Last Updated: March 29, 02:52
Friday, March 29, 2024
ކުޅިވަރު

ޔުރޮޕާ ލީގު ޗެމްޕިއަންކަން ސެވިއްޔާ އަށް

ޕެނަލްޓީގައި ރޯމާ 4-1 އިން ބަލިކޮށް ޔޫރޮޕާ ލީގުގެ ޗެމްޕިއަންކަން ސެވިއްޔާ އިން ހޯދައިފި އެވެ.

މިއީ ސެވިއްޔާ އިން ޔޫރޮޕާ ލީގުގެ ޗެމްޕިއަންކަން ހޯދި ހަތްވަނަ ފަހަރެވެ. މި މުބާރާތުގެ ޗެމްޕިއަންކަން ހޯދުމުގެ ސެވިއްޔާ މިހާރު ވަނީ އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގަށް ކޮލިފައިވެ އެވެ.

ހަންގޭރީގެ ޕުސްކަސް އެރީނާ ސްޓޭޑިއަމްގައި ރޭ ކުޅުނު ފައިނަލް މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު ވެސް އޮތީ 1-1 އިން އެއްވަރުވެފަ އެވެ.

ރޭގެ މެޗުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށް ލީޑު ނެގީ ރޯމާ އިންނެވެ. އެގޮތުން ޖިއާންލޫކާ މަންޗީނީ ދިން ބޯޅައެއް ހިފައިގެން ސެވިއްޔާ ޕެނަލްޓީއޭރިއާ ތެރެއަށް ވަދެ ފޮނުވާލި ހަމަލާއަކުން ރޯމާ އަށް މެޗުގެ 34 ވަނަ މިނެޓްގައި ލީޑު ނަގައިދިނީ ޕައުލޯ ޑިބާލާ އެވެ. މި ގޯލަށް ފަހު ސެވިއްޔާ އިން ކުޅުން ރަނގަޅު ކުރިއިރު ފުރަތަމަ ހާފްގެ ފަހު ވަގުތުކޮޅުތެރޭ ސެވިއްޔާގެ އިވާން ރަކިޓިޗް ދުރުން ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ގޯލުގެ ދަނޑި އަށެވެ.

ރޯމާ ލީޑުގައި އޮވެ ފުރަތަމަ ހާފް ނިމުނު ނަމަވެސް މެޗުގެ 55 ވަނަ މިނެޓްގައި ސެވިއްޔާ އިން ވަނީ ނަތީޖާ އެއްވަރުކޮށްފަ އެވެ. މި ގޯލަކީ ރޯމާގެ ޑިފެންޑަރު މަންޗީނީ އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. މި ގޯލަށްފަހު ސެވިއްޔާ އިން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް ރޯމާގެ ގޯލަށް މާބޮޑު ނުރައްކަލެއް ކުރެވިފައެއް ނުވެ އެވެ. މެޗުގެ 83 ވަނަ މިނެޓްގައި މި މެޗުން މޮޅުކޮށްދޭން ރޯމާގެ ފޯވާޑް ބެލޮއްޓީ އަށް ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފަ އެވެ.

މެޗުގެ 90 މިނެޓްގެ ކުޅުން ހަމަވިއިރު ދެ ޓީމުވެސް އެއްވަރުވެފައި އޮތުމުން ދެން ކުޅުނީ 15 މިނެޓްގެ ދެ ހާފެވެ. އެ ދެ ހާފު ކުޅެގެން ވެސް ނަތީޖާ އަށް ބަދަލެއް ނައުމުން ނަތީޖާ ދެން ނެރުނީ ޕެނަލްޓީންނެވެ. ޕެނަލްޓީގައި ސެވިއްޔާ އިން ޖެހި ހުރިހާ ޕެނަލްޓީއެއް ކާމިޔާބު ކުރިއިރު ރޯމާގެ މަންޗީނީ އާއި އިބާނޭޒް ފޮނުވާލި ޕެނަލްޓީތައް ދިފާއުކުރުމުގައި ސެވިއްޔާގެ މޮރޮކޯ ކީޕަރު ބޯނޯގެ ހުޝިޔާރުކަން ވަނީ ފެނިގެން ގޮސްފަ އެވެ.

މިއީ ރޯމާގެ ކޯޗު ހޯޒޭ މޮރީނިއޯގެ ކެރިއަރުގައި އޭނާ އަށް ކާމިޔާބު ނުކުރެވުނު ޔޫރަޕްގެ ފުރަތަމަ ބޮޑު ފައިނެލެވެ. މީގެކުރިން ކުޅުނު ޔޫރަޕްގެ ބޮޑު ފަސް ފައިނަލުން މޮރީނިއޯ ވަނީ ކާމިޔާބު ހޯދައިފަ އެވެ.