އައްޑޫ މަރަދޫފޭދޫގައި ތޫޏު އެއްޗެއް ހަރައި ރޭ ޒަހަމްކޮށްލި މީހާ އަށް ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަނިކޮށް މިއަދު މަރުވެއްޖެ އެވެ.
މި ހާދިސާގައި މަރުވީ އެ އަވަށު ބްލޫ ސްޓާ އަހުމަދު ޝުއައިބް، 27، އެވެ. އޭނަ މަރުވީ ހަށިގަނޑުގެ އެކި ތަންތަނަށް ހަމަލާ ދިނުމާ ގުޅިގެން ލިބުނު ސީރިއަސް ގެއްލުންތަކަށް އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގައި ފަރުވާ ދެމުން ދަނިކޮށެވެ. އެނގިފައިވާ ގޮތުގައި މަރުވި ޒުވާނާ އަށް ހަމަލާ ދިނީ އޭނަގެ ކޮއްކޮ އެވެ. އަދި ދެބެއިންގެ މެދުގައި މާރާމާރީ ހިންގީ މަސްތުވާތަކެތީގެ މައްސަލައެއްގައި ކަމަށްވެ އެވެ.
މި މާރާމާރީގައި ޒަހަމްވި މީހާ މަގުމަތީގެ ޕޭވްމަންޓް މައްޗަށް ވެއްޓިފައި އޮންނަ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި އާންމުވެފައިވާ އިރު، ތޫނު އެއްޗަކުން ވަރަށް ބޮޑަށް ޒަހަމްކޮށްލުމުން އޭނަ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް އޮތީ ލެއިން ތަތްތެޅިފަ އެވެ. ޒުވާނާ މަރުވީ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށެވެ.
ފުލުހުން ބުނީ އެ ހާދިސާގެ ރިޕޯޓް ލިބުނީ 12:00 ޖަހަން އުޅެނިކޮށް ކަމަށާއި އެ މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް ހަމަލާދިން މީހާ ހައްޔަރުކުރި ކަމެއް ނުވަތަ ނޫން ކަމެއް ފުލުހުން ކަށަވަރެއް ނުކޮށްދެ އެވެ.
މިދިޔަ އަހަރުގެ ޖޫން މަހުގެ ފުރަތަމަ ދުވަހު ފޭދޫގައި ހިންގި މާރާމާރީއެއްގައި ވެސް ތޫނު އެއްޗަކުން ހަމަލާދީ 21 އަހަރުގެ މީހަކު މަރާލާފައިވެ އެވެ. ފޭދޫ ސޮލިޑް، މުހައްމަދު ޒަޔާން މޫސާ، ޖޫން 2، 2022 ގައި މަރުވީ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށެވެ.