މި މަހު ލޯބިވެރިޔާ ރާގަވް ޗައްޑާއާ އެންގޭޖްވި ބޮލީވުޑްގެ ބަތަލާ ޕަރިނީތީ ޗޯޕްޅާގެ އާ ފިލްމު "ޗަމްކީލާ" ގެ ޓީޒާއެއް ދައްކާލައިފި އެވެ.
ޑައިރެކްޓަރު އިމްތިއާޒް އަލީ، ނެޓްފްލިކްސްއާ ގުޅިގެން ހަދާފައިވާ މި ފިލްމަކީ އުމުރުން އެންމެ 27 އަހަރުގައި 1988 ގައި މަރާލި މަޝްހޫރު ޕަންޖާބީ ލަވަކިޔުންތެރިޔާ އަމަރް ސިންގް ޗަމްކީލާގެ ވާހަކަ ކިޔައިދޭ ބައޮގްރަފިކަލް ޑްރާމާއެކެވެ. "ޗަމްކީލާ" ގެ ޓައިޓްލް ރޯލު ކުޅުނީ ޕަންޖާބީ އެކްޓަރު ދިލްޖީތު ދޮސަންޖެވެ.
ފިލްމުގެ ފުރަތަމަ ޓީޒާ ވެސް ދައްކައިލީ އޭނައާ އެކީގަ އެވެ. މީގައި ޕަރިނީތީގެ އެއްވެސް ފެނިލުމެއް ނެތެވެ. "ޗަމްކީލާ" އަކީ ދިލްޖީތާއި ޕަރިނީތީ ވެސް އިމްތިއާޒާ އެކީ މަސައްކަތްކުރި ފުރަތަމަ ފިލްމެވެ.
"ޖަބް ވީ މެޓް" އާއި ލަވް އާޖް ކަލް" އަދި "ރޮކްސްޓާ" ފަދަ މަގުބޫލު ފިލްމުތައް ގެނެސްދިން ޑައިރެކްޓަރުގެ އެންމެ ފަހުގެ ފިލްމަކީ ދެވަނަ ފަހަރަށް ތަފާތު ކާސްޓަކާ އެކީ 2020 ގައި ގެނެސްދިން "ލަވް އާޖް ކަލް" އެވެ.
"ޗަމްކީލާ" ރިލީޒްކުރަން ހަމަޖެހިފައި ވަނީ އަންނަ އަހަރު އެވެ.