Last Updated: June 7, 18:41
Sunday, June 7, 2026
ޚަބަރު

އާބަންކޯގެ ފުޑް ކާނިވަލް އަންނަ މަހު

އާބަންކޯ އާއި ތިންކް އެސޯސިއޭޓްސް ދެމެދު އެއްބަސްވުމުގައި ސޮއިކުރުން / ފޮޓޯ: އާބަންކޯ

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޑް ކާނިވަލް އަންނަ ޖޫން މަހުގެ 20 އިން 24 އަށް ކުރިއަށް ދާނެ ކަމަށް އާބަންކޯއިން ބުނެފިއެވެ.

އާބަންކޯ ޓައިޓަލް ސްޕޮންސަރއެއްގެ ގޮތުގައި ހަމަޖެހިފައިވާ ފުޑް ކާނިވަލް އަކީ ތިންކް އެސޯސިއޭޓްސްއިން އިންތިޒާމުކޮށްގެން ބާއްވާ ހަރަކާތެކެވެ. މި ކާނިވަލްގެ ސްޕޮންސަރޝިޕް އެއްބަސްވުމުގައި ސޮއިކޮށްފައިވާއިރު، އާބަންކޯގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރީ އެކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ އަހުމަދު އާތިފްއެވެ. ތިންކް އެސޯސިއޭޓްސްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ އިސްމާއިލް އާދިލްއެވެ.

މި ހާއްސަ ކާނިވަލުގައި ރާއްޖޭގެ އެކި ރަހަތަކާއި ދުނިޔޭގެ އެކި ރަހަތައް ލިބިގެންދާނެއެވެ. އަދި ކާބޯތަކެތީގެ ވިޔަފާރީގައި އުޅޭ އެކި ފަންތީގެ ވިޔަފާރިތަކަށް ވެސް ޕްރޮޑަކްޓްތައް ދައްކާލުމުށާއި މާކެޓް ކުރުމުގެ ފުރުސަތު މި ކާނިވަލް މެދުވެރިކޮށް ލިބިގެންދާނެ ކަމަށް އާބަންކޯއިން ހާމަކުރެއެވެ. ކާނިވަލް ބޭއްވުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ސެންޓްރަލް ޕާކް ސަރަހައްދުގައެވެ.

ތިންކް އެސޯސިއޭޓްސްގެ ފަރާތުން ބާއްވާ މި ހާއްސަ ކާނިވަލަކީ 4 ދުވަހައް ކުރިއަށް ދާނެއެވެ. އާބަންކޯއިން ބުނި ގޮތުގައި މަޖާ އުފާވެރި މާހައުލެއްގައި، ހުރިހާ އުމުރުފުރާއަކަށް ވެސް ބައިވެރިވެވޭނެ ގޮތަށް ގޭމްތަކާއި، ތަފާތު ގިނަ މީރު ކާނާތައް އެއްތަނަކުން ކާނިވަލެއްގެ ސިފައިގައި ތަޖުރިބާ ކޮށްލުމަށް ފުރުސަތު މި ހަރަކާތުގެ ތެރެއިން ލިބިގެން ދާނެ ކަމަށެވެ.