކަމަށްވެސް ވިދާޅުވިއެވެ.