ބޮލީވުޑްގެ ބަތަލާ ރަވީނާގެ ދަރިފުޅު ރަޝާ ތަޑާނީ ވެސް ގްރެޖްއޭޓްވެއްޖެ އެވެ.
މިހާރު ބޮލީވުޑަށް ވެސް ނުކުންނަން ތައްޔާރުވަމުން އަން ރަޝާ، 21، ގްރެޖްއޭޓްވި ވާހަކަ ފޮޓޯތަކަކާ އެކީ ރަވީނާ އިންސްޓްގްރާމް ވެސް ހިއްސާކޮށްފައިވެ އެވެ. އޭނަ މަތީ ތައުލީމު ހާސިލުކުރީ ދިރުބާއީ އަމްބާނީ އިންޓަނޭޝަނަލް ސްކޫލުންނެވެ. ރަޝާ އަކީ ރަވީނާ އާއި ފިލްމު ޕްރޮޑިއުސަރު އަނިލް ތަޑާނީ އަށް ލިބުނު ދެ ކުދިންގެ ތެރެއިން ދޮށީ ދަރިފުޅެވެ. ދެން ހުންނަނީ ރަންބީރް ވަރުދާން ތަޑާނީ ކިޔާ ފިރިހެން ކުއްޖެކެވެ.
އަމިއްލަ ދަރިން ލިބުމުގެ ކުރިން ރަވީނާ ދެ އަންހެން ކުދިން ވެސް އެޑޮޕްޓްކުރި އެވެ، އެ ކުދިން ބޮޑެތިވެ މީހުންނާ އިނދެ މިހާރު ދަރިން ވެސް ލިބިފައިވެ އެވެ.
ރަޝާ ކިޔެވުން ނިންމާލި އިރު، އޭނަ ބޮލީވުޑަށް ނެރެން ނިންމާފައި ވަނީ ޑައިރެކްޓަރު އަބީޝެކް ކަޕޫރެވެ. އޭނަ އަކީ ސައިފް އަލީ ޚާންގެ ދަރިފުޅު ސާރާ އަލީ ޚާން ވެސް 2018 ގެ "ކޭދަރުނާތު" އިން ބޮލީވުޑަށް ތައާރަފުކުރި ޑައިރެކްޓަރެވެ. މީޑިއާތަކުން މި އަހަރުގެ ކުރީކޮޅު ރިޕޯޓްކޮށްފައިވާ ގޮތުގައި ރަޝާ ބޮލީވުޑަށް ނެރޭނީ ބޮޑު ބަޖެޓަކުން ހަދާ އެކްޝަން އެޑްވެންޗާ ފިލްމަކުންނެވެ. އޭގެ ކާސްޓްގައި އަޖޭ ދޭވްގަނާއި އޭނަ އަށް ބޮޑުބޭބެ ކިޔާ އަމަން ދޭވްގަންގެ އިތުރުން ޑަޔާނާ ޕެންޓީ ހިމެނޭ ކަމަށް މީޑިއާތަކުން ބުނެ އެވެ.
އިއްޔެގެ ގްރެޖްއޭޝަނަށް ފަހު ޗުއްޓީ އަށް ރަޝާ މި ވަގުތު ހުރީ ގޯއާގަ އެވެ.