Last Updated: April 23, 23:56
Tuesday, April 23, 2024
ޚަބަރު

މަގު ހެދުމުގެ މަޝްރޫޢުގެ ދެވަނަ ފޭހުގެ އަގު މާ ބޮޑު

އައްޑޫސިޓީ ކައުންސިލްގެ މޭޔަރ އަލީ ނިޒާރު / ފޮޓޯ: އައްޑޫސިޓީ ކައުްންސިލް

އައްޑޫ މަގު ހެދުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވައްސަށް މިހާރު މަސައްކަތް ކުރަމުންދާ ކޮންޓްރެކްޓަރގެ ފަރާތުން ލިބުނު އަގުތަށް ބޮޑުވުމުން ހައްލެއް ހޯދުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް އައްޑޫސިޓީ މޭޔަރ އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި އައްޑޫސިޓީ ކައުންސިލުގެ 4 ވަނަ ދައުރުގެ 102 ވަނަ ޖަލްސާގައި މީދޫ ކައުންސިލަރ އާމިނަތު ސާލިޙާ ވަނީ މީދޫގައި ހެދެމުންދާ މަގުތަކާއި ގުޅޭގޮތުން ރައްޔިތުންގެ ބައެއް ކަންބޮޑުވުންތައް ހުރިކަން ފާހަގަކޮށް، އެކަމާއި ގުޅޭގޮތުން ސުވާލުކުރައްވާފައެވެ. މިސުވާލަށް މޭޔަރ އަލީ ނިޒާރު ޖަވާބު ދެއްވަމުން ވަނީ އައްޑޫގެ ހުރިހާ މަގެއްވެސް ރަނގަޅު ފެންވަރެއްގައި ހެދޭނެ ކަމަށް ވިދާޅުވެފައެވެ.

އައްޑޫގެ މަގުހެދުމުގެ މަޝްރޫއުގެ ތެރެއިން 100 ކިލޯމީޓަރުގެ މަގު ރަނގަޅު ފެންވަރެއްގައި ހެދުމަށް ސަރުކާރުން ވަނީ ދެކުންފުންޏަކާއި ހަވާލުކޮށްފައެވެ. އެގޮތުން އިންޑިއާގެ އެފްކޮންސް ކުންފުންޏާއި މަަސައްކަތުގެ ބޮޑުބައި ހަވާލުކޮށްފައިވާއިރު، ބައެއް މަގުތައް ހެދުމަށް ޖީކޭޑީ ކުންފުންޏާއި ވަނީ ހަވާލުކޮށްފައެވެ. މިހުރިހާ މަގެއްވެސް ތަރައްޤީ ކުރަނީ ރަނގަޅު ފެންވަރެއްގެ ފެން ހިނދުވާ ނިޒާމަކާއި އެކުގަ އެވެ.

މިމަސައްކަތުގެ އަޕްޑޭޓެއް ކައުންސިލާއި ހިއްސާ ކުރައްވަމުން ނިޒާރު ވަނީ ފުރަތަމަ ފޭސްގައި ހަމަޖެހިފައި އިނީ 40 ކިލޯމީޓަރު މަގު ތާރު ނުވަތަ ގާ އަޅައިގެން ހަދާގޮތަށް ކަމަށެވެ. އަދި ބާކީ 60 ކިލޯމީޓަރު ސީޓީބީ ނުވަތަ ސިމެންތި ޓްރީޓެޑް ބޭސް ލޭޔަރ އެއް އަޅައިގެން ހަދާ ގޮތަށް ކަމަށެވެ. ނަމަވެސް މުޅި މަޝްރޫޢު ނިންމަން އޮތީ ދެވަނަ ފޭސް ވެސް ހިމަނައިގެން ކަމަށްވާއިރު ހުރިހާ މަގެއްގައި ތާރު ނުވަތަ ގާ އަޅައިގެން ނިންމަން އޮތް ކަމަށް ވިދާޅުވިއެވެ.

" ސަރުކާރުން ދެވަނަ ފިޔަވަހީގެ މަސައްކަތް ފެށުމަށް މިހާރު މަސައްކަތް ކުރާ ކޮންޓްރެކްޓަރއާއި އެއްކޮށް، ވާހަކަ ދެކެވި އަގުތަކެއް ލިބިގެން ހުށަހެޅުނުއިރު، އަގުތަށް އުއްމީދު ކުރިވަރަށްވުރެ މާ ބޮޑު. ނިޒާރު ވިދާޅުވިއެވެ. " އަލުން އިއުލާން ކޮށްގެން ކުރާނަމަ މާ ދިގު ޕްރޮސެސްއެއް އެއީ. އެކަމަށް އަވަސް ހައްލެއް ހޯދުމަށް ސަރުކާރުން މަސައްކަތް އެބަ ކުރޭޭ "

ނިޒާރު ވަނީ އައްޑޫގެ މަގު ހެދުމުގެ މަޝްރޫޢު ނިމޭއިރު ހުރިހާ މަގެއްވެސް ތާރު ނުވަތަ ގާ އެޅިގެން ނިންމާލެވޭނެ ކަމުގެ ޔަޤީންކަން ލިބިފައިވާ ކަމަށެވެ. އަދި މިހާރު ހުރިހާ އަވަށެއްގައި ސީޓީބީ އެޅިފައިހުރި މަގުތަކުގައި ތާރު ނުވަތަ ގާ އަޅާނެ ކަމަށް މޭޔަރ ވިދާޅުވިއެވެ. އެގޮތުން ތާރު އަޅަނީ ވަކިވަރަކަށް ވުރެ ފުޅާ މަގުތަކުގައި ކަމަށާއި، ގާ އަޅަން ހަމަޖެހިފައިވަނީ އެޔަށް ވުރެ ހަނި މަގުތަކުގައި ކަން މޭޔަރ ފާހަގަ ކުރެއްވިއެވެ.

އައްޑޫ މަގު ހެދުމުގެ މަޝްރޫޢު ފުރަތަމަ ފިޔަވަހީގެ ވަރަށް ބޮޑުބައި މަސައްކަތް މިހާރު ނިމިފައިވާއިރު، މަގު ހެދުމުގެ ޕްރޮޖެކްޓްގެ ދެވަނަ ފިޔަވަހި ފެށޭނެ ތަރީހެއް އަދި ސަރުކާރުން ހާމައެއް ނުކުރެއެވެ. ދެވަނަ ފިޔަވަހީގެ މަސައްކަތް ނުފެށި ލަސްވުމުން ބައެއް މަގުތަކުގައި މަސައްކަތް އެއްގޮތަކަށްވެސް ނުކޮށް ހުއްޓިފައިވާއިރު މިކަމުގެ ކަންބޮޑުވުންތައް އެބަހުއްޓެވެ.