Last Updated: April 25, 22:42
Thursday, April 25, 2024
މުނިފޫހިފިލުވުން

ޝަރަފު؛ އެންމެ ޑިމާންޑް ބޮޑު އެކްޓަރުތަ؟

ކުރިއަރަމުން އަންނަ އެކްޓަރު ޝަރަފު އަބްދުﷲ އަކީ މިހާރު ވަރަށް ގިނަ އުފެއްދުންތަކުން ފެންނަ މޫނެކެވެ. އޭގެ ތެރޭގައި ވެބް ސީރީޒްތަކާއި ފިލްމުތައް ވެސް ހިމެނެ އެވެ.

މި އުންމީދީ އެކްޓަރަކީ މިހާރު ބައިސްކޯފުން ގެނެސްދެމުން އަންނަ "ޔާރާ" ކާސްޓްގައި ވެސް ހިމެނޭ އެކެކެވެ. އަދި އެ ޕްލެޓްފޯމުން ދާދި ފަހުން ގެނެސްދިން "މިރާއީ" ގެ ލީޑް އެކްޓަރަކީ ވެސް ޝަރަފެވެ. މިހެން ގޮސް މިހާތަނަށް ޝަރަފު ވަނީ ގިނަ އުފެއްދުންތަކަކުން ފެނިގެން ގޮސްފަ އެވެ.

ބެލުންތެރިންނާ ހަމައަށް އައި އޭނަގެ ފުރަތަމަ ފީޗާ ފިލްމަކީ މާޗް މަހު ޑާކް ރެއިން އެންޓަޓައިމަންޓުން މީޑިއާ ނެޓްގައި ޕްރީމިއާކުރި "ހިނދުކޮޅެއް" އެވެ. އެކަމަކު މި ފިލްމަކީ ޝަރަފު ކުޅުނު ފުރަތަމަ ފީޗާ ފިލްމެއް ނޫނެވެ. އޭނަ ކުޅުނު ފުރަތަމަ ފީޗާ ފިލްމަކީ މިހާރު، މި އަހަރުގެ އޮގަސްޓް 6 އަށް ތާވަލުކޮށްފައި "ނީނާ" އެވެ. ދެހާސް ވިހީގައި ޝޫޓްކުރި މި ފިލްމު ލަސްވީ ކޮވިޑާ ހެދި އެވެ.

"ނީނާ" ގެ ފަހުން މިހާތަނަށް އެތައް މަސައްކަތެއް ޝަރަފު ކޮށްފި އެވެ. އެގޮތުން އެ ފިލްމުގެ ޑައިރެކްޓަރު އިލްޔާސް ވަހީދު އިއްލެ) މިހާތަނަަށް ގެނެސްދިން އެކި އުފެއްދުންކުގައި ޝަރަފު ހިމެނެ އެވެ.

މިހާރު އެންމެ ފާހަގަކޮށްލެވެނީ ރާއްޖޭގެ އެންމެ ކާމިޔާބު ސްޓޫޑިއޯ ކަމަށްވާ ޑާކް ރެއިންގެ އުފެއްދުންކުން ވަރަށް ބޮޑަށް ފުރުސަތު ލިބޭ އެކްޓަރެއްގެ ގޮތުގައި ޝަރަފު ފާހަގަކުރެވުމެވެ. އެހެންވެ މިއީ ކުރިން އެ ސްޓޫޑިއޯގެ މޫނުމަތި ރަމްޒުކޮށް ދިން އެކްޓަރު ޖުމައްޔިލް ނިމާލު (ޖުމަލް) "ނިޒާމުން ގެއްލިފައިވާތީ" އޭނަ ނެތްކަމުގެ ފަޅުކަން ޑާކް ރެއިނަށް ފިލުވައިދޭ އެ ސްޓޫޑިއޯގެ މިހާރު ވަރަށް ބޮޑު ފެވަރިޓިކޭ ވެސް ބުނެވިދާނެ އެވެ.

ޑާކް ރެއިންގެ ދެ ޕްރޮޖެކްޓެއް މިހާރު ވެސް ޝަރަފުގެ އަތުގައި އެބައޮތެވެ. އެއީ މި އަހަރުގެ ޑިސެމްބަރުގައި އޮލިމްޕަހަށް ގެންނަން ނިންމާފައިވާ "ބަޅިނދު" ގެ އިތުރުން މިހާރު ބާރަށް ޝޫޓިން ކުރިއަށްދާ "ފުރޭތަ" އެވެ.

މީގެ އިތުރުން ޝަރަފު އަންނަނީ "މިރާއީ" ސީރީޒްގެ ޑައިރެކްޓަރު އަޒްހާން އިބްރާހީމްގެ އަލަތު ފީޗާ ފިލްމު "މީ އިޝްގު" ވެސް މަސައްކަތް ކުރަމުންނެވެ.

ކައިވެނި ވެސް ކޮށްގެން އުޅޭ ޝަރަފު މިހާރު ފާހަގަކޮށްލެވެނީ ބާރު ސްޕީޑްގައި ކުރިއަރަމުން އަންނަ ލީޑް އެކްޓަރެއްގެ ގޮތުގަ އެވެ. އެކިއެކި ޕްރޮޑަކްޝަން ހައުސްތަކުން އޭނަ އަށް އަންނަނީ ފުރުސަތު ލިބެމުންނެވެ. އެގޮތުން އިއްލެގެ އައި ފިލްމްސް އާއި ޑާކް ރެއިން އަކީ މިހާރު ޝަރަފުގެ އެކްޓިން ކެރިއަރުގެ ވަރަށް މުހިއްމު ދެ ތަނބެވެ.

އޭނަ އެކްޓިން އަށް ނެރުނީ އިއްލެ އެވެ. އެހެންވެ އޭނަގެ "ނީނާ" އިން ބޮޑު ސްކްރީނުގައި ޝަރަފު ދައްކައިލާ ހުނަރު ބަލާލުމަކީ ދިވެހި ފިލްމުތަކަށް ލޯބިކުރާ މީހުންނަށް މި އަހަރު ވަރަށް ހާއްސަ ކަމަކަށް ވާނެ އެވެ.