އެސްޓީއޯގެ މިދިޔަ އަހަރުގެ ފައިދާ އިން ހިއްސާ އަކަށް 77ރ. ބަހަން ފާސްކޮށްފި އެވެ.
އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގައި ހިއްސާދާރުންނަށް 77ރ. ފާސް ކުރަން ބޯޑުން ނިންމީ ހިއްސާދާރުންގެ އަޣުލަބިއްޔަތުންނެވެ. މިއީ 2021 ގައި ހިއްސާއަކަށް ލިބުނު އަދަދަށްވުރެ 12ރ. ބޮޑު އަދަދެކެވެ.
މި ޖަލްސާގައި އާންމު ހިއްސާދާރުން ތަމްސީކުރާ ޑިރެކްޓަރުގެ މަގާމަށް މުހައްމަދު އަހުސަން ސަލީމް ވަނީ ހޮވައިފަ އެވެ. އަދި އެސްޓީއޯ އޮޑިޓްކުރާ ކުންފުންޏަކަށް މި އަހަރު ވެސް ޕީޑަބްލިޔޫސީ ހަމަޖެއްސި އެވެ.
އެސްޓީއޯއަށް މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި 18.2 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ 2021 ވަނަ އަހަރާއި އަޅާބަލާއިރު 79 ޕަސެންޓްގެ ކުރިއެރުމެކެވެ.
އެސްޓީއޯއިން ބުނިގޮތުގައި އެ ކުންފުނީގެ އާމްދަނީ މިދިޔަ އަހަރު އިތުރުވުމުގެ މައިގަނޑު ސަބަބަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާއެކު، މިދިޔަ އަހަރު އެ ކުންފުނިން ވިއްކި ތެލުގެ އަދަދު ވެސް އޭގެ ކުރީ އަހަރާއި އަޅާބަލާއިރު 27 ޕަސެންޓް އިތުރުވެފައިވުމެވެ.
އެސްޓީއޯ އަށް މިދިޔަ އަހަރު ޖުމްލަ ފައިދާގެ ގޮތުގައި ދެ ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި 2021 ވަނަ އަހަރު ޖުމްލަ ފައިދާގެ ގޮތުގައި ލިބިފައި ވަނީ 1.5 ބިލިއަން ރުފިޔާ އެވެ. މިއީ 41 ޕަސެންޓްގެ ކުރިއެރުމެކެވެ.