ކަސްޓަމަރުންނަށް ފޯރުކޮށްދޭ ހިދުމަތް ފުރިހަމަ ކުރުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އާޓިފިޝަލް އިންޓަލިޖެންސް (އޭއައި) އެކުލެވޭ ޑިޖިޓަލް ބޭންކިންގ އެސިސްޓަންޓް، 'އާޔާ' މިއަދު ތައާރަފްކޮށްފިއެވެ.
ބީއެމްއެލްއިން ބުނެފައިވަނީ 'އާޔާ' އަކީ ބޭންކުގެ ވެބްސައިޓް، ފޭސްބުކް މެސެންޖަރ، ވައިބާ އަދި ވަޓްސްއެޕް މެދުވެރިކޮށް 24 ގަޑިއިރު ހިދުމަތް ލިބޭ އިންޓަލިޖެންޓް ޗެޓްބޮޓެއް ކަމަށެވެ. މި ޗެޓްބޮޓް ފަރުމާކޮށްފައިވަނީ ދިވެހި ބަހުންނާއި އިނގިރޭސި ބަހުން މުއާމަލާތް ކުރެވޭގޮތަށް ކަމަށާއި،'އާޔާ' އަށް ކަސްޓަމަރުންގެ ސުވާލުތަކަށް ވަގުތުން ޖަވާބުދެވި، ކަސްޓަމަރު ބޭނުންވާނަމަ ކަސްޓަމަރ ސަރވިސް އޭޖަންޓަކަށްވެސް ޗެޓް ޓްރާންސްފަރ ކޮށްލެވޭނެ ކަމަށް ބީއެމްއެލްއިން މައުލޫމާތުދެއެވެ.
މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ކާރލް ސްޓުމްކަ ވިދާޅުވީ، ބޭންކް އޮފް މޯލްޑިވްސް ފަދަ ބްރޭންޑްތަކާ ކަސްޓަމަރުން މުއާމަލާތް ކުރުމަށް ބޭނުންވާނީ އެފަރާތެއް ހިޔާރުކުރާ ޗެނަލެއް މެދުވެރިކޮށް ކަމަށެވެ. އެކި ޗެނަލްތައް މެދުވެރިކޮށް ސްމާޓްކޮށް މުއާމަލާތްކުރުމަށް 'އާޔާ' ފަރުމާކޮށްފައިވަނީ ޖެނެރޭޓިވް އޭއައި އަދި އެންމެ ފަހުގެ ނެޗުރަލް ލޭންގުއޭޖް ޕްރޮސެސިންގ (އެންއެލްޕީ) ބޭނުންކުރާ ޕްލެޓްފޯމެއްގެ ގޮތުގައި ކަމަށެވެ.
"ހިދުމަތްތައް ޑިޖިޓަލައިޒް ކުރުމަކީ ބޭންކަށް ވަރަށް މުހިންމު ކަމެއް. އަޅުގަނޑުމެން ފޯރުކޮށްދޭ ހިދުމަތްތަކަކީ އަވަސް، ޒަމާނާ ގުޅޭ، ކަސްޓަމަރުންނަށް ފަސޭހަ ޑިޖިޓަލް ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް އަޅުގަނޑުމެން މަސައްކަތްކުރާނަން. އަޅުގަނޑުމެންގެ އިންވެސްޓްމަންޓްގެ ނަތީޖާ މިހާރުވެސް މިދަނީ ފެންނަމުން." ކާރލް ވިދާޅުވިއެވެ.
Meet Aaya! 👋 Aaya is our AI chatbot and she can chat to you in Dhivehi and English.
She is available 24-hours through our website, Facebook Messenger, Viber and WhatsApp to help you with your day-to-day banking questions.
View more: https://t.co/Ji8aWHte1C pic.twitter.com/eBf6qp3QLi
— Bank of Maldives (@bankofmaldives) May 31, 2023
ބީއެމްއެލްއިން އަންނަނީ މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 38 ބްރާންޗް، 87 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 143 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުން މެދުވެރިކޮށް ހިދުމަތް ފޯރުކޮށްދެމުންނެވެ.