Last Updated: April 24, 12:56
Wednesday, April 24, 2024
މުނިފޫހިފިލުވުން

ހެލެންގެ ބައޯޕިކަކަށް ޝައުގުވެރިވޭ: ނޯރާ

ހިންދީ ސިނަމާގެ ރަންޒަނާމުގައި ފިލްމުތަކުގެ ލަވަތަކަށް ނަށައިގެން "އައިޓަމް ގާލް" އެއްގެ ގޮތުގައި މަޝްހޫރުވި ބަތަލާ ހެލެންގެ ބައޮގްރަފިކަލް ޑްރާމާއަކަށް ޝައުގުވެރިވާ ކަމަށް ބޮލީވުޑްގެ މިހާރުގެ މަޝްހޫރު "އައިޓަމް ގާލް" ނޯރާ ފަތުހީ ބުނެފި އެވެ.

"ދިލްބަރު" އާއި "އޯ ސާކީ ސާކީ" އަދި "ކުސޫ ކުސޫ" ފަދަ އެތައް ލަވައަކުން ބެލުންތެރިންގެ ހިތްތައް ފަހަތަކޮށްފައިވާ ނޯރާ ވަނީ މި ހަފުތާގައި އަބޫ ދާބީގައި ބޭއްވި މި އަހަރުގެ އައިފާ އެވޯޑްސްގައި ހެލެންގެ ބައެއް ލަވަތަކަށް ސްޓޭޖްގައި ނަށައި، ހިތްގައިމު ޓްރިބިއުޓެއް ވެސް ދީފަ އެވެ.

އެ ޕަފޯމަންސަށް ފަހު މީޑިއާތަކުން ހެލެންގެ ބައޯޕިކަކުން ފުރުސަތެއް ލިބިއްޖެ ނަމަ ގަބޫލުކުރާނަންތޯ އެހުމުން ނޯރާ ބުނީ އެކަމާ އެއްވެސް ޝައްކެއް ނެތް ކަމަށެވެ.

"އަދި އެފަދަ ފުރުސަތެއް ލިބުން ވާނީ އަހަންނަށް ލިބޭ ވަރަށް ބޮޑު ފަހުރަކަށް." ސަލްމާން ޚާންގެ ދޮންމަންމައާ ބެހޭ ގޮތުން އޭނަ ބުންޏެވެ.

ނޯރާ ބުނީ އެއްވެސް ޑައިރެކްޓަރަކު/ޕްރޮޑިއުސަރަކު ހެލެންގެ ބައޯޕިކެއް ހަދާ ނަމަ އޭނައާ ދޭތެރޭ ވިސްނާލަން އުންމީދު ވެސް ކުރާ ކަމަށެވެ. ހެލެން އަށް ތައުރީފު ކުރަމުން ނޯރާ ބުނީ އެ ނެށުގައި އެފަދަ ދެވަނައެއް ނެތް ފަންނާނެއް ކަމަށެވެ. އަދި ހެލެންގެ ހުރިހާ ލަވަތަކެއް ވެސް ވަރަށް ބޮޑަށް ބަލާފައިވާ ކަމަށް ބުންޏެވެ.

"އަހަންނަށް ހީވަނީ އަހަރެމެން ދެ މީހުންގެ ކިބައިގައި ވަރަށް އެއްގޮތް ކަންތައްތަކެއް ވެސް އެބަހުރިހެން،" ނޯރާ ބުންޏެވެ. "ހެލެން އަކީ ހިންދީ ސިނަމާގައި ނެށުން މުޅިން އެހެން ހަރުފަތަކަށް ގެންދިޔަ ބަތަލާއެއް. އެއީ އަހަރެން ނަމޫނާއަކަށް ބަލާ ފަންނާނެއް."

މިހާރު އުމުރުން 84 އަހަރުގެ ހެލެން ވަނީ ވަރަށް މަގުބޫލު އެތައް ލަވައަކުން ފެނިފަ އެވެ. އޭގެ ތެރޭގައި "ޕިޔަ ތޫ" އާއި "އާޖު ކީ ރާތު"، "އާ ޖާނާ ޖޭ"، "މޭރާ ނާމް ޗިން ޗިން ޗޫ" އަދި "ޔޭ މޭރަ ދިލް" ފަދަ އެތައް ލަވައެއް ހިމެނެ އެވެ.